ޔާމީނާ ގުޅޭ ރިޕޯޓް ސައްހައެއް ނޫން، ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަނީ

"މި ރިޕޯޓަކީ ފުލުހުންގެ ރަސްމީ ލިޔެކިޔުންތަކުގައި ބޭނުންކުރާ ޕޯމެޓް ކޮޕީކޮށްގެންނާއި އަދި ފުލުހުންގެ ބައެއް އިސްވެެީންގެ ސޮއި ފޯޖުކޮށްގެން އުފައްދާފައިވާ އަދި އެކި ގޮތްގޮތުން ބަދަލު ގެނެސް އުފައްދާފައިވާ ސައްހަ ނޫން ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް ކަން ދަންނަވަމެވެ،"

ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު ހައްޔަރު ކުރުމަށް ފުލުހުންގެ އިސް ބަޔަކާ އެކު ސައްހަ ނޫން ކޯޓް އަމުރެއް ނެރުނު މައްސަލައިގައި ހިންގި ތަހުގީގަށް ފަހު ތައްޔާރު ކުރި ރިޕޯޓް ކަމަށް ބުނެ އާންމުކޮށް ދައުރުކުރަމުން ދަނީ އަސްލެއް ނެތް -- ފޭކު ރިޕޯޓެއް ކަމަށާ އެ މައްސަލަ ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ކަމަށް ބުނެފި އެވެ.

ބަޔާނެއް ނެރެ އެކަން ހާމަކުރުމުގެ ކުރީން ވެސް ފުލުހުން ވަނީ ދައުރު ކުރަމުން ދަނީ ފޭކު ރިޕޯޓެއް ކަމަށް ބުނެފަ އެވެ.

ފުލުހުން ބުނީ ދައުރުވަމުންދާ ރިޕޯޓް ބެލުމުން މި ރިޕޯޓްގައި ބޭނުންކޮށްފައިވާ ހެޑާ އާއި ފުލުހުންގެ ލިޔުންތަކުގައި ބޭނުންކުރާ ހެޑާ ދިމާ ނުވާ ކަން ފާހަގަ ކުރެވުނު ކަމަށެވެ. އަދި ސައްހަ ނޫން މި ރިޕޯޓްގައި އޭރުގެ އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒުގެ ބަމުގައި ބޭނުުންކޮށްފައި ވަނީ ފުލުހުންގެ ޕްރެސް ސްޓޭޓްމަންޓްތަކުގައި ސޮއިކުރައްވަމުން ގެންދަވާ ފުލުހުންގެ ތަރުޖަމާން ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު ޝިފާންގެ ސޮއި ފޯޖުކޮށްގެން ވެސް ފާހަގަ ކޮށްފައިވެ އެވެ.

"އެހެން ކަމުން މި ރިޕޯޓަކީ ފުލުހުންގެ ރަސްމީ ލިޔެކިޔުންތަކުގައި ބޭނުންކުރާ ޕޯމެޓް ކޮޕީކޮށްގެންނާއި އަދި ފުލުހުންގެ ބައެއް އިސްވެެީންގެ ސޮއި ފޯޖުކޮށްގެން އުފައްދާފައިވާ އަދި އެކި ގޮތްގޮތުން ބަދަލު ގެނެސް އުފައްދާފައިވާ ސައްހަ ނޫން ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް ކަން ދަންނަވަމެވެ،"

ފުލުހުން ބުނީ މި ރިޕޯޓް އުފައްދާ ދައުރު ކުރަމުންދާ މައްސަލަ ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން ކަމަށެވެ. އަދި އާންމުންގެ މެދުގައި އެކިއެކި ފަރާތްތަކާމެދު ނުބައި ތަސައްވުރު އުފެދޭ ގޮތަށް ފަތުރާ މިފަދަ ސައްހަ ނޫން މައުލޫމާތު ފެތުރުމުގައި ބައިވެރިނުވުމަށް ފުލުހުން ވަނީ ރައްޔިތުންނަށް އިލްތިމާސް ކޮށްފައިވެ އެވެ.

ރިޕޯޓްގައި އޮތީ ކީކޭ؟

ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ހައްޔަރު ކުރުމަށް ފުލުހުންގެ އިސް ބަޔަކާ އެކު ސައްހަ ނޫން ކޯޓް އަމުރެއް ނެރުނީ ފެބްރުއަރީ 7، 2016 ގަ އެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ހާއްސަ ތަހުގީގެއް ހިންގާފަ އެވެ.

ސޯޝަލް މީޑިއާގައި ވަނީ އެ މައްސަލައާ ގުޅިގެން ހިންގި ތަހުގީގަށް ފަހު ތައްޔާރު ކުރި ރިޕޯޓް ކަމަށް ބުނެ ރިޕޯޓެއް އާންމުކޮށްފަ އެވެ. އޭގައި ބުނެފައި ވަނީ އެއީ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ހައްޔަރު ކުރުމަށް ފުލުހުންގެ އިސް ބަޔަކާ އެކު ސައްހަ ނޫން ކޯޓް އަމުރެއް ނެރެ ހައްޔަރު ކުރަން އުޅުނު މައްސަލައިގައި ކުރެވިފައިވާ ތަހުގީގުން ފުލުހުންގެ ފަރާތުން ހަރަކާތްތެރިވާނެ ކަމަށް މައުލޫމާތު ލިބިފައިވާ އިސް ފަރާތްތަކުގެ ބައިވެރިވުމެއް އޮތް ކަމަށް ފާހަގަ ކުރެވިފައިވާ މިންވަރާއި ސަރުކާރުގެ ތެރެއިން އެކަމަށް އެހީތެރިކަން ދިން ފަރާތްތަކާއި ބެހޭ ގޮތުން ތައްޔާރު ކޮށްފައިވާ ރިޕޯޓެއް ކަމަށެވެ.

ސައްހަ ނޫން ކޯޓް އަމުރެއް އޭރު ނެރުއްވީ އދ. މާމިގިލީ ކޯޓުންނެވެ. އެ ކޯޓް ހިންގެވުމަށް ހުންނެވީ ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް މުހުތާޒް މުހުސިން އެވެ. އެއީ މިހާރު ރައީސް މުއިއްޒުގެ އެޑްވައިޒަރެކެވެ. ކޯޓް އަމުރުގެ މައްސަލައާ ގުޅިގެން މުހުތާޒުގެ މައްޗަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ. ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަ ވެސް ކުރެއްވި އެވެ.

އާންމުކޮށްފައިވާ ރިޕޯޓްގައިވާ ގޮތުން އެކަމާއި ރައީސް މުއިއްޒުއާ ވެސް ގުޅުމެއް އެބަ އޮތެވެ. އަދި ރައީސް މުއިއްޒަށް ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު 14 މިލިއަން ރުފިޔާ ދިން ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ. 

ޔާމީން ވިދާޅުވީ ސައްހަ ރިޕޯޓެއް ކަމަށް

ރިޕޯޓް ސައްހަ ނޫން ކަމަށް ކުރީން ފުލުހުން ބުނި ބުނުމަށް އިޝާރާތް ކުރައްވާ ޕީއެންއެފްގެ ޖަލްސާއެއް ގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެއީ ފޭކެއް ނަމަ ހެއްކާއެކު ހާމަކުރަން ޖެހޭނެ ކަމަށެވެ. ހަމައެކަނި ފޭކެކޭ ބުނުމުން ރައްޔިތުންނަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"ފުލުހުންގެ މުއައްސަސާގެ ފަރާތުން މީ ފޭކް ރިޕޯޓެކޭ ބުންޏަސް އެ ގަބޫލުކުރާ މީހަކު މިހާރު ނޫޅޭނެ. އެއީ އެ ފެންވަރަކަށް އެކަހަލަ ތަހުގީގެއް ކޮށްފަ ޕޮލިސް ރިޕޯޓެއް ނޫން ގޮތަކަށް ނުނިކުންނާނެ. އޭގަ އެބައިން ޕޮލިސް ނަންބަރެއް. އޭގަ ސޮއިކުރި މީހަކު އެބައިން،" ޔާމީން ވިދާޅުވި އެވެ.

ފަހުން ބަޔާނެއް ނެރެ އެކަމުގެ ހެކިތައް ފުލުހުން ބަޔާން ކުރީ ޔާމީންގެ މި ވާހަކަތަކާއި ގުޅިގެން ކަމަށް ބެލެވެ އެވެ.

މި މައްސަލައިގައި ކޯޓު އަމުރު ނެރުނު މުހުތާޒަކީ ރައީސްގެ އެޑްވައިޒަރަކަށްވާތީ އެކަމަށް ވެސް ޔާމީން ފާޑުވިދާޅުވި އެވެ. މި ހުރިހާ ކަމެއް ގުޅެމުން އަންނަ ކަމަށާއި އެމަނިކުފާނު ހައްޔަރު ކުރަން އުޅުމުގައި ރައީސް މުއިއްޒުގެ އަތެއް އޮތް ކަމުގެ ތުހުމަތު ވެސް ކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.