"އިންވެސްޓަރުންނަށް ފަހިވާނެހެން އިތުރު ގާނޫނުތައް ވެސް އިސްލާހު ކުރާނަން"

"ކުރިއަށް އޮތްތަނުގަ އިންވެސްޓާސްއަށް ފަހި މާހައުލެއް ގާއިމްކުރުމަށްޓަކާ ހުރި ގާނޫނުތަކަށް އިތުރު ގާނޫނުތަކަށް އިސްލާހު ހުށަހަޅާނަން،"

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --

ރާއްޖެއަކީ އިންވެސްޓަރުންނާ ރައްޓެހި ގައުމަކަށް ހެދުމަށްޓަކައި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން އެކަން ފަހިވާނެހެން އިތުރު ގާނޫނުތަކަށް ވެސް އިސްލާހު ހުށަހަޅުއްވާނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

މީގެ 45 އަހަރު ކުރިން އަމަލު ކުރަމުން އައި ފޮރިން އިންވެސްޓްމެންޓް ގާނޫނު ބަދަލުކޮށް ފާސްކޮށްފައިވާ އާ ގާނޫނު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ތަސްދީގުކުރައްވާފަ އެވެ. 

މި ގާނޫނާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ، ކުރިން އަމަލުކުރަމުން އައި ގާނޫނަކީ އޭރުގެ ހާލަތާ ބަލާއިރު ވަރަށް ރަގަޅަށް އޮތް ގާނޫނެއް ކަމަށެވެ. ނަމަވެސް މިހާރު ހާލަތު ބަދަލުވެފައިވާތީ، ރާއްޖެއަށް އިންވެސްޓް ކުރަން އަންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް، ކަށަވަރުކުރުމަށް މުޅިން އާ ގާނޫނެއް ބޭނުންވެފައިވާ ކަމަށެވެ. 

އެހެންވެ، ވޭތުވެ ދިޔަ ސަރުކާރުތަކުން ވެސް މިކަން ކުރުމުގެ މަސައްކަތް ކޮށްފައިވާކަން އުޝާމް ފާހަގަކުރެއްވި އެވެ. 

"އަޅުގަނޑުމެންގެ ސަރުކާރުން ވެސް ރާއްޖެއަކީ އިންވެސްޓާ ފްރެންޑްލީ ގައުމަކަށް ހެދުމަށްޓަކާ ގާނޫނުތަކަށް ބޮޑެތި ބަދަލުތައް ގެނައުމުގެ މަސައްކަތްތައް އަޅުގަނޑުމެން ވާނީ ފަށާފަ،" އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ ލޯ ރިފޯމް ކުރުމަކީ ވަގުތު ނަގާ ކަމެއް ނަމަވެސް، ރައީސްގެ ވިސްނުންފުޅަކީ ބަދަލު ގެންނަން ޖެހޭ ގާނޫނުތައް ބަދަލުކޮށް އަދި އަލަށް އެކުލަވާލަން ޖެހޭ ގާނޫނުތައް އަވަހަށް އެކުލަވާލުން ކަމަށެވެ. އެގޮތުގެ މަތިން، ކުރިއަށް އޮތް ތަނުގައިވެސް އިންވެސްޓަރުންނަށް ރާއްޖޭގައި ފަހި މާހައުލެއް ގާއިމް ކުރުމަށް އިސްލާހު ގެންނަން ޖެހޭ ގާނޫނުތަކަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

"ކުރިއަށް އޮތްތަނުގަ އިންވެސްޓާސްއަށް ފަހި މާހައުލެއް ގާއިމްކުރުމަށްޓަކާ ހުރި ގާނޫނުތަކަށް އިތުރު ގާނޫނުތަކަށް އިސްލާހު ހުށަހަޅާނަން،" މިއާއެކު ޕެކޭޖެއްގެ ގޮތުގައި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނާއި މާލީ ސެކިއުރިޓީސްއާ ބެހޭ ގާނޫނަށް ވެސް އިސްލާހު ހުށަހަޅުއްވާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.