ގައުމިއްޔަތަށް ހިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު ޝައިހު ސަލާހުއްދީނުގެ ހަނދާނަށް އަރުވަނީ

ޅެންވެރިކަމާއި ލިޔުންތެރިކަމުގެ ދާއިރާއިން ބޮޑެތި ހިދުމަތްތަކެއް ކުރައްވާފައިވާ ސަލާހުއްދީނަކީ ރާއްޖޭގައި ދީނުގެ އިލްމު ފެތުރުއްވުމުގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރެއްވި ބޭފުޅެކެވެ.

ދިވެހި ގައުމިއްޔަތަށް ހިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު ފަޟީލަތުއް ޝައިޚު ޙުސައިން ޞަލާޙުއްދީނުގެ ހަނދާނަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަަވައިފި އެވެ. 

ދިވެހިރާއްޖޭގެ އިއްޒަަތުގެ ގާނޫނުގެ ހަވަނަ މާއްދާގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ތެރެއިން ޝައިހު ސަލާހުއްދީނަށް މި އެވޯޑު ދެއްވުމަށް ރައީސް ނިންމެވީ އިސްލާމްދީނާއި، ދިވެހިބަހާއި، ތަރިކައާއި ސަގާފަތު ކުރިއަރުވައި އެ ދާއިރާތަކުން ދިވެހިންގެ ވިސްނުމާއި ފިކުރު ފުޅާކޮށް، ތަރައްގީއަށް މަގުފަހިކުރެއްވުމަށް އިލްމުގެ ނޫރު ފެތުރުވުމަށް އެމަނިކުފާނު ކޮށްދެވި ހިދުމަތުގެ އަގުވަޒަންކުރެއްވުމަށެވެ. 

މިއީ މި ޝަރަފު އަރުވާ ފުރަތަމަ ފަހަރެވެ. އެ ޝަރަފު އެރުވުން އޮންނާނީ މާދަމާ ހެނދުނު ނުވައެއް ޖަހާއިރު ދަރުބާރުގޭގައި އޮންނަ ހާއްސަ ރަސްމިއްޔާތުގަ އެވެ. އެއީ މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ އެވެ.

ޝައިހު ސަލާހުއްދީނަކީ ރާއްޖޭގެ ފުރަތަމަ މަދުރަސާ ކަމަށްވާ މަދުރަސަތުއް ސަނިއްޔާ ފަހުން މަޖީދިއްޔާގެ މުއައްސިސެވެ. ޅެންވެރިކަމާއި ލިޔުންތެރިކަމުގެ ދާއިރާއިން ބޮޑެތި ހިދުމަތްތަކެއް ކުރައްވާފައިވާ ސަލާހުއްދީނަކީ ރާއްޖޭގައި ދީނުގެ އިލްމު ފެތުރުއްވުމުގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރެއްވި ބޭފުޅެކެވެ. 

ސަލާހުއްދީނުގެ ލިޔުންތަކާއި ޅެންތަކަކީ ދިވެހި ބަހާއި އަދަބިއްޔާތު އުނގަންނައިދިނުމުގައި މިހާރުވެސް ބޭނުންކުރާ މަސްދަރުތަކެވެ. އެމަނިކުފާނަކީ ރާއްޖޭގެ ސިޔާސީ އަދި އިސްލާހީ މަސައްކަތްތަކުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. 

އެމަނިކުފާނުވަނީ ރާއްޖޭގެ އުއްތަމަފަނޑިޔާރުކަން ފަދަ މުހިއްމު އެތައް މަގާމެއް އަދާކުރައްވައި އެ ޒަމާނާ އެކަށޭނެ ގިނަ ބަދަލުތަކެއް ދައުލަތުގެ ހިންގުމުގެ ނިޒާމަށް ގެންނެވުމުގައި ބައިވެރިވެވަޑައިގެންފަ އެވެ. 

ގައުމީ ދުވަހުގެ ޖަލްސާގައި ގައުމިއްޔަތަަށް ހިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފުގެ އިތުރަށް، ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވާނެ އެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތް ބޭފުޅަކަށް އަރުވާނެ އެވެ. 

އޭގެ ތެރެއިން ޝައިހު ސަލާހުއްދީން ލިޔުއްވި ކީރިތި ރަސޫލާގެ ސިޔަރަތަށް އަޑުއަޅުއްވައިދެއްވި ހ.ހާޖަރާގޭ މަރުހޫމު މުހައްމަދު ތައުފީގު ހިމެނިވަޑައިގަންނަވަ އެވެ. އެއީ ސިޔަރަތު ގެނެސްދެއްވި ފުރިހަމަކަމާއި، ސިޔަރަތު އަޑުއެހުމަށް ދިވެހިންގެ ހިތްތަކުގައި އޮތް ޝައުގުވެރިކަން އިތުރުކުރެއްވުމަށް އޭނާ ކުރެއްވި ގައުމީ ހިދުމަތް ފާހަގަކުރުމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.