ޝިޔާމުގެ ރައްދު؛ މަޝްވަރާކުރައްވަންޖެހޭ ކަންކަމުގައި ރައީސް މަޝްވަރާކުރައްވާ

ޝިޔާމު ވިދާޅުވީ ރާއްޖޭގެ ވެރިކަންކުރެއްވި ވަރަށް ގިނަ ރައީސުން އޭނާއަށް ތަޖުރިބާ ކުރެވިފައިވާ ކަމަށާއި ރައީސް ޑރ.މުހައްމަދު މުއިއްޒު ފާހަގަކުރެއްވުނީ މަޝްވަރާކުރައްވާ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް

ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމަށް ހުއްދަ ދޭން ސަރުކާރުން ކުރި މަސައްކަތް ހުއްޓަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމެވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމާ މަޝްވަރާނުކުރައްވައިކަމަށް ދެކެވޭ ވާހަކަތަކަށް މިނިސްޓަރު ރައްދު ދެއްވައިފި އެވެ. 

ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ކުރީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީނުގެ އައު ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރަންޓުގެ ފަރާތުން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީނުވަނީ ލޭނު މަސްވެރިކަމަަށް ހުއްދަ ނުދޭން ރައީސް މުއިއްޒު ނިންމެވީ މިނިސްޓަރު ޝިޔާމާ މަޝްވަރާނުކުރައްވައި ކަމަށް ވިދާޅުވެފަ އެވެ. 

އަދި ލޭނު މަސްވެރިކަމަށް ހުއްދަ ދިނުމަށް ފިޝަރީޒް މިނިސްޓްރީން މަސައްކަތްކުރީ ރައީސް މުއިއްޒު އަންގަވައިގެން ކަމަށާއި، އެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވަނިކޮށް އެ ހުއްދަ ދޫނުކުރަން ނިންމެވިއިރު ރައީސް މިނިސްޓަަރާ މަޝްވަރާނުކުރެއްވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއްގެ ގޮތުގައި ރައީސް ޔާމީނު ފާހަގަކުރެއްވި އެވެ. 

އެ މައްސަލާގައި ލޭނު މަސްވެރިކަމށް ހުއްދަ ދޫނުކުރަން ރައީސް ނިންމެވީ މިނިސްޓަރާ މަޝްވަރާނުކުރައްވައި ކަމަށް ބައެއް މީޑިޔާއިން ރިޕޯޓުކޮށްފައިވެ އެވެ. 

އެކަމާ ގުޅިގެން އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ޝިޔާމު ވިދާޅުވީ ރާއްޖޭގެ ވެރިކަންކުރެއްވި ވަރަށް ގިނަ ރައީސުން އޭނާއަށް ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފާހަގަކުރެއްވުނީ މަޝްވަރާކުރައްވާ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. 

އެގޮތުން ޝިޔާމު ވިދާޅުވީ ރައީސަކީ މަޝްވަރާކުރައްވަންޖެހޭ ކަންކަމުގައި މަޝްވަރާކުރައްވަންޖެހޭ ބޭފުޅުންނާ މަޝްވަރާކުރައްވަންޖެހޭ މިންވަރަށް މަޝްވަރާކުރައްވާ ބޭފުޅެއްގެ ގޮތުގައި ފެނިވަޑައިގެންފައިވާ ކަމަށެވެ. 

" ރައީސް ޑރ. މުއިއްޒު ތަޖުރިބާ މިކުރެވެނީ މަޝްވަރާ ކުރައްވަން ޖެހޭ ކަންކަމުގައި މަޝްވަރަާ ކުރައްވަންޖެހޭގޮތަށް މަޝްވަރާ ކުރައްވަންޖެހޭ ފަރާތްތަކާ އަދި މަޝްވަރާ ކުރައްވަން ޖެހޭ މިންވަރަށް މަޝްވަރާ ކުރައްވާތަން،" ޝިޔާމު ވިދާޅުވި އެވެ. 

ލޭނު މަސްވެރިކަމަށް ހުއްދަ ދެއްވުން މަޑުޖައްސަވައިލައްވަން ރައީސް ނިންމެވީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން އެމަނިކުފާނަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. އެމަނިކުފާނުވަނީ އެ ޔޫނިއަނާ ބައްދަލުކުރައްވައި އެ ސިޓީގައި ހުރި ކަންބޮޑުވުންތަކާމެދު މަޝްވަރާކުރައްވާފަ އެވެ. 

ކުރިން ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ ލޭނު މަސްވެރިކަމަށް ހުއްދަ ދޫކޮށްގެން ދައުލަތަށް އާމުދަނީގެ ގޮތުގައި 90 މިލިއަނަށްވުރެ ގިނަ ޑޮލަރު އަހަރެއްގެ މައްޗަށް ލިބޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. 

ލޭނު މަސްވެރިކަމަށް ހުއްދަނުދެއްވަން ނިންމެވުމުން ޝިޔާމު ވިދާޅުވެފައިވަނީ ސަރުކާރަށް ލިބެން އޮތް މާލީ މަންފާއަކަށްވުރެ ރައީސް މުއިއްޒު އިސްކުރައްވާފައިވަނީ މަސްވެރިންގެ ކަންބޮޑުވުންތަކާއި އުދާސްތައް ހައްލުކުރެއްވުން ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.