ވިޔަފާރި ފަސޭހަކޮށްދޭ ސިންގަލް ވިންޑޯ އިފުތިތާހުކޮށްފި

ސިންގަލް ވިންޑޯ ސިސްޓަމް ބޭނުންކުރަން ފަށާނީ އަންނަ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހު އެވެ. ސައީދާ ވިދާޅުވި ގޮތުގައި ނޮވެންބަރު މަހާ ހަމައަށް ސިސްޓަމް ބޭނުންކުރުން ފަސްކުރީ އެ ސިސްޓަމާމެދު ވިޔަފާރިތައް ހޭލުންތެރިކުރުމުގެ ބޭނުމުގަ އެވެ.

ޓްރޭޑް ނެޓް ކުންފުނީގެ ސީއީއޯ ސައީދާ އުމަރު، ފޮޓޯ: އެކްސް

ރާއްޖެއަށް ބޭރުން މުދާ އެތެރެކުރުމުގެ ނިޒާމު ހަރުދަނާކޮށް ވަރަށް ބޮޑަށް ފަސޭހަކުރުމަށް ހިންގި ސިންގަލް ވިންޑޯ މަޝްރޫއު ނިންމައި، އެ ޕްލެޓުފޯމު މިއަދު އިފުތިތާހުކޮށްފި އެވެ. 

ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފެށި މި މަޝްރޫއަކީ ރާއްޖެއަށް މުދާ އެތެރެކުރުމަށް އެކި އިދާރާތަކުން ހޯދަންޖެހޭ ހުއްދަތަ އެއް ތަނަކުން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހިންގި މަޝްރޫއެކެވެ. މި މަޝްރޫއު ހިންގާފައިވަނީ އޭޝިޔަން ޑިވެލޮޕްމެންޓު ބޭންކުގެ މާލީ އެހީތެރިކަމާއެކު އެވެ. 

މި މަޝްރޫއު ތަންފީޒުކޮށްފައިވަނީ ސަރުކާރުގެ ޑިޖިޓަލް ހިދުމަތްތައް ގާއިމުކުރުމަށް އުފައްދާފައިވާ ޓްރޭޑްނެޓް ކުންފުނިންނެވެ. މަޝްރޫއުގެ ދަށުން ގާއިމުކުރި ޕްލެޓުފޯމު ވުޖޫދުކުރުމުގެ އަމަލީ މަސައްކަތްކުރީ ބައިނަލްއަގުވާމީ ކުންފުންޏަކުންނެވެ.

ސިންގަލް ވިންޑޯ ސިސްޓަމަކީ އދގެ އިކޮނޮމިކް ކޮމިޝަން ފޯ ޔޫރަޕް އަދި އދގެ ސެންޓާ ފޯ ޓްރޭޑް ފެސިލިޓޭޝަން އެންޑް އިލެކްޓްރޯނިކް ބިޒްނަސްއާއި ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަން ފަދަ ޖަމްއިއްޔާތަކުން ބަލައިގަނެ ގަބޫލުކޮށްފައިވާ ސިސްޓަމެކެވެ. 

މާހިރުން ވިދާޅުވާ ގޮތުގައި މިފަދަަ ސިސްޓަމެއް ތައާރަފުކުރެވުމުން ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކާއި މުއާމަލާތް ކުރުން ފަސޭހަވުމުގެ ސަބަބުން ވިޔަފާރިތަކަށް ވަގުތާއި ފައިސާ ސަލާމަތްކުރެވި، ވިޔަފާރިކުރުމަށް ފަސޭހަ މާހައުލެއް ގާއިމުކުރުމަށް މަގުފަހިވެ އެވެ. 

މިއަދު މި މަޝްރޫއު އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓްރޭޑް ނެޓް ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ސައީދާ އުމަރު ފާހަގަކުރެއްވި އެ މަޝްރޫއު ނިމުމުން ވިޔަފާރިތަކަށް ވަރަށް ބޮޑު ފަސޭހަވެގެންދާނެ ކަމަށެވެ. 

"މިއީ ރާއްޖޭގައި ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ވަރަށް މުހިއްމު އެއް މަސައްކަތް. މި މަސައްކަތް އަޅުގަނޑުމެންނަށް މިއަދު ރޯލް އައުޓް ކުރެވުމާއެކުގައި ސަރުކާރުގެ ވަރަށް ގިނަ އިދާރާތަކުން ފޯރުކޮށްދޭ ވަރަށް ގިނަ ހިދުމަތްތަކެއް އެއް ވިއުގައަކުން ވިޔަފާރިވެރިންނާ ހަމައަށް އަޅުގަނޑުމެންނަށް އެބަ ފޯރުކޮށްދެވޭ،" ސައީދާ ވިދާޅުވި އެވެ. 

އިތުރަށް ސައީދާ ފާަހަގަކުރެއްވި ގޮތުގައި މިހާރު ވިޔަފާރިތަކަށް ބޭރުން މުދާ ގެނައުމުގެ ހުއްދަތައް ދޫކުރުމުގައި ބޮޑެތި ދަތިތަކެއް އެބަހުއްޓެވެ. އަދި ސިންގަލް ވިންޑޯ ސިސްޓަމް ތައާރަފުކުރެވުމުން އެ އުނދަގޫތަކާއި ހުރަސްތަކަށް އެކަށީގެންވާ ހައްލެއް ލިބޭނެ އެވެ. 

ސިންގަލް ވިންޑޯ ސިސްޓަމް ބޭނުންކުރަން ފަށާނީ އަންނަ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހު އެވެ. ސައީދާ ވިދާޅުވި ގޮތުގައި ނޮވެންބަރު މަހާ ހަމައަށް ސިސްޓަމް ބޭނުންކުރުން ފަސްކުރީ އެ ސިސްޓަމާމެދު ވިޔަފާރިތައް ހޭލުންތެރިކުރުމުގެ ބޭނުމުގަ އެވެ. 

ސައީދާ އިތުރަށް ފާހަގަކުރެއްވީ މިހާރު ތައާރަފުކުރެވުމުންދާ ޑިޖިޓަލް ހިދުމަތްތަކާއެކު އެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ރަނގަޅު ގާނޫނީ އޮނިގަނޑެއް ބޭނުންވާނެ ކަމަށެވެ. އެގޮތުން ބޭނުންވާ ބައެއް ގާނޫނުތައް އޭނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.