އެހެންވެ އެ ކުންފުނިން ކަސްޓަމްސްއަށް ދައްކަން ޖެހޭ 358،560.52 ރުފިޔާ ދެއްކުމަށް އެކި ފަހަރު މަތިން އެންގުމުން ވެސް ދައްކާފައި ނުވާ ކަމަށް ދައުވާގައިވެ އެވެ.
ރާއްޖެއަށް އިމްޕޯޓު ކުރި މުދަލުގެ ޑިއުޓީ މައާފުކުރުމުން، މައާފު ކުރި މުއްދަތުގެ ތެރޭގައި މުދާ ގެންގޮސްފައި ނުވާ ކުންފުންޏަކަށް 358،560 ރުފިޔާ މޯލްޑިވްސް ކަސްޓަމްސްއަށް ދައްކަން ޖެހިއްޖެ އެވެ.
މިކަން ހިނގާފައި ވަނީ 2018 ވަނަ އަހަރުގެ ކުރީ ކޮޅު އެވެ. ކަސްޓަމްސް އިން ދައުވާކޮށްފައި ވަނީ ކަނބާލިފަރު ޑިވެލޮޕްމެންޓް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން ގުޑްސް ޑިކްލަރޭޝަން ފޯމަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެންނެވެ. ކުންފުނީގެ މައްޗަށް ކޮށްފައި ވަނީ އިދާރީ ތަބީއަތުގެ ދައުވާ އެވެ.
މި ދައުވާ އެ ކުންފުނީގެ މައްޗަށް ކޮށްފައި ވަނީ ރައީސްއަށް ލިބިދޭ އިހުތިޔާރުގެ ދަށުން އިމްޕޯޓް ޑިއުޓީ މައާފު ކުރުމުގެ އުސޫލުގެ ދަށުން ޑިއުޓީ މައާފް ކުރުމުން، މުއްދަތުގެ ތެރޭގައި މުދާ އަނބުރާ ނުގެންގޮސް އަދި ކަސްޓަމްސްއަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުންނެވެ.
އެހެންވެ އެ ކުންފުނިން ކަސްޓަމްސްއަށް ދައްކަން ޖެހޭ 358،560.52 ރުފިޔާ ދެއްކުމަށް އެކި ފަހަރު މަތިން އެންގުމުން ވެސް ދައްކާފައި ނުވާ ކަމަށް ދައުވާގައިވެ އެވެ. ކަސްޓަމްސް އިން އެންމެ ފަހުން ވަނީ އެ ފައިސާ ޝަރީއަތް މެދުވެރިކޮށް ހޯދަން އެދިފަ އެވެ.
މި މައްސަލައިގެ ލިޔުންތައް އެ ކުންފުނީގެ އެޑްރެހަށް ފޮނުވި ނަމަވެސް ޝަރީއަތަށް ހާޒިރުވެފައެއް ނުވެ އެވެ. އެހެންކަމުން މި މައްސަލަ ނިންމާފައި ވަނީ ކުންފުނީގެ ޣައިރު ހާޒިރުގަ އެވެ. ޝަރީއަތުން ނިންމާފައި ވަނީ ކަސްޓަމްސް އިން އެދުނު ގޮތަށް މިއަދުން ފެށިގެން 14 ދުވަސް ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކާ ހަލާސް ކުރުމަށެވެ.