އިސްރާއީލުގެ ހަމަލާތައް ހުއްޓާނުލައިފިނަމަ ރަހީނުން ރައްދުކުރާނީ ސަންދޯކުގައިކަމަށް އިންޒާރު ދީފި

އެ ބަޔާނުގައި އިތުރަށް އަބޫ އުބައިދާ ވިދާޅުވީ ރަހީނުންނާއި ފަލަސްތީނު ގައިދީން ބަދަލުކުރުމަށް ހުށަހެޅި ހުރިހާ ހުށަހެޅުމަކަށް އިންކާރުކުރެއްވުމަށްފަހު، ރަހީނުން މަރުވާނަމަ އެކަމުގެ ޒިންމާ އުފުއްލަވަަންޖެހޭނީ ނަތަންޔާހޫ ކަމަށެވެ.

ރަހީނުން މިނިވަންކުރުމަށް ހަމާސްއާއެކު އެއްބަސްވުމެއް ހެދުމަށް ގޮވައިލާ ކުރަމުންދާ އިހުތިޖާޖުތަކުގެ ތެރެއިން، ފޮޓޯ: ރޮއިޓާސް

އިސްރާއީލުން ޣައްޒާއަށާއި ހުޅަނގު އައްސޭރިއަށް ދެމުންދާ އުދުވާނީ ހަމަލާތައް ހުއްޓާނުލައި ކުރިއަށް ގެންދާނަމަ ޣައްޒާގައި ތިބި ރަހީނުން ރައްދުކުރާނީ ސަންދޯކުގައި ކަމަށް ޙަމާސްއިން އިންޒާރުކޮށްފި އެވެ. 

ޙަމާސްގެ އަސްކަރީ ގޮފިކަމަށްވާ ގައްސާމް ބްރިގޭޑްސްއިން ނެރުނު ބަޔާނެއްގަައި ބުނެފައިވަނީ އެ ބްރިގޭޑްސްގެ އޮޕަރޭޝަނެއްގައި ރަހީނުކޮށްފައި ތިބި އިސްރާއީލުގެ ރަހީނުން ބަލަހައްޓަމުންދާ ހަނގުރާމަވެރިންނަށް، އިސްރާއީލު ސިފައިން އެމީހުންނާ ގާތްވެއްޖެނަމަ އަމަލުކުރަންވީ ގޮތުގެ އައު އިރުޝާދުތަކެއް ދީފައިވާ ކަމަށެވެ. 

"މަޝްވަރާކޮށްގެން ހެދޭ އެއްބަސްވުމެއްގެ ދަށުން ރަހީނުން މިނިވަންކުރަން މަސައްކަތްކުރުމުގެ ބަދަލުގައި އަސްކަރީ ގޮތުން ފިއްތައިގެން ރަހީނުން މިނިވަންކުރަން [އިސްރާއީލުގެ ބޮޑުވަޒީރު] ނަތަންޔާހޫ ނިންމެވުމުގެ މާނައަކީ ރަހީނުން އަނބުރާ ގައުމަށްދާނީ ސަންދޯކުތަކުގައި. އެ ރަހީނުންގެ އާއިލާތަކުން ނިންމަންޖެހެނީ އެމީހުން އަނބުރާ ލިބިގަންނާނީ ދިރި ތިއްބައިކަން ނުވަތަ މައްޔިތުންގެ ގޮތުގައިކަން،" ގައްސާމް ބްރިގޭޑްސްގެ ތަރުޖަމާނު އަބޫ އުބައިދާ ވިދާޅުވި އެވެ. 

އެ ބަޔާނުގައި އިތުރަށް އަބޫ އުބައިދާ ވިދާޅުވީ ރަހީނުންނާއި އިސްރާއީލު ޖަލުތަކުގައި ތިބި ފަލަސްތީނު ގައިދީން ބަދަލުކުރުމަށް ހުށަހެޅި ހުރިހާ ހުށަހެޅުމަކަށް އިންކާރުކުރެއްވުމަށްފަހު، ރަހީނުން މަރުވާނަމަ އެކަމުގެ ޒިންމާ އުފުއްލަވަަންޖެހޭނީ ނަތަންޔާހޫ ކަމަށެވެ. 

މިފަދައިން ހަމާސްއިން ބުނީ ރަފަހުގެ ޓަނަލެއްގެ ތެރެއިން ފެނުނު ހަ ރަހީނުންނަކީ ހަމާސްއިން ގަތުލުކޮށްފައިވާ ހަ މީހެއްކަމަށް ނަތަންޔާހޫ ވިދާޅުވިތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ. 

ދިރިތިއްބައި ރަހީނުން އަނބުރައި ނުގެންނެވުނީތީ ނަތަންޔާހޫވަނީ މައާފަށް އެދިވަޑައިގެންފަ އެވެ. އެ ރަހީނުން މަރުވުމާ ގުޅިގެން އިސްރާއީލުގައި މުޒާހަރާކުރާތާ ދެ ދުވަސްވެފައިވަނިކޮށް ނަތަންޔާހޫ މައާފަށް އެދިވަޑައިގަތީ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. 

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ނަތަންޔާހޫވަނީ ރަހީނުން ގަތުލުކުރުމުގެ ބަދަލުގައި ބޮޑު އަގެއް ހަމާސްއިން ދައްކަންޖެހޭނެ ކަމަށް ވިދާޅުވެ، ހަމާސްއަށް އިތުރު އިންޒާރުތަކެއް ދެއްވާފަ އެވެ. 

ނަމަވެސް އެ ރަހީނުން ގަތުލުކުރުމުގެ ތުހުމަތު ހަމާސްއިން ދޮގުކުރެ އެވެ. އެ ޖަމާއަތުގެ އިސް މަސްއޫލުވެރިއެއް ކަމުގައިވާ އިއްޒަތު އައްރާޝިގު ވިދާޅުވި ގޮތުގައި އެ ހަ މީހުން މަރުވީ އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގަ އެވެ. 

އެ ހަ މީހުން މަރުވުމާ ގުޅިގެން އިސްރާއީލުގައި ފެށިގެން މިހާރު ކުރިއަށްދާ މުޒާހަރާތަކުގެ ބައިވެރިން ބުނަމުންދަނީ ހަމާސްއާއެކު ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އިސްރާއީލު ސަރުކާރުން އެއްބަސްވިނަމަ ރަހީނުން ދިރިތިއްބައި އަނބުރާ އިސްރާއީލަށް ގެނެވުނީސް ކަމަށެވެ. 

ސިޔާސީ މުހައްލިލުން ވިދާޅުވާ ގޮތުގައި މުޅި އިސްރާއީލުގައި ހިނގަމުންދާ މުޒާހަރާތަަކުގެ ސަަބަބުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ނިމުމަކަށް ގެނެސް ރަހީނުން ދިރިތިއްބައި އަނބުރާ ގެނައުމުގައި އިސްރާއީލު ސަރުކާރުގެ ސިޔާސަތަށް ކުޑަނަމަވެސް ބަދަލެއް އައުމުގެ ފުރުސަތެއް ނެތެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.