ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލިފައިވަނީ ކަނޑުމަހުންނެވެ. މަސްވެރިކަން ދަށްވުމާއެކު އަގުތައް ވަނީ ބޮޑުތަނުން އުފުލިފަ އެވެ.
މިދިޔަ ޖުލައި މަހު ތަކެތީގެ އަގުތައް ޖޫން މަހާ އަޅާބަލާއިރު ދަށްވެފައިވާ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރުނު ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ގެ ހިސާބުތަކުން ދައްކައިފި އެވެ.
މަހަކު އެއް ފަހަރު ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގުތަކަށް އަންނަ ބަދަލު ބަލަން ނެރޭ، ސީޕީއައި ދައްކާ ގޮތުގައި ރާއްޖޭގައި އިންފްލޭޝަން މިދިޔަ ޖޫން މަހު 0.73 ޕަސެންޓުގައި ހުރިނަމަވެސް ޖުލައި މަހު ހުރީ 0.10 ޕަސެންޓުގަ އެވެ.
މިދިޔަ އޮގަސްޓް 26 ވަނަ ދުވަހު އާއްމުކުރި ޖުލައިގެ ބާޒާރުގެ އަގުތަކަށް އައިސްފައިވާ ބަދަލުތައް ދައްކާ ގޮތުން އަގުތަކަށް އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ މަހުގެ އަގަށް އައި ބަދަލާއެކުގަ އެވެ. މަހުގެ އަގު ޖުލައި މަހު ވަނީ 2.06 ޕަސެންޓަށް އުފުލިފަ އެވެ. މަސްވެރިކަން ދަށްވެ އައިސްފައިވާ މި ބަދަލަކީ އިންފްލޭޝަނަށް މިދިޔަ މަހު އެންމެ ބޮޑު ރޯލެއް އަދާހުރި ކަމެވެ.
ޖުލައި މަހު އަގުތައް ދަށްވެފައިވަނީ ފޯނާއި މުއާސަލާތީ ހިދުމަތުގެ ބައިންނެވެ. މިބައިގެ އަގުތައް ވަނީ 2.10 ޕަސެންޓުގެ ވެއްޓުމެއް އައިސްފަ އެވެ.
ތަކެއްޗާއި ހިދުމަތުގެ އަގުތަކަށް އައި ބަދަލު ރަށްތަކާއި މާލެ އަދި މުޅިރާއްޖެ ވަކިން ބަލާނަމަ މާލޭގައި އަގުތައް ހުރީ 0.03 ޕަސެންޓުގަ އެވެ. އަދި މުޅިރާއްޖެ އެއްކޮށް ބަލާނަމަ 0.10 ޕަސެންޓުގައި ހުރިއިރު އަތޮޅުތަކުގައި އަގުތައް 0.19 ޕަސެންޓުގައި ހުރިކަމަށް ދައްކަ އެވެ.