ނަސޭހަތް ދެނީ ރަހްމަތެރި ވެރީންނަށް، އެއީ ރަސްމީ ކަމެއް ނޫން: އަދީބު

"...[އެފަދަ ނަސޭހަތް / އިރުޝާދު ދިނުން] އެއީ ރަސްމީ ކަމެއް ނޫން. އެއީ ފަރުދީ ޒިންމާއެއް. ދިވެހިރާއްޖެ އަކީ އަޅުގަނޑުގެ ވެސް އުފަން ގައުމު،"

ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު

ދިވެހި ގައުމުގެ މާލީ ހާލަތު ރަނގަޅު ކުރަން އަމިއްލަ ހައިސިއްޔަތުން ސަރުކާރުގައި ތިބޭ ރައްޓެހިންނަށް އަބަދު ވެސް ނަސޭހަތް ދެއްވާ ކަމަށް ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓަރު ކަމާއި ނާއިބު ރައީސް ކަން ވެސް ކުރައްވާފައިވާ އަދީބު މިހެން ވިދާޅުވީ މާލީ ހާލަތު ރަނގަޅުކުރަން ސަރުކާރަށް އިރުޝާދު ދެމުންދާ ކަމަށް ކަމަށް ބައެއް ނޫސްތަކުން ރިޕޯޓް ކުރުމާއި ގުޅިގެންނެވެ. ނޫސްތަކުގައި އެ ވާހަކަ ރިޕޯޓް ކޮށްފައި ވަނީ އަދީބު، އިންޑިއާގެ އެންޑީޓީވީއަށް ދެއްވި އިންޓަވިއު އަކާއި ހަވާލާދީ އެވެ.

އަދީބު ވަނީ އޭނާ ދެއްކެވި ވާހަކަަތައް އިތުރަށް ތަފްސީލު ކޮށްދެއްވާ އެކްސް ގައި ޕޯސްޓެއް ކުރައްވާފަ އެވެ.

މިވަގުތު ސިންގަޕޫރުގައި ދިރިއުޅުއްވާ އަދީބު ވިދާޅުވި ގޮތުގައި މާލީ ހާލަތު ރަނގަޅު ކުރަން އަމިއްލަ ހައިސިއްޔަތުން ސަރުކާރުގައި ތިބޭ ރައްޓެހިންނަށް އަބަދުވެސް އޭނާ ނަސޭހަތް ދެއްވަ އެވެ. އެއީ މި ސަރުކާރަށް އެކަނި ހާއްސަ ކަމެއް ނޫން ކަމަށާ މިދިޔަ އެމްޑީޕީ ސަރުކާރުގައި ތިއްބެވި އެކުވެރިންނަށް ވެސް އެ ގޮތަށް ނަސޭހަތާއި އިރުޝާދު ދެއްވި ކަމަށެވެ.

"...[އެފަދަ ނަސޭހަތް / އިރުޝާދު ދިނުން] އެއީ ރަސްމީ ކަމެއް ނޫން. އެއީ ފަރުދީ ޒިންމާއެއް. ދިވެހިރާއްޖެ އަކީ އަޅުގަނޑުގެ ވެސް އުފަން ގައުމު،" އަދީބު ވިދާޅުވި އެވެ.

އަދީބު، ފުރަތަމަ ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ވަޑައިގެންނެވީ ރައީސް ވަހީދުގެ ވެރިކަމުގައި ފެބުރުއަރީ، 2012 ގަ އެވެ. އޭގެ ފަހުން ނޮވެންބަރު 17، 2013 ގައި އުފެދުނު ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އެ މަގާމު ފުރުއްވި އެވެ. ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް، ޑރ. މުހައްމަދު ޖަމީލް އަހްމަދު މަގާމުން ވަކިކުރެއްވުމުން ދެން ނާއިބު ރައީސްގެ މަގާމަށް ވަޑައިގެންނެވީ އަދީބެވެ. ނަމަވެސް އެ މަގާމުގައި އަދީބަށް ހުންނެވުނީ ކުޑަ ދުވަސްކޮޅަކަށެވެ.

ރައީސް ޔާމީނާއި އެމަނިކުފާނުގެ އާއިލާ އަދި ސަރުކާރުގެ އިސްވެރީންތަކެއް ދަތުރުފުޅު ކުރެއްވި "ފިނިފެންމާ" ލޯންޗުކޮޅު ގޮއްވާލި ހާދިސާގެ ތުހުމަތު އަދީބަށް އަމާޒުވެ ހައްޔަރު ކުރެވި މަގާމުން ވަކިކުރެވުނެވެ. އަދި ހަތް އަހަރެއްހާ ދުވަހު ޖަލު ގައި ހޭދަ ކުރެއްވި އެވެ. މިނިވަންވެވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަދީބުގެ ހުކުމްގެ މުއްދަތު ވަރަށް ބޮޑަށް ކުޑަކުރައްވާ މިނިވަން ކުރެއްވުމުންނެވެ. ސޯލިހް، އެ ނިންމުން ނިންމެވީ ވެރިކަމުގެ އެންމެ ފަހު ގަޑިއިރުތަކުގެ ތެރޭގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.