ތަސްލީމު ގެއްލުނު ހާދިސާއާ ގުޅިގެން ޖިނާއީ ތަހުގީގެއް ފަށައިފި

އެ މައްސަލާ ގައި ބަޔަކާ ސުވާލުކުރި ކަމެއް އަދި އެ މައްސަލާ ގައި ފުލުހަށް ފާހަގަ ކުރެވުނު ސުވާލު އުފެދޭ ކަންކަމަކީ ކޮބައި ކަމެއް ސާފެއް ނުވެ އެވެ.

ގެއްލިގެން ހޯދަމުންދާ ތަސްލީމް -- ފޮޓޯ: އާއިލާ

ކ. ހުވަފެންފުށި ރިސޯޓު ކައިރީގައި އޮތް ސޭންޑްބެންކަކަށް ދަތުރު ދިޔަ މީހަކު ގެއްލުނު މައްސަލާ ގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ފާހަގަވެ ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ގެއްލިގެން ހޯދަމުންދަަނީ ތަސްލީމް މުހައްމަދު ނަމަކަށް ކިޔާ މާލެއަށް ނިސްބަތްވާ އުމުރުން 42 އަހަރުގެ މީހެކެވެ. އޭނާ އަކީ މާލެސިޓީ ކައުންސިލްގެ މުވައްޒަފެކެވެ. ގިނަ ބަޔަކާ އެކު ތަސްލީމު، ދަތުރު ދިޔައީ މިދިޔަ ހުކުރު ދުވަހު އެވެ.

ނަމަވެސް އޭނާ ގެއްލިގެން ހޯދަމުންދާ ކަން ފުލުހުން ހާމަ ކުރީ ހޮނިހިރު ދުވަހު އެވެ. އޭގެ ކުރީން އާއިލާއާ ހަވާލާދީ މީޑިއާތަކުން ވަނީ ތަސްލީމް ގެެއްލިގެން އުޅޭކަން ރިޕޯޓް ކޮށްފަ އެވެ. ފުލުހުން އެކަން ހާމަކުރީ މީޑިއާތަކުން ސުވާލު ކުރުމުންނެވެ.

ފުލުހުން މީޑިއާ އޮފިސަރު ވިދާޅުވި ގޮތުގައި އެ މައްސަލާ ގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަން ވަނީ ފާހަގަ ކުރެވިފަ އެވެ. އެއީ ސީރިއަސް ކަންތައްތަކެއް ކަން ފާހަގަ ކުރައްވާ ވިދާޅުވީ އެ މައްސަލާ ގައި ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.

އެހެން ކަމުން އެ މައްސަލާ ގައި ބަޔަކާ ސުވާލުކުރި ކަމެއް އަދި އެ މައްސަލާ ގައި ފުލުހަށް ފާހަގަ ކުރެވުނު ސުވާލު އުފެދޭ ކަންކަމަކީ ކޮބައި ކަމެއް ސާފެއް ނުވެ އެވެ.

ތަސްލީމް ހޯދުމަށް ސިފައިން ވަނީ ބޮޑު ސަރަހައްދެއް ބަލާފަ އެވެ. ޑައިވްކޮށްގެންނާއި ސްނޯކަލް ކޮށްގެން ވަނީ ބަލާފަ އެވެ. ނަމަވެސް އޭނާ ގެއްލުނީ ކަނޑަށް ކަމެއް ވެސް ކަށަވަރެއް ނޫނެވެ. އެހެން ކަމުން ތަސްލީމް ހޯދުމުގެ އޮޕަރޭޝަން ފުޅާކުރަން ހުރަސްތަކާ ވަނީ ކުރިމަަތިވެފަ އެވެ. ވައިގެ މަގުން ހޯދަން ނުފެށި އޮތީ ވެސް އެހެން ވެގެންނެވެ.

އާއިލާއިން "މިރާ" އާ ވާހަކަ ދެއްކި ތަސްލީމްގެ ކޮއްކޮ އެއް ބުނީ، ހުކުރު ދުވަހު ތަސްލީމް، ރައްޓެހިތަކަކާއެކު ދަތުރު ދިޔަ ކަމަށެވެ. އަދި އޭގެ ފަހުން އޭނާ ގެއްލިގެން އުޅޭ ކަމަށް އާއިލާއަށް އެންގި ކަމަށްވެސް ބުންޏެވެ. ތަސްލީމް ގެއްލުނީ މޫދަށް ކަމެއް އެހެން ތަނަކަށް ކަމެއް ނޭނގޭ ކަމަށް އޭނާ އާއެކު ދަތުރު ދިޔަ މީހުން ބުނާ ކަމަށެވެ.

"ބޭބެ އާއެކު ދަތުރު ދިޔަ މީހުން ބުނީ އެމީހުންނަށް އެނގިގެން މޫދަށް ނޭރޭ ކަމަށް. ދެން އެމީހުންނަށް ނުފެންނަ ހިސާބަށް ގޮސް މޫދަށް އެރުނީ ކަމެއް ނޫން ކަމެއްވެސް ނޭނގެ،" އާއިލާއިން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.