ދެ ގްރާފުން ފެންނަނީ 2018 ވަނަ އަހަރަށްވުރެވެސް މި އަހަރު ރާއްޖެއަށް ގެންނަ ކާގޯގެ މިންވަރު ބޮޑުތަނުން މަތިވަމުންދާ ތަނެވެ.
ރާއްޖޭގެ ތާރީހުގައި ކޮންޓެއިނާ މުދާ އެންމެ ގިނައިން މިހާތަނަށް އެތެރެކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ. އެކަމަކު މިހާރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮންޓެއިނަރުގެ މުދާ ރާއްޖެއަށް އެތެރެކުރާ މިންވަރު މިވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފަ އެވެ. މިކަން އެނގެނީ މާލެ ވިޔަފާރި ބަނދަރުގެ އެމްޑީ މުހައްމަދު ވަޖީހު އިބްރާހިމް އާއްމު ކުރެއްވި ތަފާސް ހިސާބުތަކުންނެވެ.
އެމްޕީއެލްގެ އެމްޑީ ސޯޝަލް މީޑިއާގައި އާއްމު ކުރެއްވި ދެ ގްރާފުން ފެންނަ ގޮތުގައި ކޮންޓެއިނަރު ކާގޯވެސް އަދި ޖެނެރަލް ކާގޯ އެތެރެކުރާ މިންވަރުވެސް ވަނީ އިތުރުވެފަ އެވެ. މި އަހަރުގެ މިހާތަނަށް 5،167 ޓީއީޔޫއެސް ކޮންޓެއިނަރު ވަނީ ރާއްޖެއަށް އެތެރެކޮށްފަ އެވެ. އަދި ޖެނެރަލް ކާގޯގެ މިންވަރު ހުރީ މަހަކު 12،625 މެޓްރިކް ޓަނުގަ އެވެ.
އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގުތިސާދަށް އަންނަމުންދާ ބަދަލުތައް އެންމެ ރަގަޅަށް ވަޒަން ކޮށްލެވޭނެ އެއް ކަމަކީ ރާއްޖެ އަށް އެތެރެ ވަމުންދާ މުދަލުގެ އަދަދަށް އަންނަމުންދާ އުނި އިތުރު ވުމެކެވެ. ތިރީގައިވާ ދެ ގުރާފުން ފެންނަނީ، އެވުރޭޖް ކޮށް މަހެއްގެ މައްޗަަށް ރާއްޖެ އަށް ކާގޯ އެތެތެ ކުރެވިފައިވާ މިންވަރެވެ.
"ރާއްޖޭގެ ތާރީޚަށް ބަލާއިރު ކޮންޓެނަރައިޒް ކާގޯ އެންމެ ގިނައިން ރާއްޖެ އަށް އެތެރެ ކުރެވިފައި ވަނީ 2018 ވަނަ އަހަރު އެވެ. އެހެން ކަމުން ރާްޖޭގެ އިގުތިސާދަށް އަންނަމުންދާ ބަދަލްތައް ވަޒަން ކޮށްލުމަށްޓަކައި، މި 2 ގުރާފުން ދައްކައި ދީފައިނީ، 2018 ވަނަ އަހަރުން ފެށިގެން މިއަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް އެވުރެޖް ކޮށް މަހެއްގެ މައްޗަށް ރާއްޖެ އަށް، ޖެނެރަލް ކާގޯ އާއި، ކޮންޓެނަރައިޒް ކާގޯ އެތެރެ ކުރެވިފައިވާ މިންވަރެވެ،" އެމްޑީ ވިދާޅުވެފައިވެ އެވެ.
އެމްޑީ ވަޖީހު ވިދާޅުވި ގޮތުގައި ގަބޫލް ކުރަން ޖެހޭ ހަގީގަތަކީ، ރައީސް ޑރ. މުހައްމަދު މުޢިއްޒު ގެ ވެރިކަން ފެށިގެން މިވީ ކުޑަ ދުވަސް ކޮޅުގެގެ ތެރޭގައި ރާއްޖެ އަށް އެތެރެކުރެވިފައިވާ މުދަލުގެ އަދަދު ރާއްޖޭގެ ތާރީޚްގައި ދުވަހަކުވެސް އިތުރު ނުވާ މިންވަރަށް ވަނީ އިތުރުވެފަ އެވެ.
" މިއިން ދައްކައި ދެނީ، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަން ފެށުމާއި އެކު ރާއްޖޭގެ އިގުތިސާދަށް ހެޔޮ ބަދަލު އަންނަން ފަށައި، އިގުތިސާދު ކުރިއަރަން ފަށާފައިވާ ކަމެވެ. އަދި މިހާރު ފެށުމަށް ތައްޔާރު ވަމުންދާ، މިސަރުކާރުގެ މުހިންމު ޕޮރޮޖެކްޓް ތައް ފެށުމުން، ރާއްޖޭގެ އިގުތިސާދު ދުވަހަކުވެސް ކުރިއަރާފައި ނުވާ މިންވަރަށް ކުރިއަރައި، ރާއްޖޭގެ ރައްޔިތުންގެ ފުދުންތެރިކަން ވަރަށް ބޮޑަށް އިތުރުވެގެން ދާނެ،" ވަޖީހު ވިދާޅުވި އެވެ.