ވާހަކަ

ނޭނގި ޔާރު ވަކިވީ – އެޕިސޯޑް 57

- އެޕިސޯޑް 57 –

މަޑުމަޑުން ވާރިޝް ފަހަތަށް ޖެހެމުން ގޮސް އެނދުމަތީގައި ޖައްސާލިއެވެ. އަދި ރިޕޯޓު އެނދުމަތީގައި ބާއްވާފައި، ވާރިޝް އޭނާގެ ދެ އަތް ވިއްދާލީ ނިތް ކުރީގައެވެ. ވާރިޝްއަށް ލިބުން ޚަބަރުން އޭނާ ބޯ ގުނޑައިގެން ގޮސްފިކަން ޔަޤީންނެވެ. ވާރިޝް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެއީ ވާރިޝް އަޑު އަހަން ބޭނުންވި ވާހަކައެއް ނޫނެވެ.

"ވާރިޝް.." 

ސުހާގެ އަޑުގައި ވޭނީ ގޮތެއް އެބަހުއްޓެވެ. އޭނާ ހުރީ އިންތިހާއަށް ދެރަވެފައެވެ. ސުހާ ގޮވާލުމުން ވާރިޝްގެ ފަރާތުން އެއްވެސް ޖަވާބެއް ނާދެއެވެ. ބޮލުގައި އަތް އުނގުޅާ، ދެ އަތުން ނިތް ކުރީގައި ވާރިޝް ތަޅަން ފެށިއެވެ. ސުހާއަށް އެ މަންޒަރު ބަލަން ކެތެއް ނުވިއެވެ. ސުހާ ކުޑަ ކަކޫ ޖަހާފައި އިށީންނީ، އެނދުގައި އީށީންދެގެން އިން ވާރިޝްގެ ކުރިމަތީގައެވެ.

"ނޫން ވާރިޝް.." 

ސުހާ ހިފައިލީ ވާރިޝްގެ ދެ އަތުގައެވެ. ވާރިޝްގެ އިސް ނަގާލަމުން ބަލައިލީ އޭނާގެ ކުރިމަތީގައި އިން ސުހާގެ މޫނަށެވެ.

"ޕްލީޒް.. ވާރިޝް ތިހެން، ތި ގޮތަށް މި ކަމަށް ރިއެކްޓް ކުރީމަ އަހަރެން ވަރަށް ދެރަވެއްޖެ! ވަރަށް ވަރަށް ދެރަވެއްޖެ.. ވާރިޝް ދޯ މިއަދު އަހަންނަށް ހިތްވަރު ދޭން ހުރީ ވެސް.." 

ސުހާގެ ދެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. ވާރިޝްގެ މޫނުމަތިން ވެސް ފެންނަނީ ހާސް ކަމާއި މާޔޫސް ކަމެވެ. އިންތިޙާއަށް ވާރިޝް އިނީ ދެރަވެފައެވެ. ވާރިޝް މަޑުމަޑުން ސުހާގެ ދެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އޭނާގެ އަތުގެ އިނގިލި ތަކުން ފުހެން ފެށިއެވެ.

"ސުހާ.." ވާރިޝް މަޑުމަޑުން ސުހާގެ އަތުގައި ހިފާލިއެވެ.

"އަހަރެން ސުހާ ދެކެ ވަރަށް ލޯބިވޭ! ވަރަށް ލޯބިވޭ! އަހަރެން ބޭނުމެއް ނޫން ސުހާއަށް ދެރައެއް ލިބޭކަށް.. ސުހާ ދެރަ ވާނެ ކަމެއް ސުހާ އަކަށް ވާކަށް ވެސް ބޭނުމެއް ނޫން.. އެކަމު ސުހާއަށް ވެސް އެނގޭނެ މީ އަހަރެމެން ތައްޔާރު ވެގެން ހުރި ޙާލަތެއް ނޫން ކަން.. އަހަރެމެން ދެ މީހުން އަކީ ވެސް ކައިވެނި ކޮށްގެން އުޅޭ ދެމީހުން.. ތީ މީހެއްގެ އަންބެއް.. އަހަރެން މީ މީހެއްގެ ފިރިއެއް.. ދެމީހުން ކައިވެނި ކޮށްގެން މި އުޅެނީ އެއް ޢާއިލާއެއްގެ ދެ މީހުންނާ.. ދިރި މި އުޅެނީ އެއް ގެއެއްގަ.. މީ ވަރަށް ބޮޑު އިއްތިފާޤެއް.. ލިޔެވިފައިވާ ތަޤުދީރެއް.. ދެ މީހުން މަސައްކަތް ކުރީ ދެމީހުން ދެމީހުންނާ ދުރަށް ދާން.. ވީހާ ވެސް ދުރަށް ދާން.. އެކަމު ލިޔެވިފަ އޮތީ އެހެން އެކަން ވާގޮތަކަށް ނޫން.." 

ވާރިޝް ވާހަކަދައްކަމުން ދިޔައީ ސުހާގެ އަތުގައި ފިރުމަމުން ސުހާއަށް ބަލަމުންނެވެ.

"އަހަރެން ވަރަށް ބޭނުން ސުހާއާ މެރީ ކުރަން.. އީމާ ވަރިކޮށްލަން ވެސް ބޭނުން.. އެކަމު ސުހާއަށް އެނގޭނެ.. އެއީ މާ ފަސޭހަ ކަން ކަމެއް ނޫން ކަން.. ސުހާ ތި އުޅެނީ އީމާގެ ދޮންބެއާ އެކު.. އެހެންވީމަ، މީ އަހަރެމެން ލައިފްގަ ނެގި ވަރަށް ބޮޑު ރިސްކެއް.." 

ވާރިޝް ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަމުން ސުހާ ގެންދިޔައެެވެ.

"ސުހާ އަޅެ ބުނެބަލަ! ސުހާގެ ވިސްނުން.. ސުހާ ބޭނުން ވަނީ ކޮންކަމެއް؟" 

ވާރިޝް އޭނާގެ ހަތަރުކަޅި އަމާޒް ކޮށްލީ ސީދާ ސުހާގެ މޫނަށެވެ.

ސުހާ ފުންކޮށް ނޭވާއެއް ލިއެވެ. އަދި ބަލައިލީ ވާރިޝް އަށެވެ.

"އަހަރެން ބޭނުން ވަނީ މި ލަދުން ސަލާމަތް ވާން.. އަހަންނަށް ހެޔޮ ވައްޓާލަން ވިޔަސް، އެ ނޫން ގޮތެއް ނެތިއްޔާ.. އެކަމު، އަހަރެން ނޭދެން އަހަރެމެންގެ ދަރިއަށް އަނިޔާއެއް ދޭކަށް.. އަހަރެންނަކަށް ނުވިސްނޭ.. ރަނގަޅު ގޮތެއް ނޭނގެ.." ސުހާގެ ވާހަކަތަކާ މެދުގައި ވަގުތުކޮޅަކު ވާރިޝް ވިސްނާލިއެވެ.

"ކޮންމެ ގޮތެއް ވިޔަސް، ސުހާގެ ބަނޑުގަ ތި އޮތީ އަހަރެންގެ ލޭ.. ދަރިއަށް އެއްވެސް ގެއްލުމެއް ދީގެން ނުވާނެ.. ކޮންމެވެސް ދުވަހަކުން އަހަރެމެންނަށް އެކުގަ އުޅެވޭނެ.." ވާރިޝް ބުނެލިއެވެ.

ސުހާއަށް ލިބުނީ ކޮންމެވެސް ވަރެއްގަ ހައިރާން ކަމެކެވެ. ސުހާ ދެލޯ ކުޑަކޮށްލީ ވާރިޝްގެ ވާހަކައިން ސުވާލު މާރކެއް ސިކުނޑި ތެރޭގައި ޖެހިގެންނެވެ.

"ތިބުނީ؟ އޭރުން؟" 

ސުހާ އަހައިލިއެވެ. ވާރިޝް ކޮޅަސް ތެދުވެ، ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަން ފެށިއެވެ. ވިސްނާ ފިކުރު ކުރަމުންނެވެ.

ސުހާ ކޮޅަށް ތެދުވެ ބަލަން ހުރީ ވާރިޝް އަށެވެ. ވާރިޝް ބުނާނީ ކީކޭ ބާއޭ ހިތަށް އަރާފައެވެ.

"ސުހާ.. އަހަރެން ބުނާ ގޮތެއް ހަދާނަންތަ؟" 

ވާރިޝް ސުހާގެ ދެ އަތުގައި ހިފާލަމުން ބަލައިލީ ސުހާގެ ދެލޮލަށެވެ. އަދި ދެމީހުން އެއްކޮށް އެނދުގައި އިށީންނެވެ.

ސުހާ އާނއެކޭ ބުނާ ފަދަ ގޮތަކަށް ބޯޖަހާލިއެވެ.

"ސުހާ ދާން ވީ އަޔާޒް ގާތަށް.. ދެވެން އޮތް އެންމެ އަވަހަށް.. ކޮންމެ ވެސް ގޮތަކުން މި ދަރި އަޔާޒްއާ ގުޅުވޭނެ ފަދަ ގޮތެއް ހަދަން ވީ.. އަޔާޒްއާ ގާތްވޭ.. ކޮންމެ ޑްރާމެއް ކުޅެގެން ވިޔަސް.. އެޔަށްފަހު ދުވަސްކޮޅެއް ކޮށްލާފަ ޕްރެގްކަން ބުނާނީ.. އޭރުން އެ ދަރި އަޔާޒް ހީކުރާނީ އެއީ އޭނާގެ ދަރިއެއް ކަމަށް.. ދެން ސުހާ ވިހައިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ ސުހާ ވަރި ވާނީ.. އަހަރެން ވެސް ވަރި ވާނީ.. އެ މުއްދަތުގެ ތެރޭގަ އަހަރެމެން މިކަން ކާމިޔާބު ކުރާނެ ރޭވުންތައް ރާވާނީ.. އަހަރެން ދެން އީމާއާ އެކުގަ އުޅޭނީ ވެސް ވިސްނައިގެން.. ސުހާގެ ބަނޑުގަ އޮތް ދަރި ނޫން އިތުރު ދަރިއެއް އަހަރެން ބޭނުމެއް ނޫން.. އީމާ އަކަށް އަހަރެން ދަރިއެއް ނުހޯދާނަން.. އޯކޭ އެއްނު؟" ވާރިޝް މަޑުމަޑުން ސުހާގެ ކޮލުގައި އޭނާގެ ކަނާ އަތުން އަތް ޖައްސާލަމުން ބުނެލިއެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.