ނަމަވެސް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން އޭނާ އަލުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ޖުލައި ފަހު ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މ. ލޭންޑްއޮފްގާޑްން، އިބްރާހިމް އިކުރާމް އަލުން ހައްޔަރު ކޮށްފި އެވެ.
އިކްރާމް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި އިއްޔެ ވަނީ ދޫވެފަ އެވެ. އޭނާ ބަންދުން ދޫވެފައި ވަނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމި މަޖިލީހުގައި އޭނާއަށް ވަކީލެއްގެ ފުރުސަތު ލިބިފައި ނުވާތީ އެވެ. ހައިކޯޓުގައި އެ އަމުރު އިސްތިއުނާފު ކުރުމުން އެ ކޯޓުން އިއްޔެ ވަނީ އެ އަމުރު ބާތިލުކޮށްފަ އެވެ.
ނަމަވެސް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން އޭނާ އަލުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ހުޅުމާލެ ހިޔާ އަވަށް -- ވިނަރަސް ފްލެޓް ސަރަހައްދު ގައި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި އައި ރޭސް ކާރެއް ކޮންޓްރޯލް ނުވެ އެވެ. އެނބުރެމުން އެނބުރެމުން އައި ރަތްކުލައިގެ އެ ކާރުން ޖެހުނީ އެވަގުތު މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގަ އެވެ.
އެކްސިޑެންޓްގައި އެމީހާ ވަރަށް ދުރަަށް ވިއްސައިގެންދިޔަ އެވެ. އޭނާ އިން ސައިކަލަށް ވެސް ބޮޑެތި ގެއްލުންވި އެވެ. އިހުމާލުން އަދި އެފަދަ ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުން ވެސް ކާރުގައި ތިބި މީހުން ވަނީ ކާރުދޫކޮށް ފިލާފަ އެވެ. މި މައްސަލައިގައި ކާރުގައި ތިބި ތިން މީހުން ހޯދުމަށްފަހު އެރޭ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
އެއީ، އިކްރާމްގެ އިތުރުން ހ. ނޫރަންމާގެއާގޭ އިކްރާމުއްރަހުމާނާއި ގއ. ކަނޑުހުޅުދޫ އާޒާދު، ޖިނާހު އިސްމާއީލެވެ. ދެން ތިބި ދެ މީހުން ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.