ބިދޭސީ މަސައްކަތްތެރީންނާމެދު އިހުމާލުވާނަމަ ފިޔަވަޅު އެޅޭ ބިލު ތަސްދީގު ކޮށްފި

މިބިލް ގައި ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތައް ވެސް ބަޔާން ކޮށްފައިވެ އެވެ.

ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ތަސްދީގު ކުރައްވާފައި

ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މި ބިލަކީ އޯގަސްޓު 19 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އިން ފާސްކުރި ބިލެކެވެ.

މި ބިލުގައި،  ބިދޭސީންނަށް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރެވޭނީ، ވަޒީފާއާބެހޭ ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ހޯދުމަށް ފަހުގައި ކަމަށް ބުނެ އެވެ. އެހެންނަމަވެސް ވަކި ފަރާތްތަކަކަށް މި އުސޫލު ނުހިނގާނެ އެވެ. އެ ފަރާތްތައް ވެސް މި ބިލުގައި ވެ އެވެ. އަދި މި ބިލުގައި ދިވެހިރާއްޖެއަށް ބިދޭސީން ގެނެވޭނެ ޢަދަދާއި ދާއިރާތައްވެސް ކަނޑައަޅާފައިވެ އެވެ.

މީގެ އިތުރުން ރާއްޖޭގައި ވަޒީފާއަދާކުރުމަށް ބިދޭސީން ގެނައުމުގައި ވަޒީފާދޭ ފަރާތުން ފުރިހަމަ ކުރަންޖެހޭ ކަންކަން އިތުރުކޮށް ތަފްސީލުކޮށް ބަޔާން ކޮށްފައިވެ އެވެ. އެގޮތުން އެ ބިދޭސީއަކު މަސައްކަތް ކުރާނެ ވާކްސައިޓް ރަޖިސްޓަރީ ކުރުމާއި ކަމާގުޅޭ އެނޫން ވެސް ހުއްދަތައް ހޯދުމާއި އެ ބިދޭސީއަކު ގެނައުމަށް ބޭނުންވާ ކޯޓާ ހޯދުމާއި ވާކް ޕާމިޓް ހެއްދުން ހިމެނެ އެވެ. އަދި ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތައް ވެސް ބަޔާން ކޮށްފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް، މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަން ޖެހެ އެވެ.

މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފަ އެވެ. ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ގާނޫނު ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢއުކުރާ ދުވަހުން ފެށިގެން ނެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.