ހަންގޭރީ ސްކޮލާޝިޕްގައި މިހާރު ފުރަމުން ދަނީ 19 ދަރިވަރެކެވެ. މިއީ އެ ގައުމުން ރާއްޖެ އަށް ހިލޭ ދީފައިވާ ސްކޮލާޝިޕް ޕްރޮގްރާމެކެވެ.
ހަންގޭރީ އަށް ފުރާ ދަރިވަރުންގެ މަތީ ތައުލީމް ހާސިލް ކުރާ ދާއިރާތަކުގެ ތެރޭގައި ދިވެހިން ވަޒީފާތަކުގައި މަދު ގިނަ ދާއިރާ ތަކެއް ހިމެނެ އެވެ.
ހަންގޭރީ ސަރުކާރުގެ ސްކޮލާޝިޕް ޕްރޮގްރާމުގެ ދަށުން މިހާރު އެ ގައުމުގައި 80 އަށްވުރެ ގިނަ ކުދިން މަތީ ތައުލީމް ހާސިލް ކުރަމުންދާއިރު މި އަހަރު ކިޔަވާ ފުރާ އިތުރު 19 ދަރިވަރަކު ވެ އެވެ. އެ ދަރިވަރުން މިހާރު ވަނީ ފުރަން ފަށާފަ އެވެ.
ހަންގޭރީ ސަރުރުކާރުން ހިންގާ "ސްޓައިޕެންޑިއަމް ހަންގޭރިކަމް ސްކޮލާޝިޕް" ޕްރޮގްރާމުގެ ދަށުން ކޮންމެ އަހަރު 2021 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު 25 ކުދިންނަށް ދަނީ ހުރިހާ ހަރަދުތަކެއް ހިމެނޭހެން ސްކޮލާޝިޕް ދެމުންނެވެ. މި ސްކޮލާޝިޕް ޕްރޮގްރާމުގެ ދަށުން މިވަގުތު ވެސް 80 އަށްވުރެ ގިނަ ކުދިން ދަނީ ހަންގޭރީގެ ބުޑަޕެސްޓުގެ އެކި ޔުނިވާސިޓީތަކުގައި މަތީ ތައުލީމް ހާސިލް ކުރަމުންނެވެ.
މި ޕްރޮގްރާމުގެ ދަށުން ހަންގޭރީގައި މަތީ ތައުލީމު ހާސިލް ކުރަން ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ކުދިން ކުރިމަތިލި އެވެ. ހަރަދުތައް ހަންގޭރީ ސަރުކާރުން ދޭ މަތީ ތައުލީމުގެ މި ފުރުސަތުގެ ދަށުން އަންޑަ ގްރެޖުއޭޓުން ފެށިގެން ޕީއެޗްޑީއާ ހިސާބަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ.
ހަންގޭރީ އަށް ފުރި ދަރިވަރުންގެ ކިޔަވާ ދާއިރާތަކުގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ ގިނަ ދާއިރާތަކެއް ހިމެނެ އެވެ. އަދި ރާއްޖެ ކުރިއަރަމުން ދާއިރު ރާއްޖޭގެ އެކި ދާއިރާތަކަށް މި ކުދިންގެ ބޭނުން ހިފޭނެ އެވެ. މިގޮތުން ރާއްޖޭގައި ދިވެހިން މަދު ގިނަ ދާއިރާތަކުން ވަނީ ހަންގޭރީ ސަރުކާރުން ސްކޯލަޝިޕް ހަމަޖައްސައިދީފަ އެވެ. އެ ދާއިރާތަކުގެ ތެރޭގައި މޮލިކިއުލާ ބަޔޮލޮޖީ އާއި ބަޔޯޓެކްނޮލިޖީ ފަދަ ދާއިރާތައް ހިމެނެ އެވެ.
ހަންގޭރީ ސަރުކާރުގެ މި ޕްރޮގްރާމުގެ ދަށުން މި އަހަރު އަދި މިދިޔަ އަހަރު ވެސް ވަނީ 25 ދަރިވަރުންނަށް ސްކޮލާޝިޕް ދިނެވެ. ހަންގޭރީ ސަރުކާރާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2021 ނޮވެމްބަރު މަހު އެވެ.
ހަންގޭރީގެ ޔުނިވާސިޓީ ތަކުން މަތީ ތައުލީމު ހާސިލު ކުރަން ހުޅުވާލާ މި ފުރުސަތުތަކުގެ ތެރޭގައި ހިމެނެނީ ބެޗެލާސް އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުސަތެވެ. ހަންގޭރީ ސަރުކާރާ ގުޅިގެން މި ފުރުސަތު ތަނަވަސްކޮށް ދެއްވާފައިވަނީ ހަންގޭރީގެ އޮނަރަރީ ކޮންސުލްޖެނެރަލް އަދި ޕްރިންސިޕަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމުގައި ހުންނެވި މުހައްމަދު އަލީ ޖަނާހު އެވެ. ޖަނާވަނީ ރަޝިއާއިން ޔޫކްރޭނަށް ހަމަލާ ދިނުމާ ގުޅިގެން ޔޫކްރޭންގައި ތިބި ދިވެހި ކިޔަވާ ކުދިން ހަންގޭރީއަށް ގެންގޮސް ގެނެސް ދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އަދި އެ ކުދިންވެސް އެކަން ފާހަގަކުރި އެވެ.