ބޭންކުތައް މެދުވަރިކޮށް ރާއްޖެއިން ބޭރުވި 6.1 ބިލިއަނެއްހައި ޑޮލަރާއި ރެމިޓެންސް ހިދުމަތްދޭ ކުންފުނިތައް މެދުވެރިކޮށް ބޭރުވި 70 މިލިއަނެއްހައި ޑޮލަރާއެކު ރަސްމީ ނިޒާމުގެ ތެރެއިން ގާތްގަނޑަކަށް 6.2 ބިލިއަނެއްހައި ޑޮލަރު ރާއްޖެއިިން ބޭރުވި
ބޭންކުތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ހުއްދަ ދީގެން ރެމިޓެންސްގެ ހިދުމަތްދޭ ކުންފުނިތައް މެދުވެރިކޮށް ފާއިތުވި 2023 ވަނަ އަހަރު ރާއްޖެއިން ޖުމްލަ 6 ބިލިއަނަށްވުރެ ގިނަ ޑޮލަރު ބޭރުވެފައިވެ އެވެ.
މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިއަދު ޝާއިއުކުރި ޕޭމެންޓްސް ބުލެޓިން 2023 ގައި ބުނެފައިވާ ގޮތުން ބޭންކުތައް ފިޔަވައި ރެމިޓޭންސް ހިދުމަތް ދިނުމަށް އެމްއެމްއޭއިން ހުއްދަ ދީފައިވާ ކުންފުނިތައް މެދުވެރިކޮށް 72 މިލިއަން ޑޮލަރުގެ މުއާމަލާތް ހިންގާފައިވެ އެވެ. އެއީ 2022 ވަނަ އަހަރު އެ ކުންފުނިތައް މެދުވެރިކޮށް ހިންގާފައިވާ މުއާމަލާތަށްވުރެ 40 އިންސައްތަ އިތުރު އަދަދެކެވެ.
ރެމިޓޭންސް މުއާމަލާތްތަކުގެ ތެރެއިން ރާއްޖެއަށް އެތެރެވެފައިވާ ފައިސާއަކީ އެ ކުންފުނިތައް މެދުވެރުކޮށް ހިންގާފައިވާ މުއާމަލާތްތަކުގެ 4 އިންސައްތަ ކަމަށްވާ 2.7 މިލިއަން ޑޮލަރެވެ. 2023 ވަނަ އަހަރު ރާއްޖެއަށް ރެމިޓެންސްގެ ގޮތުގައި އެތެރެވި ފައިސާގެ އަދަދު 8 އިންސައްތަ މަދުވެފައިވެ އެވެ.
ނަމަވެސް ރާއްޖެއިން ބޭރަށް ރެމިޓެންސްގެ ގޮތުގައި ބޭރުކުރި ފައިސާގެ އަދަދުވަނީ 43 އިންސައްތަ އިތުރުވެފަ އެވެ. އެގޮތުން ނިމުނު އަހަރު ރާއްޖެއިން ބޭރަށް 70 މިލިއަން ޑޮލަރު ރެމިޓެންސްގެ ގޮތުގައި ބޭރުކޮށްފއިވެ އެވެ.
ރާއްޖެިއން ބޭރަށް ރެމިޓެންސްގެ ގޮތުގައި ފައިސާ ބޭރުކުރުމުގެ މުއާމަލާތްތަކުގެ 84 އިންސައްތައަކީ ބިދޭސީންގެ މުއާމަލާތްތަކެވެ. ބިދޭސީންވަނީ ރެމިޓެންސްގެ ގޮތުގައި ޖުމްލަ 59 މިލިއަން ޑޮލަރު ރާއްޖެއިން ބޭރުކޮށްފަަ އެވެ. އެ ފައިސާގެ ތެރެއިން 54.2 އިންސައްތަ ފައިސާ ބޭރުކޮށްފައިވަނީ އަވައްޓެރި ބަންގުލަދޭޝަށެވެ.
ދިވެހި ރެމިޓެންސްގެ ގޮތުގައި 11 މިލިއަން ޑޮލަރު ރާއްޖެއިން ބޭރުކޮށްފައިވާއިރު އެ ފައިސާގެ ތެރެއިން އެންމެ ބޮޑު އަދަދެއް ބޭރުވީ އިންޑިޔާއާއި ފިލިޕީންސް އަދި ސްރީ ލަންކާއަށެވެ. 2022އާ އަޅާބަޅާއިރު، ދިވެހިން ރެމިޓެންސްގެ ގޮތުގައި ބޭރުކުރި ފައިސާގެ އަދަދު 16 އިންސައްތަ ދަށްވިއިރު ބިދޭސީން ބޭރު ކުރި ފައިސާގެ އަދަދު 39 އިންސައްތަ އިތުރުވެފައިވެ އެވެ.
2.1 މިލިއަން ޑޮލަރު ރެމިޓެންސްގެ ގޮތުގައި ދިވެހިން އެތެރެކުރިއިރު އެ ފައިސާގެ 16.1 އިންސައްތަކީ ޔުނައިޓެޑް އަރަބިކް އެމިރޭޓްސްއިން އެތެރެވި ފައިސާ އެވެ. ދެން އެންމެ ގިނައީ ޖަރުމަނާއި އެމެރިކާއިން ދިވެހިން ރެމިޓެންސްގެ ގޮތުގައި ރާއްޖެއަށް ގެނައި ފައިސާ އެވެ.
ރެމިޓެންސް ވިޔަފާރިކުރަން ހުއްދަ ދީފައިވާ ކުންފުނިތަކުން ހިންގާފައިވަނީ ރެމިޓެންސް މުއާމަލާތްތަކުގެ އެންމެ 1.1 އިންސައްތަ އެވެ. ރެމިޓެންސް މުއާމަލާތްތަކުގެ 98.9 އިންސައްތަ މުއާމަލާތްކޮށްފައިވަނީ ބޭންކުތައް މެދުވެރިކޮށެވެ.
ބޭންކުތައް މެދުވެރިކޮށް ޖުމްލަ 10.6 ބިލިއަން ޑޮލަރުގެ މުއާމަލާތް ހިންގާފައިވާއިރު، އެ މުއާމަލާތްތަކުގެ 58 އިންސައްތައަކީ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ މުއާމަލާތްތަކެވެ. އެހެންކަމުން ރެމިޓެންސްގެ ގޮތުގައި ބޭންކުތައް މެދުވެރިކޮށް 6.1 ބިލިއަން ޑޮލަރު ބޭރުވެފައިވާނެ އެވެ.
ބޭންކުތައް މެދުވަރިކޮށް ރާއްޖެއިން ބޭރުވި 6.1 ބިލިއަނެއްހައި ޑޮލަރާއި ރެމިޓެންސް ހިދުމަތްދޭ ކުންފުނިތައް މެދުވެރިކޮށް ބޭރުވި 70 މިލިއަނެއްހައި ޑޮލަރާއެކު ރެމިޓެންސްގެ ރަސްމީ ނިޒާމުގެ ތެރެއިން ގާތްގަނޑަކަށް 6.2 ބިލިއަނެއްހައި ޑޮލަރު ރާއްޖެއިން ބޭރުވެފައިވާނެ އެވެ.
ރެމިޓެންސްގެ ރަސްމީ ނިޒާމުން ބޭރުން އެކި ގޮތްގޮތަށް ޑޮލަރު ބޭރުކުރަމުންދެ އެވެ. އެގޮތުން ބައެއް ފަހަރު ނަގުދު ފައިސާގެ ގޮތުގައި ގިނަ އަދަދަކަށް ޑޮލަރު ރާއްޖެއިން ބޭރުކުރާކަމަށް ތުހުމަތުވެފައިވެ އެވެ. ދާދިފަހުން 90،000 އަށްވުރެ ގިނަ ޑޮލަރު އޮޅުވާލައިގެން ބޭރުކުރަން މަސައްކަތްކުރި ބިދޭސީއަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަނެފައިވެ އެވެ.