ޑިއުޓީ ފްރީ ކުރާ ބާވަތްތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ މަހާއި މަހުން އުފައްދާ ބާވަތްތަކެވެ.
ތުރުކީ އާއި ރާއްޖެއާ ދެމެދު ހަދާ ފްރީޓްރޭޑް އެއްބަސްވުމުގައި ޑިއުޓީ ނުނަގާ "ޒީރޯ ޓެރިފް" ގެ 38 އައިޓަމެއް ހިމެނޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ގައުމީ ޓީވީގައި މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި އެފްޓީއޭ އަށް އެއްބަސްވުމުގެ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް (ޕީޓީއޭ) އެކުލަވާލުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ނިންމާފަ އެވެ. ދެން އޮންނާނީ ތުރުކީގެ ގާނޫނު ހަދާ މަޖިލީހުން އެއްބަސްވުން ފާސް ކުރުމެވެ. އެއަށްފަހު މި އަހަރުގެ ޑިސެމްބަރު ނުވަތަ ޖެނުއަރީ މަހު އެއްބަސްވުން އެކްޓިވް ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"38 ބާވަތަކުން ޑިއުޓީ އެއްކޮށް ކަނޑާލަން ދިވެހި ސަރުކާރުން ތުރުކީ ސަރުކާރުގައި އެދިފައިވާނެ. ދެން ހުރި އައިޓަމްތަކުން ތުރުކީ އިން މިހާރު ނަގާ ޑިއުޓީ އަށް ވުރެ ވަރަށް ބޮޑު ތަން ކުޑަކޮށްދޭނެ،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި ޑިއުޓީ ނުނަގާ ބާވަތްތަކުގެ ތެރޭގައި ކަންނެއްޔާއި ހިކިމަހާއި މަހުގެ އެކި ބާވަތްތަކުން ތައްޔާރުކުރާ އުފެއްދުންތައް ހިމެނެ އެވެ.
ތުރުކީ އާއި ރާއްޖެއާ ދެމެދު ހަދާ ފްރީޓްރޭޑް އެއްބަސްވުމުގައި 200 އަށްވުރެ ބާވަތް ހިމެނެ އެވެ.
ރާއްޖެ އިން މިހާތަނަށް ފްރީޓްރޭޑް އެއްބަސްވުމެއް ހަދާފައިވަނީ ޗައިނާއާއެކުގަ އެވެ. ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޗައިނާއާއެކު ހެދި އެއްބަސްވުމަށް އަމަލުނުކުރަން ނިމުނު އެމްޑީޕީގެ ސަރުކާރުން ނިންމައި އެ އެއްބަސްވުން އެކްޓިވުނުކޮށް ބޭއްވި އެވެ. ނަމަވެސް މިހާރު މި ސަރުކާރުން ދަނީ މި އެއްބަސްވުން އެކްޓިވްކުރަން މަސައްކަތް ކުރަމުންނެވެ.