"ޔާމީންގެ ހައްގުގައި މުޒާހަރާތައް ކުރިއިރު ޕާޓީން ހަރަދެއް ނުކުރޭ"

"މިދެންނެވީ އެބޭފުޅުންގެ ފަރާތުން މީހަކު ބައިވެރިނުވާ ހާލަތުގާ، މިއަދު އަރާ ޕީއެންއެފްގެ ޖަލްސާގަ ވާހަކަދައްކާއިރު އެބޭފުޅުންގެ ފަރާތުން މިކަހަލަ އެއްވެސް ކޮންޓްރިބިއުޝަނެއް ނުލިބޭ،"

ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއިލް

ވޭތުވެދިޔަ ފަސް އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލާ ޕީޕީއެމް އާއި އެމަނިކުފާނުގެ ސަޕޯޓަރުން ސިލްސިލާކޮށް ހިންގި މުޒާހަރާތަކާއި ބޮޑެތި ރެލީ ތަކުގައި ޕީޕީއެމްގެ ފަރާތުން އެއްވެސް ވަރަކަށް ހަރަދު ކޮށްފައި ނުވާ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މުހައްމަދު މިހެން ވިދާޅުވެފައި ވަނީ، އޭރު ކުރި މުޒާހަރާތަކަކީ މަޖުބޫރުވެގެން އަދި ޔާމީން މިނިވަން ކުރުމުގެ ނިޔަތެއް އޮވެގެން ކުރި މުޒާހަރާތަކެއް ނޫން ކަމަށް އެމަނިކުފާނާއި ޕީއެންއެފްގެ ލީޑާޝިޕްގައި ހިމެނޭ ބޭފުޅުން ތުހުމަތު ކުރައްވާތީ ރޭ ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

"މިސާލަކަށް އަޅުގަނޑުމެންނަށް ޕާޓީން މުސާރައެއްދޭނަމަ، ނޫންނަމަ ރައީސް ޔާމީނަށް ހެޔޮ އެދޭ ފަރާތަކުން އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންތައްތައް ބަލަހައްޓަ ދޭނަމަ، ނޫންނަމަ ރައީސް ޔާމީންގެ ބޯހިޔާވަހިކަމުގެ ދަށުގަ ހުންނަނަމަ އަޅުގަނޑުމެން އެ ކުރާ މަސައްކަތަކީ މަޖުބޫރުވެގެން ކުރާ މަސައްކަތެއް ކަމަށް ބުނެވިދާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާގެ އަމިއްލަ ތަޖުރިބާ ހިއްސާ ކުރައްވަމުން ވިދާޅުވީ އޭނާއަކީ ވެސް އެހާ ފުދިގެން އޭރު އުޅުނު މީހެއް ނޫން ކަމަށެވެ. އޭރު ވަޒީފާއެއްގައި ވެސް ނޫޅޭތީ އަނބިމީހާއަށް ލިބޭ މުސާރައިން އުޅުއްވީ ކިރިޔާ ފުދިގެން ކަމަށް ވިދާޅުވި އެވެ. ހަމަ އެގޮތަށް، މަޖިލީހަށް ހޮވިވަޑައިގަތް ހައެއްކަ މެންބަރުން ނޫނީ ދެންތިބި ހުރިހާ ބޭފުޅުން ވެސް އުޅުއްވީ އެ ހާލުގައިކަން އޭނާ ފާހަގަކުރެއްވި އެވެ.

ރައީސް ޔާމީނާއި ޕީއެންއެފްގެ ލީޑާޝިޕުގައި ތިއްބެވި އެއްވެސް ބޭފުޅަކު އެ މުޒާހަރާތަކުގައި ބައިވެރިނުވާއިރު، އެއްވެސް ހަރަދެއް އެމީހުންގެ ފަރާތުން ކޮށްފައި ނުވާ ކަމަށް ވެސް މުހައްމަދު ވިދާޅުވި އެވެ. ރައީސް ޔާމީނަށް ހެޔޮ އެދޭ ފަރާތްތަކުން ދޭ ފައިސާއިން ކަންކަން އިންތިޒާމް ކުރިނަމަވެސް ފަހުން އެ ފައިސާ ލިބުން ދަތިވުމުން ބައެއް މަޖިލީސް މެންބަރުން ފައިސާ ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އޭގެ ފަހުން އަނެއްކާ ފައިސާ ލިބުން ދަތިވުމުން މުޒާހަރާގެ ބައިވެރިންނަށް ކޮންމެ ރެއަކު ކެއުމުގެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް އޭނާ ވިދާޅުވި އެވެ. ދެ އަހަރު ވާންދެން 100 އެއްހާ މީހުންގެ ކެއުން ކޮންމެ ރެއަކު އެމަނިކުފާނު ހަމަޖައްސަވައިދެއްވާ ކަމަށް މުހައްމަދު ވިދާޅުވި އެވެ.

"މިދެންނެވީ އެބޭފުޅުންގެ [ޕީއެންއެފްގެ މިހާރުގެ ލީޑާޝިޕް] ފަރާތުން މީހަކު ބައިވެރިނުވާ ހާލަތުގާ، މިއަދު އަރާ ޕީއެންއެފްގެ ޖަލްސާގަ ވާހަކަދައްކާއިރު އެބޭފުޅުންގެ ފަރާތުން މިކަހަލަ އެއްވެސް ކޮންޓްރިބިއުޝަނެއް ނުލިބޭ،" މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިސްސިލާ މުޒާހަރާތަކުގައި ވެސް ފޭނާ، ސްޕްރޭ ޖެހުމުން ލޮލަށް އަޅާ ކިރުފަދަ އެއްޗެއްހި ގަތުމަށް ރެޔަކަށް ހައެއްކަ ހާސް ރުފިޔާ ހަރަދުވާ ކަމަށެވެ.

"އިހުލާސްތެރިކަމެއް ނެތޭ، އަމިއްލަ އެދުމުން ކުރި މުޒާހަރާތަކެކޭ ކިޔާ ވާހަކަދައްކާއިރު އެބަ އަސްލު ހަގީގަތުގަ ވެސް އަޅުގަނޑުމެން ވަރަށް ދެރަވޭ،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.