ރައީސް އިތުރަށް ވިދާޅުވެފައިވަނީ މި ކުންފުނިތައް އެއްކޮށްލުމުން ރައްޔިތުންނަަށް އެކަމުގެ ސަބަބުން ބޮޑެތި މަންފާތަކެއް ލިބޭނެ ކަމަށެވެ.
ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ހަތަރު ކުންފުންޏެއް އެއްކޮށްލުމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.
އަތޮޅު ތެރޭގައި ހިންގާ ސަރަހައްދީ އެއާޕޯޓުތައް ހިންގަމުންދާ ކުންފުނި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ދަށަށް ގެންދިއުމާމެދު ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރަން ނިންމައިފި އެވެ.
މިއަދު އޮންނަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް ވަދެވަޑައިގަތުމުގެ ކުރިން ރައީސް އޮފީހުގެ މީޑިއާ މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެ ބައްދަލުވުމުގެ މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ދައުލަތުގެ ކުންފުނިތައް އިސްލާހުކުރުމާ ގުޅޭ މުހިއްމު ނިންމުންތަކެއް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ފާއިތުވި ހަފުތާގައި އޮތް ކެބިނެޓު ބައްދަލުވުމުގައި ފެނަކަ ކުންފުނި އެސްޓީއޯގެ ދަށަށް ބަދަލުކުރަން ނިންމަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި މިއަދުގެ ބައްދަލުވުމުގައިވެސް އެފަދަ މުހިއްމު މަޝްވަރާތަކެއް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިއަދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވަން ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި ރީޖަނަލް އެއާޕޯޓްސް ކުންފުނި އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުން ފަދަ ދެ ކުންފުންޏާމެދު އަމަލުކުރެވިދާނެ ތަފާތު ގޮތްތަކާ ގުޅޭ މަޝްވަރާ ހިމެނެ އެވެ.
"ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުން ނުވަތަ މާޖްކުރުން މިފަދަ އެމްއޭސީއެލްއާއި ރީޖަނަލް އެއާޕޯޓްސް އެކީގައި ހިންގޭނެ ގޮތްތަކެއް، ސިނާޖީއެއް އުފެއްދޭން ގޮތްތަކެއް މަޝްވަރާކުރުން އެބައޮތް،" ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނާއި ކުރީ ސަރުކާރުގައި ހައުސިން މަޝްރޫއުތައް ހިންގުމަށް އުފެއްދި ފަހި ދިރިއުޅުން ކޯޕަރޭޝަން އެއްކޮށްލައި އެޗްޑީސީގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި އެފްޑީސީ ހިންގުމާމެދު މަޝްވަރާކުރަން ހަމަޖެހިފައިވާކަން ރައީސް ހާމަކުރެއްވި އެވެ.
ރައީސް އިތުރަށް ވިދާޅުވެފައިވަނީ މި ކުންފުނިތައް އެއްކޮށްލުމުން ރައްޔިތުންނަަށް އެކަމުގެ ސަބަބުން ބޮޑެތި މަންފާތަކެއް ލިބޭނެ ކަމަށެވެ.
ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ހަރަދުތައް ކުޑަކުރުމަކީ ރައީސްގެ ވައުދުފުޅެކެވެ. އަދި އެ ވައުދުފުޅާ އެއްގޮތަށް ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ބޮޑު މަސައްކަތެއް ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ހިންގަން ނިންމާފައިވާ އިސްލާހީ ޕްރޮގުރާމުގައި ހިމެނޭކަން ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.