ރަހީނުކުރި މީހާގެ ސަމާލުކަން އަނބުރާލީ ފުލުހުންގެ ތަފާތު އުކުޅަކުން

އަންހެން މީހާ ރަހީނުކޮށްގެން ނުކުތް ހިސާބުން ފެށިގެން ލިބުނު ކުޑަ ވަގުތު ކޮޅުގައިވެސް ފުލުހުން ވަރަށް ރޭވުންތެރިކަމާއެކު މަސައްކަތްކޮށްފައި ހުރިކަން އެނގެ އެވެ. އަދި ރަހީނު މިނިވަން ކުރުމުގެ ތަފާތު ޕްލޭންތައް ދިޔައީ ހަދަމުންނެވެ.

ށ. މިލަންދޫ، ހެޕީލޭންޑް އަހުތަރު އަންހެން މީހާ ރަހީނުކޮށްގެން

ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅު ގަދަވަޔާއެކު ބޯކޮށް ވިއްސާރަވާން ފެށުމާއެކު ގިނަ ބަޔަކު ވަނީ ގެއަށެވެ. އެކަމަކު ގޭގައި ގިނަ ބަޔަކު ތިބި އެ ވަގުތު މާނުރައްކާތެރި ހާދިސާއެއް މާލޭގައި ހިނގި އެވެ. އޭއެމްޑީސީ ކައިރީ ހުންނަ ގެއެއްގައި ފިރިހެނަކު އަންހެނަކު ރަހީނު ކުރި އެވެ. ފުލުހުންނަށް އެ މައުލޫމާތު ލިބުމާއެކު އަވަހަށް އެތަނަށް ޓީމެއް ދިޔަ އެވެ. އެމަކު ރަހީނުކުރި މީހާ ހުރީ އެ އަންހެން މީހާ ދޫކުރާ ގޮތަކަށް ނޫނެވެ. އެ އަންހެން މީހާގެ ކަރުގައި ޖައްސާފައި ހުރީ ތޫނު އެއްޗެކެވެ. ބެލެވޭ ގޮތުގައި އެއީ ކުޑަ ވަޅި އެވެ. ނުވަތަ ފިޔޮއްސެކެވެ. ވަޅީގެ މިޔަ އިނީ އަންހެން މީހާގެ ވައިނޮޅީގައި ޖައްސާފަ އެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކޮށް އެތަށް ހުކުމެއް އައިސްފައިވާ ނުރައްކާތެރި ކުއްވެރިޔާ ށ. މިލަންދޫ، ހެޕީލޭންޑް އާދަން އަތުހަރު ހަރުއަޑުން ރުޅިވެރިކަމާއެކު އިންޒާރު ދެމުން ދިޔައީ އަންހެން މީހާ ސަލާމަތް ކުރަން ފުލުހުން ކައިރިވާނަމަ އޭނާގެ ކަރުގައި ވަޅި އަޅާނެ ކަމަަށެވެ. ހާލަތުގެ ނުރައްކާތެރިކަމާއި ހޮސްޓެޖުކޮށްފައި ހުރި ސަރަހައްދުގެ ހާލަތަށް ބަލައި ފުލުހުންގެ އަވަސްވެ ގަތީ އެ އަންހެން މީހާ ސަލާމަތް ކުރެވޭނެ އަވަސް ޕްލޭނަކަށް ދާށެވެ. މިކަމުގައި އޮތް އަނެއް ބިރަކީ އޭނާ އެކަމުގައި އުޅެނިކޮށް އާއްމުގެ ބަޔަކު ކައިރިވެއްޖެނަމަ އަންހެން މީހާގެ ފުރާނަ ދިއުމުގެ ބިރުވެރިކަން އޮތުމެވެ.

ހޮސްޓެޖު ސިޗުއޭޝަންތައް ނުވަތަ ރަހީނުކުރުމުގެ ކުށްތަކަކީ ރާއްޖޭގައި އާއްމު ކަމެއް ނޫނެވެ. ދޭތެރެއަކުން މީގެ ކުޑަ ހާދިސާއެއް ހިންގި ނަމަވެސް އެކަން މާބޮޑު ހާދިސާއެއްގެ ގޮތުގައި މިހާތަނަށް ފާހަގަވެފައެއް ނެތެވެ. ގިނަ ފަހަރު ފުލުހުން ގޮސް ވާހަކަ ދައްކައިގެން އެ މައްސަލަތައް ހައްލު ކުރެ އެވެ. ބާރުގެ ބޭނުން ކުރަން މިހާތަނަށް ޖެހިފައިވަނީ މަދު ފަހަރަކު އެވެ. ހާއްސަކޮށް އިންޑިވިޖުއަލް މީހަކު ނުކުމެ މީހަކަށް ވަޅިން ބިރު ދައްކައިގެން ކިޑްނެޕް ކުރުމުގެ ހާދިސާތައް އެއްގޮތަކަށްވެސް ނުހިނގަ އެވެ. އެހެންވެ ދިވެހި ފުލުހުންގެ މިފަދަ ހާދިސާތަކުގެ ތަޖުރިބާ ވެސް މަދެވެ. އެކަމަކު މި ހާދިސާ ވަރަށް ތަފާތެވެ. ހާދިސާ ހިނގި ސަރައްހަކީ ގިނަ ބަޔަކު ދިރިއުޅޭ ބައިބޯ ސަރަހައްދަކަށްވުމާއެކު މުޅި ހާދިސާ ފިލްމެއްގެ ގޮތަށް މަންޒަރުތަކުގެ ވީޑިއޯ ދިޔައީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. ބިރުވެރި ސިހުން ބޮޑު މަންޒަރު ތަކުން ބިރުން ފިތް ކަނޑައިގެންދާ ވަރުވި އެވެ.

ރަހީނު ސަލާމަތް ކުރުމުގެ ނެގޯސިއޭޝަން ފެއިލްވި

ދައުރުވި ވީޑިއޯތަކުގެ ފުރަތަމަ މަންޒަރުން ފެންނަނީ އަހުތަރު އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ގޭގައި އިންނަ މަންޒަރެވެ. އެ ތަނުގައި ފުލުހެއް ހަރަކާތްތެރިވާތަން ވެސް ފެނެ އެވެ. އޭގެ ފަހުން އާއްމުވީ މި ހާދިސާގެ ބިރުވެރި މަންޒަރު ތަކެވެ.

އަހުތަރު އެ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ގެއިން ބޭރަށް ނުކުމެ އެވެ. ނުކުންނައިރު ބްލޫޒް ޔުނީފޯމުގައި ފުލުހެއް އޭނާގެ ކުރިމަތީގައި މަގުމަތީގައި ހަރަކާތްތެރިވާތަން ފެނެ އެވެ. ބެލެވޭ ގޮތުގައި އެ ފުލުސް އޮފިސަރަކީ މި ހާދިސާ ސުލްހަވެރިކޮށް ނިންމޭ ތޯ އެގެއަށް ދިޔަ ނެގޯޝިއޭޓަރެ ނުވަތަ އިންސިޑެންޑް ކޮމާންޑަރެކެވެ. އެކަމު ފުލުހުން ވާހަކަ ދައްކައިގެން މިކަން ސުލްހަވެރިކަމާއެކު ނުނިންމުނެވެ. ނެގޯސިއޭޝަން ފެލިވީ އެވެ. އަންހެން މީހާ ރަހީނުކޮށްގެން ހުރި އަހުތަރު ބޭރަށް ނުކުމެ ސައިކަލްގައި އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ގަދަކަމުން ސައިކަލުގައި ނައްޓާލަ އެވެ. ނައްޓާލަމުން އޭނާ ދެއްކި ވާހަކަ ތަކުން އެނގެނީ އެ އަންހެން މީހާއަކީ ފުލުހެއްކަމެވެ.

އޭނާ އިންޒާރު ދެމުން ދިޔައީ މިއީ ކަލޭމެންގެ މީހެއް ކަމަށެވެ. -- މާނައަކީ އެ އަންހެން މީހާއަކީ ފުލުހެކެވެ. އަދި ފުލުހުން އޭނައާ ކައިރިވެއްޖެނަމަ އެ އަންހެން މީހާގެ ކަރުގައި ވަޅި އަޅާނެކަމުގެ އިންޒާރު ދެމުން ދިޔަ އެވެ. އަދި ހުތުރު ބަހުން ވާހަކަ ދައްކަމުން ދިޔަ އަހުތަރު އާއްމުން ބަލަން ނުތިބޭންވެސް އިންޒާރު ދިނެވެ. އެހެންވެ އެ ސަރަހައްދަށް ގޮސްހުރި ފުލުހުންގެ އިސް އޮފިސަރު އެންމެން ގެއަށް ވަންނަން ބުނަމުން ދިޔަ އެވެ. މި ހާދިސާ ދެން ފުރޮޅިގެންދާނެ ގޮތެއް ނޭނގޭއިރު ފުލުހުން ދިޔައީ މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާނެ ގޮތުގެ ޕްލޭންތައް ވެސް އެންމެ މަތީ ފަންތީގައި ކުރަމުންނެވެ. އެކި ފަންތީގެ ވެރިންނާއެކު ފުލުސް މައި އިދާރާގައި ކޮމިއުނިކޭޓް ކުރަމުން ދިޔައީ އެކަމަށެވެ. އެ މީހާ ސައިކަލުގައި ގޮސް ވަކި ހިސާބަކުން މަޑު ކުރި އެވެ. ވީޑިއޯ ތަކުން އެ އެ ފެންނަނީ ފުލުހުންގެ އަވަސް ހަރަކާތްތަކާއެކު ހޮސްޓެޖް ރެސްކިއު އޮޕަރޭޝަންތަކުގައި ބޭނުން ކުރާ ތަފާތު އުކުޅެކެވެ.

ތަޅައިގަތީއެއް ނޫން، ފިޔަވަޅު އެޅީ ރޭވުންތެރިކަމާއެކު

ހޮސްޓެޖް ރެސްކިއު އޮޕަރޭޝަންތަކުގެ ދާއިރާ އިން ތަމްރީން ހަދައިގެން ހުންނެވި ކުރީގެ ސިފައިންގެ އޮފިސަރަކު "މިރާ" އަށް ނަން ނުޖެހުމަށް އެދި ކިޔައިދިން ގޮތުގައި ވީޑިއޯ އެނެލައިޒް ކުރުމުން ފުލުހުން މި ހާދިސާގައި ހޮސްޓެޖް ރެސްކިއުގެ ހުނަރުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާގައި ހުރިކަން ފެނެ އެވެ.

"ވީޑިއޯ އިން އެ ފެންނަނީ ހަމަ އައިސް ތަޅާގަންނަ ތަނެއް ނޫން. ވަރަށް ރަނގަޅަށް ސިޗުއޭޝަން އެނާލައިޒް ހަދައިގެން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރިތަން އެ އެ ފެނުނީ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ހާދިސާ އަށް ފަހު ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވެސް ވަނީ މި ހާދިސާއާ ގުޅިގެން ރެސްކިއުގައި އުޅުނު ފުލުހުންގެ ކޮމިއުނިކޭޝަން ފުރިހަމަކަން ފާހަގަ ކުރައްވާފަ އެވެ.

އަންހެން މީހާ ރަހީނުކޮށްގެން ހުރި އަހުތަރުގެ ސަމާލުކަން އެ ހާލަތާ ދުރަށް ދިޔަ ވަގުތު ކޮޅު

ސީންއަށް ވަތް މީހާގެ ސަބަބުން ސަމާލުކަން ގެއްލުނު

ހޮސްޓެޖުކޮށްގެން ހުރި އަތުހަރުގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލަން އިތުރު ސީން އެއް ފުލުހުން ކްރިއޭޓްކޮށްފައި ހުރިކަން ނުވަތަ އެފަދަ ފުރުސަތަކަށް ތަންދިންކަން ވީޑިއޯ އިން އެނގެ އެވެ. އެ ސީންގެ މަގުސަދަކީ ރަހީނުކޮށްގެން ހުރި އަހުތަރުގެ ސަލާމުކަން އޭނާގެ އޮބްޖެޓްއާ ދުރަށް ގެންދިއުމެވެ. އަދި އެ ހާދިސާއާއެކު ލިބޭ ފަޅި ސިކުންތު ވަގުތުކޮޅުގައި ރަހީނު މިނިވަން ކުރަން ވަގުތު ހޯދުމެވެ.

ވީޑިއޯ އިން އެ ފެންނަނީ އޭގެ އެފަަދަ މަންޒަރަކަށްވުން ގާތެވެ. ވީޑިއޯ އެނެލައިޒްކޮށްލުމުން ފެންނަ މަންޒަރަކީ ވަށައިގެން ފުލުހުން ތިބި ތަނަކަށް ފިރިހެނެއް ރުޅިވެރިކަމާއެކު ވަދެގެން އަންނަ ތަނެވެ. ސުވާލަކީ މާ ދުރުގައި ހުރި މީހަކު އަޅޭލަވަމުން އައިސް އަހުތަރުގެ ކުރި މައްޗަށް އަރަން ފުރުސަތު ލިބުނު ގޮތެވެ. އެ މީހާ އެ ސީން އަށް ވަނުމާއެކު ކައިރީގައި ހުރި ފުލުހުއެއް އޭނާގެ ގިރުއާނުގައި ހިފާ "ހޫރާލަ" އެވެ. އަދި އެ ފިރިހެން މިހާ ދުރަށް ޖައްސާލާ ވަގުތަކީ ދެ ފުލުހަކު ސައިކަލެއްގައި އައިސް އެ ސަރަހައްދަށް މަޑުކޮށްލަ އެވެ. އަދި ހަމަ ވަގުތު ބޭނުންކޮށްގެން މުގުރު ބޭނުންކޮށްގެން ތުރެޓް ނިއުޓްރަލައިޒް ކުރެ އެވެ. ރަހީނުކޮށްގެން ހުރި އަހުތަރު އެ ވަގުތު ފުލް ސަމާލުކަން ހުރީ ކުރިމަތީގައި ފެންނަމުން ދިޔަ މަންޒަރަށެވެ. ކަންތައް ތަކަށެވެ. އަހުތަރަށް ފުލުހުން އައުމާއެކު ޝޮކެއް ލިބިގެން ފަހަތް ބަލާލަ އެވެ. އެކަމަކު އެ ވަގުތު އޭނާ އަށް އިތުރު ހަރަކާތެއް ގެންނަން ވަގުތެއް ނުލިބުނެވެ. 

ދެ ފުލުހުން ސައިކަލްގައި އައިސް މަޑުކޮށްލާއިރު މުގުރު ނަގާ ތައްޔާރު ވެގެން

ފުލުހުންގެ ދެ މީހުން ސައިކަލްގައި އައިސް މަޑުކޮށްލާ މަންޒަރު ކައިރިން ބަލައިލުމުން އެނގެނީ ފަހަތުގައި އިން ފުލުސް މީހާގެ އަތުގައި އޮތް މުގުރު ވެސް އޮތީ ހާލަތަށް ތައްޔާރުކޮށްފަ އެވެ. އާއްމުކޮށް ފުލުހުންގެ އުނަގަނޑުގައި އިންނަ ކަމަރެއްގެ ތެރޭގައި ބަކަލްއަކަށް މަހާފައި އޮންނަ ތިން ފޫޓަށް ދިގުކޮށްލެވޭ މުގުރު އެ ވަގުތު ފުލުސް މީހާ އިނީ ހެޔޮވަރު ވަރަކަށް ތައްޔާރު ވެސް ކޮށްގެންނެވެ. ދެ ފުލުހުން ސައިކަލުން ފޭބުމާއެކު މި އިންސިޑެންޓުގެ ކޮމާންޑަރު އަތުން އިޝާރަތެއް ކުރެ އެވެ. މިއާއެކު ފަޅި ސިކުންތެއްގެ ތެރޭގައި އަހުތަރު ގެ ކަރުމަތީ މަސްގަނޑުގައި މުގުރުން ފުލް ފޯސްގައި ޖަހަ އެވެ. އެ ވަގުތަށް ދެ ފުލުހުންގެ ފަހަތުން ކައިރިވެ އެވެ. 

ދިވެހި ފުލުހެއް ޓޭޒާ ގަންއެއް ހިފައިގެން -- މިހާރު

ފުލުސް މީހާ މުގުރުން ޖެހި ގޮތަށް ބަލާއިރު އޭނާ މުގުރު ބޭނުންކޮށްފައިވަނީ ވެސް މުގުރު ބޭނުން ކުރުމުގެ ގަވައިދުތަކާ އެއްގޮތަށް ކަން އެނގެ އެވެ. ބޮލުގައި ސީދާ ޖަހަން ފުރުސަތު އޮތް ނަމަވެސް މުގުރު ބޭނުންކޮށްފައިވަނީ މޭޖާ މަސަލް ގްރޫޕަށެވެ. އަދި ފުލުސް މީހާ އެކަމަށް ފުރިހަމަ އަށް ތައްޔާރުވެފައި ހުރިކަން އެނގެނި އޭނާ ފަޅި ސިކުންތެއްގެ ތެރޭގައި ތިން ފަހަރު ފުލް ފޯސްގައި ޖަހާފައިވުމެވެ. އެހެންވެ ޖެހި ފޯސްގެ ބާރު ގަދަ ކަމާއެކު އަހުތަރަށް އިތުރު ފުރުސަތެއް ނުލިބެ އެވެ. 

މި ހާދިސާގައި އަހުތަރުގެ އަތުގައި އޮތް ވަޅީގެ ހަރަކާތްތައް ފުލުހުން ބަރާބަރަށް މޮނީޓަ ކުރަމުން ދިޔަކަންކަން އެނގެ އެވެ. ރަހީނު ކުރި އަންހެން މީހާގެ ވައިނޮޅިން އެ ވަޅި ނެއްޓިފައި ވަނީ ރަނގަޅު ހާލަތަށް ބަލައި އެޅި ފިޔަވަޅުންނެވެ. ދެން އޮތީ އާއްމުންގެ ކަންބޮޑުވުމާއި ސުވާލެކެވެ. ފުލުހުންގެ އަތުގައި ހުރި ޓޭޒާ ގަން ބޭނުން ނުކުރީ ކީއްވެގެން ހެއްޔެވެ ؟ ބެލެވޭ ގޮތުގައި މި ހާދިސާގައި ޓޭޒާ ގަން ފުލުހުން ބޭނުން ނުކުރި ސަބަބަކީ ވިއްސާރަ ވުމެވެ. ޓޭޒާ ގަންއަކީ އޭގެ ޒާތުގައި ވިއްސާރައިގެ ތެރޭގައި އެންމެ ރަނގަޅަށް ބޭނުން ކުރެވޭނެ އެއްޗެއް ނޫނެވެ. 

ރާއްޖޭން ބޭރުގައި މި ފަދަ ހޮސްޓެޖް ރެސްކިއު އޮޕަރޭޝަންތަކުގައި ތުރެޓް ނިއުޓްރަލައިޒް ކުރަން ނުވަތަ ސަލާމަތް ކުރަން ގިނަ ފަހަރު ބޭނުން ކުރަނީ ބަޑި އެވެ. ދުރުގައި ހުރެ ސްނައިޕާ ހަމަލާއެއްގައި ހޮސްޓެޖުން ސަލާމަތް ކުރެ އެވެ. ބަޑި ބޭނުން ކުރާއިރުވެސް އެންމެ ރަނގަޅު ވަގުތަށް ބަލަ އެވެ. މި ހާދިސާގައި ފުލުހުން އެ މީހުންގެ އަތުގައި ހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ އަށް އަދި ޕްރޮފެޝަނަލްކޮށް ހިފިތަން ފެންނަން އެއޮތީ އެވެ. އަދި ފޯސްގެ ބޭނުންކޮށްފައި ހުރި ގޮތާމެދު ޝައްކެއް އުފެއްދޭކަށް ނެތެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.