ފުލުހުން ބުނީ އަހްތަރަށް އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލުމުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ހޮޑުލާތީ އައިޖީއެމްއެޗަށް ގޮސްފައިވާ ކަމަށެވެ.
ރޭ ހިނގި ހާދިސާގައި އަނިޔާވި ށ. މިލަންދޫ، ހެޕީލޭންޑް، އާދަމް އަހްތަރުގެ ހާލަތު އިތުރަށް ބެލުމަށްޓަކާ މިވަގުތު ބާއްވާފައި އޮތީ އައިޖީއެމް އޮބްޒަވޭޝަން ގައި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައި ވަނީ އެމީހާގެ ހާލު ދެރަވެ އައިސީޔޫ ގައި ފަރުވާ ދެމުންދާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓް ކުރުމާއި ގުޅިގެންނެވެ. ނޫސްތަކުން އެެ ވާހަކަ ރިޕޯޓް ކޮށްފައިވަނީ އާއިލާއާ ހަވާލާދީ އެވެ.
އާއިލާ އިން ބުނާ ގޮތުން އަހްތަރުގެ ހާލު ދެރަ އެވެ. ނަމަވެސް އިދާރާތަކުން އެކަން ސިއްރު ކުރަނީ އެވެ.
ފުލުހުން ބުނީ އަހްތަރަށް އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލުމުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ހޮޑުލާތީ އައިޖީއެމްއެޗަށް ގޮސްފައިވާ ކަމަށެވެ. އަދި ހާލަތު އިތުރަށް ބެލުމަށްޓަކާ މިވަގުތު ބާއްވާފައި އޮތީ އައިޖީއެމް އޮބްޒަވޭޝަން ގައި ކަމަށް ބުންޏެވެ.
މާފަންނު ގެއެއްގައި އަންހެނަކު ބަންދުކޮށްފައި ހުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ސަމާލު ކަމަށް އައުމުން ފުލުހުން ވަނީ ރޭ އެ ސަރަހައްދަށް ގޮސްފަ އެވެ. ފުލުހުން ބުނީ އަންހެން މީހާއަށް ގޭގެ ތެރޭގައި އަނިޔާާކޮށް އަދި މަގުމައްޗަށް ނެރެވެސް އަނިޔާ ކޮށްފައިވާ ކަމަށެވެ.
އަދި ފުލުހުން އެ އަންހެން މީހާ ސަލާމަތް ކުރަން އުޅެފިނަމަ އަންހެން މީހާ މަރާލާނެ ކަމަށް ބުނެ އޭނާގެ ކަރުގައި ވަޅި ޖައްސާ ފުލުހުންނަށް އިންޒާރު ދީފައިވާ ކަމަށެވެ. އޭގެ ފަހުން އަންހެން މީހާ އަލުން ގޭގެ ތެރެއަށް ވައްދާ އަނިޔާ ކުރުމަށް ފަހު އަންހެން މީހާ ކަރުގައި ވަޅި ޖައްސައިގެން ހުރެ މަގުމައްޗަށް ނިކުމެ ސައިކަަލަށް އަރާ ދުއްވާފައި ގޮސްފައިވާ ކަމަށެވެ.
އެހެން ކަމުން އަންހެން މީހާގެ ފުރާނަ ސަލާމަތް ކުރުމަށް ފުލުހުން ބާރުގެ ބޭނުންކޮށް އަންހެން މީހާ އަހްތަރުގެ ކިބައިން ސަލާމަތް ކޮށްފައިވެ އެވެ. ބާރުގެ ބޭނުންކޮށް ބޮލުގައި މުގުރުން ޖަހާފައިވެ އެވެ. އަދި އޭރު އެއްވެފައިވާ މީހުން ރުޅިގަދަވެ އަހްތަރަށް ހަމަލާ ދިނެވެ.