"އަޅުގަނޑަކީ އެއްވެސް އިރަކު އަދީބާ މާ ގާތްކޮޅުން އުޅުނު މީހެއް ވެސް ނޫން،" އަދީބު ބާރުގައި ހުންނެވި ދުވަސްވަރު ބައެއް ވަޒީރުން އުޅުއްވި ގޮތަށް ނޫޅުއްވާ ކަން ރައީސް ފާހަގަ ކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެންމެ ފަހުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާއި ބައްދަލު ކުރެއްވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވި ވާހަކަފުޅު ރައީސް މުއިއްޒު ދޮގު ކުރައްވައިފި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީނާއެކު ތިއްބެވި ބައެއް ބޭފުޅުން އެފަދަ ދޮގު މައުލޫމާތު އެމަނިކުފާނަށް ދެއްވަނީ ކީއްވެގެން ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ކެބިނެޓްގައި އިންނަވާ ޖާސޫސު ކުރައްވާ އަދީބަށް މައުލޫމާތު ދެއްވި ކަމަށް ކުރައްވާ ތުހުމަތުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ.
އެމަނިކުފާނަކީ ދުވަހަކުވެސް އަހްމަދު އަދީބު އަތުން އެއްވެސް މިންވަރަކަށް ފައިސާ ހޯދާފައިވާ މީހެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑަކީ އެއްވެސް އިރަކު އަދީބާ މާ ގާތްކޮޅުން އުޅުނު މީހެއް ވެސް ނޫން،" އަދީބު ބާރުގައި ހުންނެވި ދުވަސްވަރު އެހެން ބައެއް ވަޒީރުން އުޅުއްވި ގޮތަށް އޭނާއާ ގާތްކޮށް ނޫޅުއްވާ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފިނިފެންމާ ލޯންޗުގެ ހާދިސާއަށް ފަހު އަދީބުއާ ބައްދަލްވެފައި ނުވާ ކަމަށެވެ. ބޮންގޮއްވި ހާދިސާގެ ފަހުން އެ ދުވަހަކު ސަހަރާ އިން އޭނާ ފެނުނު ކަމަށާ ނަމަވެސް އެ ދުވަހު ވެސް ބައްދަލު ކުރައްވާފައިނުވާނެ ކަމަށެވެ.
އަދި އެމަނިކުފާނު ސިންގަޕޫރުގައި އަދީބާ ބައްދަލު ކުރެއްވި ކަމަށް ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ ހައިރާންވޭ އެމަނިކުފާނު [ރައީސް ޔާމީން] އެފަދަ ވާހަކަތައް ގަބޫލު ކުރައްވާތީ،"
ރައީސް ވިދާޅުވީ އެމަނިކުފާނަކީ ރައީސް ޔާމީނާ އެންމެ ގާތުން މަސައްކަތް ކުރެއްވި އެކަކު ކަމަށާ ކުރެއްވި ކޮންމެ މަސައްކަތްޕުޅެއް ކުރެއްވީ ވަރަށް އިހްލާސްތެރިކަމާ އެކު ކަމަށެވެ. އެއް ކަމަކަށް ފާހަގަ ކުރެއްވީ 2018 ގެ ރިޔާސީ ކެމްޕެއިނެވެ. ވިދާޅުވީ މާލޭގެ ތިން އަވަށުގައި ކެމްޕެއިން ހިންގުން ޔާމީން ހަވާލު ކުރެއްވީ އެމަނިކުފާނާ ކަމަށާ ފަންޑްރެއިޒް ކުރައްވާ ހުރިހާ ޖަގަހަތައް ހަދާ ކެމްޕެއިން ހިންގެވީ އެމަނިކުފާނު ކަމަށެވެ.