އަމިއްލަ ދަތުރުފުޅުތަކުގައި އެމަނިކުފާނާއި އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އަދި ރައީސްގެ ބޭފުޅުންގެ ހުރިހާ ހަރަދެއް ކުރައްވަނީ ރައީސް އަމިއްލަފުޅަށެވެ.
ނުރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ފައިސާ ބޭނުން ނުކުރައްވާ ކަމަށާ މިހާތަނަށް ކުރެއްވި ކޮންމެ އަމިއްލަފުޅު ދަތުރަކަށް ހަރަދު ކުރެއްވީ އަމިއްލަފުޅު ފައިސާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސްގެ ނުރަސްމީ ދަތުރުފުޅުތަކުގެ ހަރަދާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަކުގެ ހަގީގަތް ސާފުކޮށް ދެއްވާ ރައީސް މިރޭ ވިދާޅުވީ މިހާތަނަށް ކުރެއްވި އަމިއްލަފުޅު ކޮންމެ ދަތުރުފުޅަކަށް ހަރަދު ކުރެއްވީ އަމިއްލަފުޅު ފައިސާ ކަމަށެވެ. އެއީ އެމަނިކުފާނާއި އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އަދި ރައީސްގެ ބޭފުޅުންގެ ހުރިހާ ހަރަދެއް ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ނުރަސްމީ ދަތުރުފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނަށް މުލިއާގެ ބަޖެޓުން ހަރަދު ކުރެވޭނެ އިންތިޒާމު އޮންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް އެފަދަ އެއްވެސް ދަތުރުފުޅަކަށް މުލިއާގެ ބަޖެޓުން ހަރަދު ކުރައްވާފައިނުވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުމެއް ނޫން އެ ފުރުސަތު އޮތަސް ވެސް [ދައުލަތުގެ ފައިސާ ހަރަދު] ކުރާކަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވެރިކަމަށް ވަޑައިގެން ރަސްމީގެކޮޅު -- މުލިއާގެ މަރާމާތު ނިމެންދެން އަމިއްލަފުޅު ގެކޮޅު ދިމްޔާތުގައި ހުންނެވީ ވެސް އަމިއްލަފުޅު ހަރަދުގައެވެ. އޭރު ސެކިއުރިޓީން ތިބުމާއި އެކަމާއި ގުޅޭ ހުރިހާ ހަރަދެއް ކުރެއްވެވީ ވެސް އަމިއްލަފުޅަށް ކަމަށް ވިދާޅުވި އެވެ. އެކަމަށް އެއްވެސް ފައިސާއެއް ދައުލަތުން ނަންގަވާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ކިރިޔާސްވާން އެކަމެއް ވާން އޮތިއްޔާ ކުރައްވާނީ އަމިއްލަފުޅަށް ކަމަށެވެ. އެއީ އެންމެ ކުރީއްސުރެ އެމަނިކުފާނުގެ އުސޫލު ކަމަށް ވެސް ވިދާޅުވި އެވެ.
އަމިއްލަފުޅު ދަތުރުތަކުގެ ހަރަދާ ގުޅޭގޮތުން ބަޔަކު ސުވާލު އުފައްދާ ވާހަކަ ދައްކަން ފެށީ މެޑިކަލް ޗެކަޕަކަށް ދާދި ފަހުން ރައީސް ސިންގަޕޫރަށް ވަޑައިގަތުމުންނެވެ. ރައީސް ސިންގަޕޫރަށް ވަޑައިގެންނެވީ ފުޓްބޯޅަ ކުޅުއްވަނިކޮށް ވެއްޓި ވަޑައިގެން މި ފަހުން ލިބިވަޑައިގެން އަނިޔާއަކާއި ގުޅިގެންނާއި ކުރީން ހައްދަވާފައިވާ ސާޖަރީއަކާއި ގުޅިގެންނެވެ.