"ބަވާލީ" އެއް ނޫން، ރައީސަށް ކީރިތި ކުރެއްވުނީ ބުރިޖު ހުޅުވުން ކެންސަލު ކުރަން އެންގުމުން

"ވިދާޅުވި ބްރިޖެއް ނުހުޅުވާނަމޭ، ނިމުނީއޭ. އެހެން ވިދާޅުވެފައި މީޓިން ނިންމަވާލެއްވީ،" ކީރިތި ކުރެއްވުނު ސަބަބު ސާފުކޮށް ދެއްވާ ރައީސް މުއިއްޒު މިރޭ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި / މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކީރިތި ކުރައްވަންދެން އެމަނިކުފާނަށް "ބަވާލި" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ވާހަކަފުޅާއި ގުޅިގެން ރައީސް މުއިއްޒު ކަން ހިނގާދިޔަ ގޮތް އިތުރަށް ސާފުކޮށް ދެއްވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ވޯޓް ނަގަން ވަރަށް ކައިރިވެފައި ވަނިކޮށް ސިނަމާލެ ބްރިޖު ހުޅުވުމުގެ ތައްޔާރީތައް ހިނގަމުންދިޔަ ދުވަސްވަރެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕީޕީއެމް އޮފީހުގައި އޮތް ބައްދަލްވުމެއްގައި ބްރިޖު އެއް ލައިނު މަދުކަން އެނގިވަޑައިގަތީ އެ ދުވަހު ކަމަށް ވިދާޅުވެ ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ކޯފާވެވަޑައިގެން ޔާމީން ވާހަކަފުޅު ދެއްކެވި އެވެ. މުއިއްޒު، ކީރިތި ކުރައްވަންދެން އެމަނިކުފާނަށް ނިސްބަތްކޮށް ވާހަކަ ދެއްކެވި ކަމަށާ އޭރު ކެބިނެޓްގެ ވަޒީރުންނާއި ޕީޕީއެމްގެ އިސްވެރީން އެ ބައްދަލްވުމުގައި ތިއްބެވި ކަމަށެވެ.

"ރިޔާސީ އިންތިހާބުގެ އެންމެ ފަހު ދުވަސްކޮޅު ބްރިޖު ހުޅުވަން މަސައްކަތް ކުރަމުންދިޔައިރު -- އޭރު ސަކީނާ މަންޒިލް ގައި ޕާޓީގެ [ޕީޕީއެމްގެ] އޮފީސް ހިނގަމުން ދަނީ -- އެތާނގައި ކެބިނެޓްގެ ވަޒީރުންނާއި ޕާޓީގެ އިސް ބޭފުޅުން ތިއްބެވި ބައްދަލްވުމެއް ގައިވެސް ޔާމީން، އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒަށް ބަވާލި މަންޒަރާއި އެ އަޑު އަހާނެ އޭރު ކެބިނެޓްގައި ތިއްބެވި އިއްޒަތްތެރި ވަޒީރުންނާއި އަޅުގަނޑުމެންވެސް. ރައީސް މުއިއްޒު ކީރިތިފުޅު ކުރައްވަންދެން ބަވާލި،"

ސަންގު ޓީވީން މިރޭ ގެނެސްދިން ޕްރަގްރާމެއް ގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސިނަމާލެ ބްރިޖު މަޝްރޫއު އެމަނިކުފާނު ހިންގެވި ހައުސިން މިނިސްޓްރީއާ ހަވާޅު ކުރެއްވީ އޮކްޓޫބަރު / ނޮވެންބަރު 2014 ގެ ފަހުން ކަމަށެވެ.

އޭގެ ކުރީން އެ މަޝްރޫއުގައި އެމަނިކުފާނުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. ރައީސް ވިދާޅުވީ ބްރިޖު މަޝްރޫއުގެ ޕްރީ ފީސިބިލިޓީ ސްޓޭޖާއި ފީސިބިލިޓީ ސްޓޭޖާއި ކޮންސެޕްޓް ޑިޒައިންއާ ޑީޓެއިން ޑިޒައިންގެ ހުރިހާ މަރުހަލާއެއް ދިޔައީ އެމަނިކުފާނު ބެލުމުގެ ދަށުން ކަމަށެވެ. އެމަނިކުފާނުގެ ބެލުމުގެ ދަށުން މަޝްރޫއު ހިންގަން ފެށި ފަހުން ބްރިޖުގެ ލޭނުގެ އަދަދު މަދުވެފައި ނުވާނެ ކަމަށާ ހަމައެކަނި އައި ބަދަލަކީ ބްރިޖު، 20 މީޓަރުން 21 މީޓަރަކަށް ފުޅާވުން ކަމަށެވެ.

އެމަނިކުފާނަކީ ހަވާލު ކުރައްވާ ކޮންމެ މަޝްރޫއުއެއްގައި ވެސް ފުރިހަމަ ނަތީޖާ ނެރެވޭތޯ އަބަދުވެސް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާ ބްރިޖު މަޝްރޫއުގައި ވެސް ރެއާ ދުވާލު ކަހަލަ ގޮތަކަށް އުޅުއްވި ކަމަށެވެ.

ބްރިޖު މަޝްރޫއު ވަރަށް ފުރިހަމަ ކަމާއެކު ނިމި ހުޅުވާޏް މަހަކާ ކައިރިވެފައި ވަނިކޮށް ބްރިޖުގައި ސައިކަލަށް ވަކި ލޭނެއް އޮންނަން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށާ އެކަން ކުރެވެން ނެތް ނަމަ ބައިސްކަލް ދުއްވަން ހާއްސަކުރި ލޭނު -- މިހާރު ހިނގަން ހާއްސަކޮށްފައިވާ ބައި ސައިކަލު ދުއްވަން ހާސަ ލައިނަކަށް ބަދަލު ކުރަން އެމަނިކުފާނު އެދިވަޑައިގެންނެވި ކަމަށެވެ.

ރައީސް އެދިވަޑައިގަތުމުން އެކަން ކުރެވޭނެ ގޮތެއް އޮތްތޯ ޗައިނާގެ ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރެއްވި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެ މަސައްކަތް އެގޮތަށް ކުރެވޭނެ މަގެއް ނުފެނުނު ކަމަށެވެ. އަދި ބްރިޖު ހުޅުވާ ތާރީހު ވެސް ކަނޑައަޅާ ޗައިނާއިން ވަޑައިގަންނަވާނެ އިސް ބޭފުޅުންގެ މައުލޫމާތު އެ ގައުމުން އަންގާފައި ވަނިކޮށް ޕީޕީއެމްގެ އޮފީހުގައި ރައީސް ޔާމީން ސަރުކާރާއި ޕާޓީގެ އިސް ބޭފުޅުންނާ އެކު ބައްދަލު ކުރެއްވި ކަމަށެވެ.

އެ ބައްދަލްވުމުގައި ސާޅީހަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށާ އެ ބައްދަލްވުމުގައި ވެސް ސައިކަލަަށް ވަކި ލޭނެއް ނެތް ކަމަށާ އެހެން ކަމުން ބްރިޖު ހުޅުވެން ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށެވެ. ޔާމީން އެކަމާ ދެކޮޅު ހެއްދެވީ އެކްސިޑެންޓްތައް ގިނަވެދާނެތީ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ވަކި ލޭނެއް ނެތީ ކީއްވެގެންތޯ އެ ދުވަހު ވެސް ސުވާލު ކުރެއްވި ކަމަށާ ބްރިޖު ހުޅުވުން ކެންސަލް ކުރަން ވެސް ދެންނެވި ކަމަށެވެ. 

"ވިދާޅުވި ބްރިޖެއް ނުހުޅުވާނަމޭ، ނިމުނީއޭ. އެހެން ވިދާޅުވެފައި މީޓިން ނިންމަވާލެއްވީ،"

ރައީސް ވިދާޅުވީ ރައީސް ޔާމީން އެހެން ވިދާޅުވުމުން ކީރިތި ކުރެއްވުނު ކަމަށެވެ. ނަމަވެސް ރައީސްގެ އެ ނިންމެވުމަކީ ދެ ގައުމުގެ ގުޅުމަށް ވެސް ބުރޫއަރާނެ ކަމަކަށް ވެފައި ބްރިޖު މަޝްރޫއު ވަރަށް ފުރިހަމައަށް ނިމިފައިވާތީ އެ ނިންމުން ބަދަލު ކުރެއްވުން އެދި ރައީސް ޔާމީން ގެއަށް ވަޑައިގަތުމުން އަލުން ގުޅުއްވި ކަމަށެވެ. އަދި އެ ނިންމުމާމެދު ވިސްނާވަޑައިގަތުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

އަދި ކުރީން ރޭވި ގޮތަށް ކަންކަން ކުރިއަށް ގެންދެވުމަށް ރައީސް ޔާމީން ހުއްދަ ދެއްވި ކަމަށާ ބްރިޖު އެކްސިޑެންޓްތައް މަދުކުރުމަށް ސްޕީޑް ބްރޭކަރު ހަރުކުރުމަށް އިރުޝާދު ދެއްވި ކަމަށެވެ. 

ނަމަވެސް އަބްދުއްރަހީމް ވިދާޅުވި ފަދައިން ރައީސް ޔާމީން މުހާތަބު ކުރައްވާ "ބަވާލި" ކަމަކަށް ރައީސް ވިދާޅެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.