ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ސީސީސީން ސީސީއަށް | މި ރޭޓިންގެ މާނައަކީ ކޮބާ؟

ފިޗްއިން ރޭޓިން ދަށްކުރި ސަބަބުތަކަކީ އެކަންކަމަށް ހައްލު ހޯދުމަށް ސަރުކާރުން އައު އެތައް ސިޔާސަތެއް އެކަށައަޅައި ތަންފީޒުކުރަން ތައްޔާރުވެފައިވާ ކަންކަމެވެ. އެ ސިޔާސަތުތައް ތަންފީޒުކުރެވުމުން ކްރެޓިޑް ރޭޓިން ރަނގަޅުވާނެ އެވެ.

ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ހަދާ އެޖެންސީތަކުގެ ތެރެއިން ފިޗު ރޭޓިންސްއިން ރާއްޖޭގެ ދިގު ރާސްތާގައި ބޭރުގެ ދަރަނި އަދާކުރުމުގެ ގާބިލުކަމާ ގުޅޭ ރޭޓިން ސީސީސީ ޕްލަސްއިން ސީސީއަށް ދަށްކުރި އެވެ. 

ސީސީސީގެ ދަރަޖައިގެ މާނައަކީ ބުރަދަންހުރި މިންވަރަކަށް ދަރަނީގެ ހިރާސް ބޮޑުވެފައި އޮތުމާއި އެ ދަރަނި އަދާނުކުރެވިދާނެކަމުގެ އިހުތިމާލެއް އޮތުމެވެ. ސީސީއަށް ދަރަޖަ ދަށްކުރުމުގެ މާނައަކީ ދަރަނި އަދާނުކުރެވުމަކީ ގާތް ކަމެއްގެ ގޮތުގައި ފިޗަަށް ގަބޫލުކުރެވުމެވެ. ސީސީސީން ސީސީއަށް ގައުމެއްގެ ކްރެޑިޓް ރޭޓިން ދަށްކުރަނީ އެ ގައުމެއްގެ މާލީ ހާލަތާމެދު ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުންނެވެ. 

ކްރެޑިޓް ރޭޓިން ދަށްކުރުމުގެ އަސާސްތައް

ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރި ސަބަބުތަކުގެ ތެރެއިން އެއް ސަބަބުގެ ގޮތުގައި ފިޗުން ފާހަގަކުރީ ބޭރުގެ ދަރަނި އަދާނުކުރެވި ޑެފޯލްޓުވުމުގެ ހިރާސް އިތުރުވުމެވެ. އެއީ ރާއްޖޭގެ ބޭރުގެ ދަރަނީގެ ހާލަތާއި ލިކުއިޑިޓީ/ ބޭރުގެ ދަރަނި އަދާކުރަން ލިބެންހުރި ނަގުދު ފައިސާގެ ހާލަތު ހީނަރުވުމުގެ ސަބަބުން ކަމަށް ފިޗުން ބުނެ އެވެ. ބޭރު ފައިސާގެ ރިޒާވް ބަލިކަށިވުމާއި، ދައްކަންޖެހޭ ބޭރުގެ ދަރަނި ބޮޑުވުމާއި، ފައިނޭންސްގެ ގޮތުގައި ބޭރުން ލިބުނު ފައިސާ މަދުވުމަކީ ބޭރު ފައިސާގެ ދަރަނި އަދާކުރުމުގެ ގާބިލުކަން ހީނަރުވި ސަބަބުތައްކަމަށް ފިޗުން ބުނެ އެވެ. 

ފިޗުން ފާހަގަކުރި ގޮތުގައި ދައުލަތުގެ ރަސްމީ ބޭރު ފައިސާގެ ރިޒާވް މި އަހަރުގެ މޭ މަހުގައި 492 މިލިއަން ޑޮލަރުގައި ހުރުމަށްފަހު ޖުލައި މަހުގެ ނިޔަލަށް 20 އިންސައްތަ ދަށްވެ 395 މިލިއަނަށްވަނީ ވެއްޓިފަ އެވެ. އެއީ 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް ދައުލަތުގެ ރިޒާވް އެންމެ ދަށްވި މިންވަރުކަން އެ އެޖެންސީން ފާހަގަކުރި އެވެ. އަދި ކުރު ރާސްތާގެ މާލީ އިލްތިޒާމުތައް އުނިކުރުމުން ދައުލަތުގެ ރިޒާވް 44 މިލިއަން ޑޮލަރަށް ވެއްޓިފައިވާކަން އެ އެޖެންސީން ފާހަގަކުރި އެވެ. އެއީ ޔޫޒަބަލް ރިޒާވްގެ އަދަދެވެ.  

ރިޒާވް މިހާ ބޮޑަށް ދަށްވީ އިމްޕޯޓާއި އެކްސްޕޯޓުގެ ފަރަގު ނުވަތަ ކަރަންޓް އެކައުންޓު ޑެފިސިޓު ބޮޑުވުމުންނެވެ. އަދި ޑޮލަރުގެ އަގު ކަނޑައަޅާފައިވާ ރަސްމީ މިންގަނޑުގައި ހިފަހެއްޓުމަށް މަރުކަޒީ ބޭންކުން ޑޮލަރުގެ ބާޒާރަށް ތަދައްހުލުވާން ތަކުރާރުކޮށް ޖެހުމުންނެވެ. 

ކުރު އަދި މެދުރާސްތާގައި ބޭރު ފައިސާއިން ކުރަންޖެހޭ ހަރަދުތަކުގެ ތެރެއިން ހިދުމަތާއި މުދާ ލިބުމުގެ ކުރިން ދައްކަންޖެހޭ ފައިސާގެ އަދަދު އިތުރުވާނެކަމަށާއި، ސަބަބަކީ ޕަބްލިކް އިންވެސްޓުމެންޓުތައް ބޮޑުވުމާއި، ކާނާއާއި ހަކަތައާއި އެހެނިހެން މުދާ އެތެރެކުރަން ޖެހުން ކަމުގައި ފިޗުން ބުނެ އެވެ. އަދި އެކަމުގެ ސަބަބުން ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި ރިޒާވްއަށް ފިއްތުން ބޮޑުވަމުންދާކަން އެ އެޖެންސީން ފާހަގަކުރި އެވެ. 

ދަރަނި އިތުރުވަމުންދާއިރު މާނަހުރި މާލީ އިސްލާހުތައް ނުގެނެވި ލަސްވަމުންދާނަމަ އެކަމުގެ ސަބަބުން ބޭރުން މާލީ އެހީތެރިކަން ހޯދުމަށް ދަތިވާނެ ކަމަށާއި، އައިއެމްއެފް ނުވަތަ އެހެން ގިނަ ގައުމުތައް ބައިވެރިވާ މާލީ އިދާރާއަކުން މާލީ އެހީތެރިކަމެއް ހޯދާނަމަ ދަރަނި ރިސްޓްރަކްޗާ ކުރަން ނުވަތަ ދަރަނި އަލުން އެކުލަވައިލަންޖެހޭނެ ކަމުގައި ފިޗުން ގަބޫލުކުރެ އެވެ. 

އަދި 500 މިލިއަން ޑޮލަރުގެ ސުކޫކު އަދާކުރުމަށް އެއިން ބައެއް ރިފައިނޭންސް ކުރުމަށްޓަކައި މާލީ ބާޒާރުން ހޯދުމަށް ސަރުކާރުން ރާވާފައިވާ ސިޔާސަތާމެދު ޝައްކުތަކެއް ހުރިކަން ފިޗުން ފާހަގަކުރިއިރު 2026 ގައި ސުކޫކުގެ ދަރަނި އަދާކުރުމަށް ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުން 200 މިލިއަން ޑޮލަރު ނެގިދާނެކަމާމެދު އެ އެޖެންސީން ޝައްކު ކުރެ އެވެ.

އަދި ފިޗުން ގަބޫލުކުރަނީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ކުރު އަދި މެދު ރާސްތާގައި އިތުރަށް މަތިވާނެ ކަމަށެވެ. 2023 ވަނަ އަހަރު ނިމުނުއިރު އެ ނިސްބަތް ހުރީ 109.4 އިންސައްތައިގަ އެވެ. އެއީ މާލީ އިސްލާހުތައް ތަންފީޒުކުރަން މެދު ރާސްތާގެ މާލީ އިސްތިރާޖިއްޔާގައި ކަނޑައަޅާފައިވާ މުހުލަތުތަކަށްވުރެ އެ އިސްލާހުތައް ލަސްވާނެކަމަށް އެ އެޖެންސީން ގަބޫލުކުރާ ކުރުމުގެ މައްޗަށް ބިނާކޮށް ބުނެފައިވާ ވާހަކައެކެވެ. 

ރޭޓިންގެ އަސާސްތައް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް

ސީސީ ރޭޓިންއަށް ފިޗުގެ ކްރެޑިޓު ރޭޓިން ދަށްކުރި އަސާސްތައް ބަދަލުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެކަންކަން ހާސިލުކުރެވި، ފިޗުން ސީސީއަށް ކްރެޑިޓު ރޭޓިން ދަށްކުރި ހުރިހާ ސަބަބެއް ބަދަލުކުރެވިއްޖެނަމަ، ކްރެޑިޓު ރޭޓިން ރަނގަޅުވާނެ އެވެ. އިގުތިސާދަށް އޮތް އިތުބާރު އިއާދަކުރެވޭނެ އެވެ. 

ޖީޑީޕީގެ ނިސްބަތުން ދަރަނި ދަށްކުރުން

ކްރެޑިޓު ރޭޓިން ދަށްވުމުގެ މައިގަނޑު އެއް ސަބަބަކީ އަހަރުން އަހަރަށް ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި އިތުރުވަމުން ދިއުމެވެ. މިހާރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 109 އިންސައްތައަށް މަތިވެފައިވާއިރު އެ ހާލަތު ބަދަލުވާނެ ކަމުގެ ބައެއް އަލާމާތްތައް އަންނަނީ ފެންނަމުންނެވެ. 

ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަން ކަމަށްވާއިރު މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 10 ޕަސެންޓު ނިމުނު އަހަރަށްވުރެ އިތުރެވެ. ބެޑް ނައިޓްސް ހަތް ޕަސެންޓު އިތުރެވެ. އެހެންކަމުން ފަތުރުވެރިކަމުގެ ސިނާއަތުން ޖީޑީޕީގައި ހިއްސާކުރާ މިންވަރުވެސް ނިމުނު އަހަރަށްވުރެ އިތުރުވާނެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން ދަރަނި ކުޑަވާނެ ކަމެކެވެ. 

އަންނަ މަހު ފެށިގެންދާ ބަންކަރިން ހިދުމަތާއެކު ގައުމީ އުފެއްދުންތެރިކަމުގެ ތެރެއަށް ކުރިން ޖީޑީޕީގައި ނެތް 400 މިލިއަން ޑޮލަރު އަލަށް އިތުރުވާނެ ކަމުގައި ސަރުކާރުން ގަބޫލުކުރެެ އެވެ. އެ ފައިސާ ޖީޑީޕީއަށް އިތުރުވެއްޖެނަމަ ޖީޑީޕީގެ ނިސްބަތުން ދަރަނި ކުޑަވާނެ އެވެ. 

ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ފާހަގަކުރި ގޮތުގައި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކާއި ހަރަދު ކުޑަކުރަން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ތަންފީޒުކުރެވުމުން 2028 ވަނަ އަހަރުގެ ނިޔަލަށް ޖީޑީޕީގެ ނިސްބަތުން ދަރަނި 90 އިންސައްތައަށް ދަށްކުރެވޭނެ އެވެ. 

މާލީ އިސްލާހުތައް ތަންފީޒުކުރުން ލަސްވުން

ފިޗުގެ ދެވަނަ ކަންބޮޑުވުމަކީ މާލީ އިސްލާހުތައް ތަންފީޒުކުރުން ލަސްވުމެވެ. 2022-2023 ފިސްކަލް ސްޓްރެޓެޖީގައި ހިމެނި ގިނަ މާލީ އިސްލާހުތައް ތަންފީޒުނުކުރެވުމުގެ ސަބަބުން ދައުލަތުގެ ހަރަދުތައް އަތްނުފޯރާ ފަށަށް އަރައިގެން ދިޔައިރު، އެއާ އެއް މިންވަރަކަށް ދައުލަތުގެ އާމުދަނީ އިތުރުކުރެވިފައި ނެތެވެ. އަދި މި އަހަރުވެސް ޖުލައިގައި ތަންފީޒުކުރަން ފަށަން 2024 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނި އިސްލާހުތައް މިހާތަނަށް އޮތީ ތަންފީޒުނުކުރެވި އެވެ. 

2022 ވަނަ އަހަރު ފާސްކުރި 2023 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނުނު މާލީ އިސްލާހުތައް އެއިރުގެ ސަރުކާރުން ތަންފީޒުނުކުރުމުގެ އިތުރަށް އެ އިސްލާހުތައް ތަންފީޒުކުރަން ބޭނުންވާ ސިޔާސަތުތައް އެކަށައަޅައި ހަދަންޖެހޭ ދިރާސާތައް ހެދުމުގެ މަސައްކަތްވެސް ކޮށްފައި ނެތުމުން، މި ސަރުކާރަށް ޖެހުނީ އެ މަސައްކަތްތައް އަލުންބަލުން ފަށާށެވެ. އެ މަސައްކަތްތައް މިހާރު ނިމިފައިވާކަން ފިނޭންސް މިނިސްޓަރު ޑރ.މުހައްމަދު ޝަފީގުވަނީ ހާމަކުރައްވާފަ އެވެ. 

އިއްޔެ ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އިސްލާހުތައް ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާތަކުގައި ފެށިގެންދާނެ ކަމަށެވެ. ލަސްނުކޮށް އިސްލާހުތައް ތަންފީޒުކުރަން ފެށުމަކީ އިގުތިސާދަށް އިތުބާރު އިއާދަކުރެވޭނެ ކަމެކެވެ.  

އާމްދަނީ އިތުރުކުރުމަށް އަޅާ އިސްލާހުތައް

  •  އެއާޕޯޓު ޓެކުހާއި ފީ، ގްރީން ޓެކްސް ރޭޓު، ސިއްހަތަށް ގެއްލުންދޭ ބައެއް ތަކެތީގެ އިމްޕޯޓު ޑިއުޓީ ބޮޑުކުރުން
  •  ޑެސްޓިނޭޝަން އުސޫލު ޖީއެސްޓީ ގާނޫނަށް ތައާރަފުކޮށް ޓެކުސް ބޭސް ފުޅާކުރުން

ފިނޭންސްއިން ފާހަގަކުރި ގޮތުގައި އާމްދަނީ އިތުރުކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ ޖުމްލަކޮށް އިތުރުވާނެ އެވެ. ބޭރު ފައިސާގެ ދަރަނި އަދާކުރުމަށް އެކުލަވައިލާފައިވާ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ޖަމާކުރެވޭ ފައިސާވެސް އިތުރުވާނެ އެވެ. 

ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތައް

  •  ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްރާފު ކުޑަކޮށް ހިންގުން ހަރުދަނާކުރުން
  •  ސަބްސިޑީ ނިޒާމު ނުސީދާކޮށް ދޭ ސަބްސިޑީގެ ބަދަލުގައި ޓާގެޓް ސަބްސިޑީއަށް ބަދަލުކުރުން
  •  އާސަންދައަށް ގެންނަ އިސްލާހުތައް
  •  ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ އަސަރު ކުޑަކުރަން ފިއުލް ޕްރައިސް ހެޖިން ތައާރަފުކުރުން
  •  ސަރުކާރުގެ ޑިސްކްރަޝަނަރީ ހަރަދުތައް ކުޑަކުރުން

އެމްޑީޕީ ސަރުކާރަށް އެއްގޮތަކަށްވެސް ތަންފީޒުނުކުރެވުނީ ހަރަދު ކުޑަކުރުމުގެ ސިޔާސަތުތަކެވެ. އެ ސިޔާސަތުތައް ތަންފީޒުނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން އާމުދަނީއަށްވުރެ ހަރަދުތައް އިތުރުވެފައިވަނީ އަންދާޒާކުރެވުނު މިންވަރަށްވުރެ މާ ބޮޑަށެވެ. ނަތީޖާއެއްގެ ގޮތުން ޑެފިސިޓު ބޮޑުވެ، ޖީޑީޕީގެ ނިސްބަތުން ދަރަނި އިތުރުވި އެވެ. 

މި ސިޔާސަތުތަކާ ގުޅުންހުރި މުހިއްމު ބައެއް ފިޔަވަޅުތައް މި ސަރުކާރުން މިހާރުވެސްވަނީ ތަންފީޒުކޮށްފަ އެވެ. ސަރުކާރުގެ ސަބްސިޑީތަކުގެ ތެރެއިން މަސްވެރިންނަށް ދޭ ސަބްސިޑީ މިހާރުވަނީ މުރާޖައާކޮށްފަ އެވެ. އާސަންދަ އިސްލާހުކުރުމަށް ބަލްކުކޮށް ބޭސް ގަތުމުގެ ޕްރޮގުރާމު ތަންފީޒުކޮށްފި އެވެ. 

ދެން ހުރި އިސްލާހުތައް ތަންފީޒުކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލާ އެ ސިޔާސަތުތައް ތަންފީޒުކުރަން ސަރުކާރު އޮތީ ތައްޔާރަށެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ އިސްލާހުތައް ތަންފީޒުވާން ފަށާނެކަމުގެ ޔަގީންކަން އިއްޔެވެސް ސަރުކާރުން ދިނެވެ. 

ބޭރު ފައިސާގެ ރިޒާވްއަށް އޮތް ފިއްތުން ކުޑަކުރުން

ބޭރު ފައިސާގެ ރިޒާވްއަށް ފިއްތުން ބޮޑުވަނީ ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވުމުން ބޭރު ފައިސާގެ ޑިމާންޑު ބޮޑުވުމާއެކު، ދައުލަތަށް އެކަށީގެންވާ މިންވަރަށް ބޭރު ފައިސާ ނުލިބޭތީ އެވެ. ބޭންކުތަކަށް ބޭރު ފައިސާއިން ލިބޭ އާމުދަނީ ކުޑަވުމުން ބޭރު ފައިސާއިން ބޭންކުތަކުން ދޭ ހިދުމަތްތައް ދިނުމުގައި މަރުކަޒީ ބޭންކަށް ބަރޯސާވާ މިންވަރު ބޮޑުވުމުންނެވެ. 

ކުރު ރާސްތާގައި ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް ފިޗުން ދީފައި އޮތް ހިޔާރަކީ ދޭދޭ ގައުމުތަކާ ވާހަކަދައްކައިގެން ކަރަންސީ ސްވޮޕެއް ހެދުމެވެ. އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހެދުމަށް ބޭނުންވާ ފަންނީ މަޝްވަރާތައް މިހާރު އޮތީ ނިމިފަ އެވެ. ދެން އޮތީ ސޮއި އަޅައިލުމެވެ. ކަރަންސީ ސްވޮޕު ހެދުމުން ކުރު ރާސްތާގައި ބޭނުންވާ މާލީ އިލްތިޒާމުތައް އަދާކުރުމަށް ބޭނުންވާ މިންވަރަށް ޑޮލަރުގެ ރިޒާވް ރަނގަޅުވާނެ އެވެ. 

ކަރަންސީ ސްވޮޕަކީ ދާއިމީ ހައްލެއް ނޫނެވެ. އެމްޑީޕީ ސަރުކާރުގައިވެސް ކަރަންސީ ސްވޮޕު ހަދައި ރިޒާވް މަތިކުރި އެވެ. އެއީ ދަރަނިކަމުން ހަގީގީ ބަދަލެއް ރިޒާވަކަށް ނުގެނެވެ އެވެ. ނަތީޖާއަކީ ކަރަންސީ ސްވޮޕުގެ މުއްދަތު ހަމަވުމުން ރިޒާވް އިހުނަށްވުރެ ހީނަރުވުމެވެ. 

މި މައްސަލައަށް ދިގު ރާސްތާ ހައްލުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހުށަހަޅުވާފައިވެ އެވެ. އެއީ ޑޮލަރުން އާމުދަނީ ލިބޭ ފަރާތްތަކުން ބައެއް ޓެކުސްތައް ޑޮލަރުން ދެއްކުން ލާޒިމުކުރުމާއި، ޑޮލަރުން މުސާރަ ލިބޭ ފަރާތްތަކުގެ ޕެންޝަން ޑޮލަރުން ދެއްކުމާއި، ބޭރު ފައިސާ މާރުކުރެވޭނީ ބޭންކުތަކަށް ކަމުގައި ކަނޑައަޅައި ބޭންކިން ނިޒާމަށް ޑޮލަރު ވެއްދުމެވެ. 

އެ ފިޔަވަޅުތައް ތަންފީޒުކުރެވުމުން ޑޮލަރުން ދައުލަތަށް ލިބޭ އާމުދަނީއަށް 40 މިލިއަނާއި 80 މިލިއަނާ ދެމެދުގެ އަދަދެއްގެ ޑޮލަރު އިތުރުވާނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެ އެވެ. އަދި ބޭންކުތަކަށް މާރުކުރާ ޑޮލަރު އިތުރުވެއްޖެނަމަ އެކަމުގެ ސަބަބުން ޑޮލަރު ހޯދުމުގައި ބޭންކުތަކުން މަރުކަޒީ ބޭންކަށް ބަރޯސާވާ މިންވަރު ކުޑަވާނެ އެވެ. ރިޒާވްއަށް ލުއިތަކެއް ލިބި ރިޒާވްގައި ހުންނަ ފައިސާ އިތުރުކުރެވޭނެ އެވެ. 

ކުރު ރާސްތާ ދަރަނި އަދާކުރުމުގެ ގާބިލުކަން އެބަހުރި

ފިޗުގެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ކުރު ރާސްތާގައި އަދާކުރަންޖެހޭ ދަރަނި އަދާކުރުމުގެ ގާބިލުކަން މި ސަރުކާރުންވަނީ އުފައްދާފަ އެވެ. މި އަހަރުގެ ފަހު ކުއާޓާގައި 64 މިލިއަން ޑޮލަރުގެ ދަރަނި އަދާކުރަންޖެހޭކަން ފިޗުން ފާހަގަކުރި އެވެ. 

2023 ވަނަ އަހަރު ނިމުނުއިރު ބޭނުންކުރެވޭ ގޮތަށް އެންމެ ދެ މިލިއަން ޑޮލަރު ހުރި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު (އެސްޑީއެފް)ގައި ޖޫން މަހުގެ މެދަކާ ހަމައަށް 54 މިލިއަން ޑޮލަރު ހުއްޓެވެ. އަދި ޖުލައި މަހުގެ ނިޔަލަށް އެ އަދަދުވަނީ 65 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. 

ފިޗުން އެއްބަސްވި ގޮތުގައި އެސްޑީއެފްގެ ހާލަތު ރަނގަޅުވުމުގެ ސަބަބުން ޔޫޒަބަލް ރިޒާވުގައި ހުރި ފައިސާ ބޭނުންނުކޮށް އެސްޑީއެފްގައި ހުރި ފައިސާއިން އެ ދަރަނި އަދާކުރެވިދާނެ އެވެ. އެހެންކަމުން ކުރު ރާސްތާގައި ދަރަނި އަދާކުރުމުގެ ގާބިލުކަންވަނީ އިތުރުވެފަ އެވެ. 

ކްރެޑިޓު ރޭޓިން ދަށްކުރުމަކީ ކަންބޮޑުވުމެކެވެ. ނަމަވެސް ރޭޓިން ދަށްވުމުގެ މާނައަކީ ރާއްޖެއަށް ބޭރުގެ ދަރަނި އަދާނުކުރެވުމެއް ނޫނެވެ. ނަމަވެސް އެކަމުގައި ހުރި ގޮންޖެހުންތައް ބޮޑުވުމެވެ. އެކަމަށް އޮތް ފަރުވާއަކީ މާލީ އިސްލާހުތައް އަވަސްކުރުމެވެ. ދައުލަތަށް އާމުދަނީ އިތުރުވާނެ އަދި ސަރުކާރުގެ ހަރަދުތައް ކުޑަވާނެ ދެމެހެއްޓެނެވި ސިޔާސަތުތަކެއް ހިންގަން ފެށުމެވެ. ދެމެހެއްޓެނެވި ގޮތެއްގައި ބޭރު ފައިސާއިން އާމުދަނީ ލިބޭނެ، އަދި ބޭރު ފައިސާގެ ރަސްމީ ރިޒާވްއަށް ފިއްތުން ކުޑަވާނެހެން ސިޔާސަތުތައް ބައްޓަން ކުރުމެވެ. 

އެކަންކަން ތަންފީޒުކުރުމަށް ބޭނުންވާ ސިޔާސީ އަޒުމާއި ހިތްވަރު ސަރުކާރުގައި ހުރިނަމަ އެ ސިޔާސަތުތައް ހިންގުމަކީ އަދި ތަންފީޒުކުރެވި، ކްރެޑިޓް ރޭޓިން މައްޗަށް ޖައްސާލައި، އިގުތިސާދަށް އިތުބާރު ހޯދޭނެ އެވެ. ރޭޓިންއަކީ އިންޒާރެކެވެ. ސަމާލުވުމަށް އެންގި އެންގުމެކެވެ. އެއީ އިގުތިސާދުގައި ޖެހި ސިއްކައެއް ނޫނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.