ވީޑިއޯ އިން ފެންނަ ގޮތުން އެވަގުތު ފިރިހެން މީހާ އަންހެން މީހާއަށް ވަޅީން ހަމަލާދޭން މަަސައްކަތް ކުރި އެވެ. ކާމިޔާބު ނުވީ އެވެ. ފުލުހުން އެގޮތަށް އަރައިގަތުމާއި ގުޅިގެންނެވެ.
ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް މިރާއްޖޭގައި ވެސް ދަނީ ތަފާތު ކަންކަން ހިނގަމުންނެވެ. ދިވެހި މި ފަސްގަނޑުގައި ދުވަހަކު ވެސް ހިނގާފާނެ ކަަމަށް ހިތަށް ވެސް އަރާފައި ނެތް ކިތަންމެ ކަމެއް ހިނގާ ގޮސްފި އެވެ. ވަޅީން ހަމަލާ ދީ މީހުން ޒަހަމު ކުރުމާއި މެރުމާއި މެރުމަށް ފަހު ގުނަވަންތައް ބުރިކުރުން ފަދަ ޖަރީމާތައް ވެސް މި ގައުމުގައި ވަނީ ހިންގާފަ އެވެ.
ވެރިރަށުގައި ރަހީނު ކުރުމުގެ ހާދިސާތައް ހިންގުން ވެސް މި ފަހުން ވަނީ އިތުރުވެފަ އެވެ. ދިވެހީންނާއި ބިދޭސީންގެ ތެރޭގައި ވެސް އެފަދަ ހާދިސާތައް ހިނގާފައިވެ އެވެ.
މިއީ ވެސް އެފަދަ ރެއެކެވެ. މާފަންނު ގެއެއްގައި އަންހެނަކު ބަންދުކޮށްފައި ހުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ސަމާލު ކަމަށް އައިސްފައިވާ ކަމަށް ފުލުހުން މީޑިއާތަކަށް މައުލޫމާތު ދިނީ މިރޭ 9:31 ގަ އެވެ. އޭރު އެ ހާދިސާއާ ގުޅޭ ވީޑިއޯއެއް އާންމުވެފައިވެ އެވެ. ވީޑިއޯގައި ފެންނަނީ ޒުވާން ފިރިހެނަކު އަންހެނަކު ހިފަހައްޓައިގެން އުޅޭ މަންޒަރެވެ. އަންހެން މީހާގެ މޫނެއް ނުފެނެ އެވެ. ބުރުގުއާއެކު އޭނާގެ މޫނު ވަނީ ފޮރުވާފަ އެވެ. ފިިރިހެން މީހާ ހުތުރު ބަސްތަކުން އަޑުގަދަ ކޮށް އިންޒާރު ދެ އެވެ. އަންހެން މީހާއަށް އަނިޔާ ކުރެ އެވެ. ދޭތެރެ ދޭތެރެއިން ކަރުގައި ވަޅިއެއް ޖައްސާ ބިރު ދައްކަ އެވެ.
އޭރު ފުލުހުން އެ ސަރަހައްދަށް އެޓެންޑް ވެއްޖެ އެވެ. ސައިކަލު ތަކެއްގައި ގިނަ އަދަދެއްގެ ފުލުހުން އެ ސަރަހައްދަށް ދިޔަ އެވެ.
ފުލުހުން ފުރަތަމަ މަސައްކަތް ކުރީ ނަސޭހަތްތެރިވެ އެ މައްސަލަ ނިމުމަކަށް ގެނެވޭނެ ގޮތެއް ހޯދާށެވެ. ނަމަވެސް ފިރިހެން މީހާ ކުޑަވެސް ދުލެއް ނުދެ އެވެ. ފުލުހުންނަށް އިންޒާރު ދިނީ އަންހެން މީހާ ސަލާމަތް ކުރުމަށް ފިޔަވަޅެއް ކުރިއަށް އެޅި ނަމަވެސް ކަރަށް ވަޅި ހަރާލާ އެ އަންހެން މީހާ މަރާލާނެ ކަމަށެވެ. އެގޮތަށް އިންޒާރު ދިނުމަށް ފަހު އަންހެން މީހާ ގޮވައިގެން ގޭގެ ތެރެއަށް ވަނެ އެވެ. އަނިޔާތަކެއް ކުރުމަށް ފަހު އަނެއްކާ ބޭރަށް ނިކުތެވެ.
ކަރުގައި ވަޅި ޖައްސައިގެން ހުރެ އޭނާގެ ސައިކަލާ ހަމައަށް ގޮސް އަންހެން މީހާ ސައިކަލަށް އެރުވި އެވެ. އަދި އޭނާ ވެސް ސައިކަލަށް އަރާ އެ ތަނުން ދާން މަސައްކަތް ކުރި އެވެ. އޭރު މަގުގެ އަނެއްކޮޅު ގައި ފުލުހުންގެ ސައިކަލެއް ހުއްޓެވެ. އެމީހާގެ ކުރިމައްޗާއި ފަހަތުގައި ވެސް ތިބީ ފުލުހުންނެވެ. ނަމަވެސް އޭނާއާ ކައިރިއެއް ނުވެ އެވެ.
ވިސްނުމެއް ނެތި ކައިރިވެއްޖެނަމަ އަންހެން މީހާގެ ކަރަށް ވަޅިން ހަމަލާދީފާނެ ކަމުގެ ބިރު އޮތުމުންނެވެ. އޭރު އެ ސަރަހައްދަށް ވަރަށް ގިނަ ބަޔަކު ޖަމާވެއްޖެ އެވެ. އޭގެ ތެރޭގައި އަންހެން މީހާގެ އާއިލާގެ މީހުން ވެސް ހިމެނެ އެވެ. އެ މީހުން ތިބީ ގަދަ ރުޅީގައި އެ ފިރިހެން މީހާއާ ކުރިމަތިލާން ތައްޔާރަށެވެ. އޭރު ވެސް އެ މީހާ ގެންދިޔައީ އަންހެން މީހާ މަރާލާނެ ކަމަށް ބުނެ އިންޒާރުދީ ހުތުރު އެއްޗެހި ގޮވަމުންނެވެ.
ފުލުހުން ފުރަތަމަ ދެއްކީ އެ މީހާ އެ ސަރަހައްދުން ދާން ފުރުސަތު ދޭނެ މަންޒަރެކެވެ. އެއް ފުލުހަކު މަގު މެދުގައި ހުރި ސައިކަލު ދުރަށް ޖައްސާލާ އެ މީހާއަށް ތަންދައްކާ ކަމަށް ދެއްކި އެވެ. އަދި އޭނާއާ ކުރިމަތިލާން ދާން އުޅުނު މީހަކު ހުއްޓުވި އެވެ. އެވަގުތު އެ މީހާ މަސައްކަތް ކުރީ ސައިކަލުގައި އަވަހަށް ނައްޓާލާށެވެ. ނަމަވެސް ފަހަތުގައި ތިބި ފުލުހުންގެ މީހަކު ކުއްލި ހަމަލާއެއްދީ އަންހެން މީހާ ސަލާމަތް ކުރި އެވެ. ހާލަތުގެ ގޮތުން ހަމަލާ ދޭން ޖެހުނީ އަތުގައި އޮތް މުގުރުން އޭނާގެ ބޮލަށެވެ. ވަގުތުން އެތަނުގައި ތިބި ހުރިހާ ފުލުހުން އޭނާއާ ކުރިމަތިލާ އަންހެން މީހާ ސަލާމަތް ކުރި އެވެ.
ވީޑިއޯ އިން ފެންނަ ގޮތުން އެވަގުތު ފިރިހެން މީހާ އަންހެން މީހާއަށް ވަޅީން ހަމަލާދޭން މަަސައްކަތް ކުރި އެވެ. ކާމިޔާބު ނުވީ އެވެ. ފުލުހުން އެގޮތަށް އަރައިގަތުމާއި ގުޅިގެންނެވެ. އެއީ އެ ހާލަތުގައި އެޓެންޑް ކުރެވޭނެ ގޮތެވެ.
މުގުުރުން ޖެހުމުން އޭނާގެ ބޯ ފަޅައިގެންދިޔަ އެވެ. އެއީ ދެރަ ކަމެކެވެ. އެކަމަކު އެ ނޫން ގޮތަކަށް އެކަން ހައްލު ކުރެވޭނެ މަގެއް އޭނާ ނުދެއްކި އެވެ. ލިބުނު ގެއްލުންތައް ބަލަން އޭޑީކޭގައި މިހާރު ދަނީ ޓެސްޓްތައް ހަދަމުންނެވެ. އަންހެން މީހާއަށް ފަރުވާ ދެނީ އައިޖީއެމްއެޗް ގަ އެވެ. އޭނާގެ ހާލު ރަނގަޅެވެ.
މިއީ މި ފަހުން ހިނގި ވަރަށް ނުރައްކާތެރި އެއް ހާދިސާ އެވެ.