ފެނަކަ ސައީދަށް ދައުވާ ކުރުމާމެދު ގޮތް ނިންމުމުގެ ފަހުގެ މަރުހަލާއަށް ހިނގައްޖެ

އޭސީސީން މިހާރު ތަހުގީގު ފުރިހަމަ ކޮށްފައި ވަނީ އެ ކުންފުނިން ހިދުމަތާއި މުދަލާ ހޯދުމަށް އެއްބަސްވެ މުދަލާއި ހިދުމަތް ދިނުމުގެ ކުރީން ކުންފުނިތަކަކަށް ފައިސާ ދޫކުރި މައްސަލަތަކެކެވެ.

ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ސައީދު

ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ސައީދަށް ކުރާ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވުމާމެދު ގޮތް ނިންމުމުގެ ފަހުގެ މަރުހަލާއަށް ހިނގައްޖެ އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ސައީދު ހުންނެވިއިރު އެ ކުންފުނީގެ ތެރެއިން ހިންގާފައިވާ ކަމަށް ތުހުމަތު އޮތް ކޮރަޕްޝަނުގެ މައްސަލަތަކާއި ގުޅިގެން އޭސީސީއަށް ހާޒިރުކޮށް ސައީދުއާ ވަނީ ސުވާލުކޮށްފަ އެވެ. އެ މައްސަލަތަކާއި ގުޅިގެން ދައުވާ ކުރަން ފޮނުވުމާމެދު ގޮތް ނިންމުމަށް އޭސީސީން ވަނީ ޕީޖީއާއެކު މަޝްވަރާތަކެއް ފަށާފަ އެވެ.

އިތުބާރު ހުރި މަސްދަރަކުން "މިރާ" އަށް މިރޭ މައުލޫމާތު ލިބުނު ގޮތުގައި މަޝްވަރާތައް މިހާރު އޮތީ ނިމުމާ ހަމައިގަ އެވެ. ސައީދުގެ މައްޗަށް ދައުވާ ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް އޭސީސީގެ ތަހުގީގު ތަކުން ދައްކަ އެވެ. އެނގިފައިވާ ގޮތުގައި ސައީދުގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށް ޕީޖީން އަންގައިފިނަމަ އެ މައްސަލަތައް އޭސީސީން ޕީޖީ އޮފީހަށް ފޮނުވާނެ އެވެ.

ފެނަކައާ ގުޅޭ ވަރަށް ގިނަ މައްސަލަތަކެއްް ބަލަމުންދާއިރު އޭސީސީން މިހާރު ތަހުގީގު ފުރިހަމަ ކޮށްފައި ވަނީ އެ ކުންފުނިން ހިދުމަތާއި މުދަލާ ހޯދުމަށް އެއްބަސްވެ އެ މުދަލާއި ހިދުމަތް ދިނުމުގެ ކުރީން ކުންފުނިތަކަކަށް ފައިސާ ދޫކުރި މައްސަލަތަކެކެވެ. އެ ކަމުގައި ބޮޑެތި ހިޔާނާތްތަކެއް ހިންގާފައިވާ ކަަމަށް ތުހުމަތު ކުރެވެ އެވެ.

މީގެ އިތުރުން ފެނަކައިން އެކި ފަރާތްތަކާ ކޮންޓްރެކްޓުކުރި މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއުގެ އަސްލު އަގަށް ވުރެ ބޮޑު އަގުގައި އެކި ކުންފުނިތަކާ ހަވާލު ކޮށްފައި ހުރި މަޝްރޫއުތަކާއި ޕްރޮކިއުމެންޓު އުސޫލުތަކާ ހިލާފަށް އެއިރު ހިންގާފައިވާ ގިނަ މައްސަލަތަކެއް ވެސް އޭސީސީން ބަލަމުން ދެ އެވެ.

ފެނަކައިގެ އާ މެނޭޖުމެންޓުން ވެސް ވަނީ 25 މައްސަލައެއް އޭސީސީއަށް ހުށަހަޅާފަ އެވެ. އެ މައްސަލަތަކަކީ ފެނަކައަށް އިންތިހާއަށް ގެއްލުންވާ ގޮތަށް އެކި ފަރާތްތަކާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ މައްސަލަތައް ކަމަށް ފެނަކައިގެ މިހާރުގެ އެމްޑީ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެފައި ވެއެވެ. 

ސަރުކާރު ބަދަލުވިއިރު ފެނަކަ އޮތީ ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާއިން ދަރަނިވެރިވެފަ އެވެ. އެއިން ދެ ބިލިއަނެއްހައި ރުފިޔާއަކީ އެ ކުންފުނިން އަމިއްލަ ވިޔަފާރިތަކަށް ދޫކުރަންޖެހޭ ފައިސާއެވެ.  

އައު މެނޭޖުމެންޓުން ފެނަކައާ ހަވާލުވިއިރު ކުންފުނި މާލީ ގޮތުން ހާލަތު ސިފަކުރައްވަމުން ފެނަކައިގެ އައު މެނޭޖިން ޑިރެކްޓާ މުއާޒު ވިދާޅުވެފައިވަނީ ފެނަކަ އޮތީ "ރޭޕުކޮށްލާފައި" ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.