ރިޒް ޑީޕޯޓްކުރީ ރަނގަޅަށް، އޭނާ ދިޔައީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުން

އިމިގްރޭޝަނުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންގައި ހައްޔަރު ކުރެވޭ ބިދޭސީންގެ ތެރެއިން ވަގުތުން ޑީޕޯޓް ކުރަނީ ތިން ހާލަތަކަށް ފެތޭ މީހުންނެވެ.

ރާއްޖޭގައި ބިއުޓީ ސެލޫން ހިންގި ރިޒް: އޭނާ ވަނީ ޑީޕޯޓް ކޮށްލާފައި

ނޭޕާލްގެ އަންހެނެއް ކަމަށްވާ ރަޖަނީ ޝްރެސްތާ، މާލޭ ގައި ހިންގަމުންދިޔަ ބިއުޓީ ސެލޭން ހުއްޓުވާ އޭނާއާ މުވައްޒިފުން ޑީޕޯޓް ކޮށްލި ކޮށްލުމާމެދު ސުވާލު އުފައްދާ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކާއި ގުޅިގެން އެކަން ކުރި ސަބަބު ހޯމް ލޭންޑް މިނިސްޓްރީން ސާފުކޮށްދީފި އެވެ.

ނޭޕާލަށް ނިސްބަތްވާ އަންހެން މީހާ ޑީޕޯޓްކޮށްލީ އޭނާ ރާއްޖެ ގެނައި ދިވެހި މީހާގެ ރޭވުމެއްގެ ތެރެއިން އިމިގްރޭޝަންގެ އޮފިސަރުންނާއި ގުޅިގެން ކަމަށް ތުހުމަަތުކޮށް ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ވާހަކަތަކެއް ހިއްސާ ކުރަމުންނެވެ. ރިޒުގެ ނަމުން ދިވެހީންގެ ތެރޭގައި މަގުބޫލުކަން ހޯދި މި އަންހެން މީހާ ޑީޕޯޓްކޮށްލީ އޭނާ ރާއްޖެ ގައި މީހާ، މަސައްކަތް ކުރުވުމަށް ފަހު މުސާރަ ނުދޭތާ އެތައް މަހެއް ވުމުން އެހެން ވަޒީފާއެއް ހޯދުމުގެ މަރުހަލާ ހިނގަމުން ދަނިކޮށް ކަމަށް ވެސް އެ މީހުން ބުނެ އެވެ.

އެ ވާހަކަތަކާއި ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ ނޭޕަލްގެ އަންހެން މީހާ ޑީޕޯޓްކޮށްލީ އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ. އޭނާ ޑީޕޯޓްކޮށްލުމުގައި އެހެން ކަމެއް "ފޮރުވިފައި" ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ އޭނާ ހިންގަމުންދިޔަ ސެލޫނުން ހިދުމަތް ހޯދުމަށް ފަހު ފައިސާ ދައްކަން ޖެހޭ ނަންބަރު، ސެލޫންގެ ރިސެޕްޝަން ގައި ބަހައްޓާފައިވާ ކަރުދާސްގަނޑެއްގައި ޖަހާފައިވާ ކަމަށެވެ. އެއީ އޭނާއާ ގުޅުން އޮތް އެހެން ބިދޭސީއެއްގެ އެކައުންޓް ނަންބަރެވެ. އެކަމަށް އެ ދެ މީހުން އިއުތިރާފު ވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެން ކަމުން އަންހެން މީހާ ޑީޕޯޓްކޮށްލީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގަމުންދާތީ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ވިޔަފާރިއެއްގެ ފައިސާ ބިދޭސީއަކަށް ފޮނުވުމަކީ ކުށެއް ކަަމަށެވެ.

އިމިގްރޭޝަނުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންގައި ހައްޔަރު ކުރެވޭ ބިދޭސީންގެ ތެރެއިން ވަގުތުން ޑީޕޯޓް ކުރަނީ ތިން ހާލަތަކަށް ފެތޭ މީހުންނެވެ. އެއީ ކުށުގެ އަމަލު ހިންގާ މީހުންނާއި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެ އަދި ގަވާއިދާ ހިލާފު ވިޔަފާރި ހިންގާ މީހުންނާއި އާންމު ސިއްހަތަކަށް ގެއްލުންވާ ގޮތަށް އަމަލު ކުރާ މީހުން ކަމަށެވެ.

ރަޖަނީ ޝްރެސްތާ ވިޔަފާރި ކުރަމުން އައީ އޭނާ ރާއްޖެ ގެނެސްފައިވާ މީހާގެ ނަމުގައި ނޫން ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.