ސަރުކާރެއް ވައްޓާލަން ގޮވާލީމާ އެކަން ބަލާނެ، ތަހުގީގު ކުރަން އެންގިން: އިހުސާން

"އަޅުގަނޑު ވަރަށް ބޮޑަށް އެދެން ދިވެހިރާއްޖޭގެ ސިޔާސީ ފަރާތްތަކުން ސިޔާސީ ކަންކަން ކުރުމުގެ ތެރެއަށް މޯލްޑިވްސް ޕޮލިސް ސާވިސް ނުބާނާށޭ،"

މިނިސްޓަރު އަލީ އިހްސާން

ސަރުކާރެއް ވައްޓާލަން ގޮވާލީމާ އެކަން ކަމާބެހޭ އިދާރާތަކުން ބަލާނެ އެއީ ބަޔަކު ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލު ކުރަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް ދިވެހި ފުލުުހުންގެ ހިދުމަތުން ވަނީ ތަހުގީގެއް ފަށާފަ އެވެ. ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާ ހިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުންތަކެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާއި ބެހޭ ގޮތުން ނޫސްވެެރީންގެ ބައްދަލްވުމެއް ބާއްވައި ހަމަ އެވަގުތު ސޯޝަލް މީޑިއާގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލަން މަގުތަކަށް ނިކުތުމަށާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވާލާ ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރު ދީ ހަދާފައިވާ ކަމަށާ މިކަމަކީ ގާނޫނީ ސަރުކާރެއް ގައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ހާމަކޮށްފައި ވަނީ ހޯމަ ދުވަހުގެ ރެ އެވެ.

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި މިނިސްޓަރު އިހްސާން ވަނީ ފުލުހުން ފަށާފައިވާ ތަހުގީގާއި ގުޅިގެން އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވާފަ އެވެ. ނަމަވެސް ދެއްކެވީ ސިޔާސީ ގޮތުން ވަރަށް ދެކޮޅު ނުޖެހޭ "ހެއްވާ" ވާހަކަތަކެވެ.

ވިދާޅުވީ ފުލުހުން އެ ތަހުގީގު ފެށިއިރު އެ ދުވަހު މާ އިއްތިފާގު ގިނަ ކަމަށެވެ. އެންމެ ހެނދުނުގެ ވަގުތެއްގައި ބެންކުން ނިންމި ނިންމުމާއި އެއާ އެކު ކުއްލި ގޮތަކަށް އިދިކޮޅު މައި ޕާޓީން ޕްރެސްކޮންފްރެސްއެއް ބޭއްވުމާއި ޕެއިޑް ބޮޓް އެކައުންޓްތަކެއް ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން ގޮވާލާ ސޯޝަލް މީޑިއާ ހަލަބޮލިކޮށްލުމަކީ ބަޔަކު ރާވައިގެން ހިންގި ކަންތައްތަކެއް ކަމަށް ބެލެމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅޔވި އެވެ. އެހެން ކަމުން މިފަދަ ހާލަތެއްގައި އެކަންކަން ބަލާ ރައްޔިތުންނަށް ޖަވާބުދާރީވާން އޮތީ ފުލުހުންގެ އިދާރާތަކުން އެ އިދާރާއިން އެފަދަ ތަހުގީގެއް ފެށުމަކީ ކުރާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންނަށް އަސަރު ކުރާފަދަ ނިންމުމެއް ބެންކުން ނިންމަނީ. ހަމަ އެއާ އެއްގަޑިއެއްގައި ޕްރެެސްކޮންފަރެންސް އެއްވެސް ބާއްވާނީ. އެއާ އެއްގަޑިއެއްގައި މި ދެންނެވިފަދަ ކަންކަން ސޯޝަލް މީޑިއާގެތެރޭގައި ހިނގަން ފަށާ،"

އެ ދުވަހު ހިނގާދިޔަ ކަންކަން އެއީ ރޭވުމެއް ކަމަށް ދެއްކެވުމުގެ ގޮތުން އިހުސާން އެއް މިސާލަކަށް ދެއްކެވީ އާދިއްތަ ދުވަހެއްގެ ހެނދުނު މީގެ ކުރީން އިދިކޮޅު ޕާޓީން ޕްރެސްކޮންފަރެންސްއެއް ބާއްވާފައި ނެތުމެވެ. 

ފުލުސްގެ މި ތަހުގީގަކީ ސިޔާސީ ނުފޫޒުގައި ފަށާފައިވާ ތަހުގީގެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އިދިކޮޅު މައި ޕާޓީން ވެސް ދެކެނީ އެހެނެވެ. އެ ޕާޓީން ވަނީ ސިޔާސީ ނުފޫޒުން ފުލުސް މުއައްސަސާ ސަލާމަތް ކުރުމަށާއި ސީޕީ މަގާމުން އިސްތިއުފާ ދިނުމަށް ވެސް ގޮވާލާފަ އެވެ.

އެކަން ވެސް ހޯމް މިނިސްޓަރަކަށްވީ މައްސަލަ އަކަށެވެ. ވިދާޅުވީ ސީޕީގެ އިސްތިއުފާއަށް ގޮވާލުމުން އެއީ ގައިރު ޒިންމާދާރު ކަމެއް ކަމަށެވެ. އަދި އެއީ ސިޔާސީ ކަންކަމުގެ ތެރެއަށް ފުލުސް އޮފީސް ވެއްދުން ކަަމަށް ސިފަ ކުރެއްވި އެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް އެދެން ދިވެހިރާއްޖޭގެ ސިޔާސީ ފަރާތްތަކުން ސިޔާސީ ކަންކަން ކުރުމުގެ ތެރެއަށް މޯލްޑިވްސް ޕޮލިސް ސާވިސް ނުބާނާށޭ،"

އިހުސާން ވިދާޅުވީ އެ ދުވަހު ހިނގި ކަންކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލާނެ ކަމަށާ އަދި އަޅަން ޖެހޭ ފިޔަވަޅެއް އޮތިއްޔާ ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ. އަދި ނެތީއާ ނެތް ވާހަކަ ރައްޔިތުންގެ ކައިރީ ބުނާނެ ކަމަށެވެ. އެ ދުވަހު މެންދުރު އެ މައްސަލަ ބަލަން ފުލުހުންގެ އިދާރާއަށް އެންގެވި ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެއީ މިނިސްޓަރަށް އޮތް ބާރެއް ކަަމަށް ވެސް ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ތަހުގީގެއް ފެށުމަކީ އެއްވެސް ބޭފުޅަކު ކަންބޮޑުވާން ޖެހޭ ކަަމެއް ނޫން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.