އިޔާޒުގެ ޕޯސްޓްގައި އޭނާ ވަނީ އެ ދެ މީހުންނަށް ކެތްތެރިކަން ދެއްވުމަށާއި އަނިޔާވެރީން ބަލިކުރެއްވުމަށާއި އެ މީހުންގެ ނިންމުން އަވަސްކޮށް އެ އަނިޔާތަކުގެ ބަދަލު އެބައިމީހުންނަށް ޖެއްސެވުން އެދި ދުއާ ކުރައްވާފަ އެވެ.
ގިނަ ތުހުމަތުތަކެއް ގައި ހައްޔަރުކޮށްފައިވާ، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފްގެ އަނބިކަނބަލުން، އައިޝަތު ޝާދިޔާގެ ދިފާއުގައި އިޔާޒު ވާހަކަ ދައްކަވައިފި އެވެ.
މ. ބަޑިކުޅިމާގެ އާއިޝަތު ޝާދިޔާ (48) އަދި ގދ. ރަތަފަންދޫ ލިލީގެ، ޑރ. ޝަޒްރާ އިބްރާހިމް (36) ހައްޔަރު ކުރީ އިއްޔެ އެވެ. އެ ދެ މީހުންގެ މައްޗަށް ފުލުހުން ގިނަ ތުހުމަތުތަކެއް ކުރެ އެވެ.
ޝާދިޔާއާ ޝަޒްރާގެ ބަންދަށް މިއަދު ވަނީ ތިން ދުވަސް ޖަހާފަ އެވެ.
އިޔާޒް ވިދާޅުވި ގޮތުގައި އެ ދެ މީހުން ހައްޔަރު ކޮށްފައި ވަނީ "ތިބާގެ އަހާ އަނިޔާވެރިވާ ހާލުގައި ވެސް އަދި އަނިޔާ ލިބޭ ހާލުގައިވެސް ނަސްރު ދޭށޭ ހަދީސް ގައި އަންގަވާފައި ވަނިކޮށް ފަލަސްތީނުގެ އަހުންނާއި އުހުތުން ކަތިލެވެމުންދާ ކަމާއި އެބައިމީހުންނަށް ނަސްރު ދޭން ޖެހޭ ކަމަށް ބުނެ އާދޭސް ކުރަމުން ދަނިކޮށެވެ.
އެކަން ކޮށްފައި ވަނީ ފަލަސްތީނަށް ނަސްރު ދޭ ކަމާއި އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތާ ކަމަށް އަދި ޝަރީއަތަށް އަތްނުބާނާނެ ކަމަށް ބުނެ ދައުވާ ކުރަމުން ގެންދާ ސަރުކާރަކުން ކަމަށް ވެސް ވިދާޅުވި އެވެ.
އިޔާޒުގެ ޕޯސްޓްގައި އޭނާ ވަނީ އެ ދެ މީހުންނަށް ކެތްތެރިކަން ދެއްވުމަށާއި އަނިޔާވެރީން ބަލިކުރެއްވުމަށާއި އެ މީހުންގެ ނިންމުން އަވަސްކޮށް އެ އަނިޔާތަކުގެ ބަދަލު އެބައިމީހުންނަށް ޖެއްސެވުން އެދި ދުއާ ކުރައްވާފަ އެވެ.
ޝާދިޔާއާ ޝަޒްރާ ހައްޔަރުކުރި ސަބަބު ސާފުކޮށްދީ ފުލުުހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލެވުމާއި ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް އަދި ޑިޕްްލޮމެޓިކް މިޝަންތަކުގެ މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް އެ ދެ މީހުން އަމަލުކޮށްފައިވާ ކަމަށް ބުނެފަ އެވެ.
އަދި ސައުދީ ސަފީރުގެ ނަން ފާހަގަ ނުކޮށް އެ ބަޔާނުގައި ބުނެފައި ވަނީ ވަކި ސަފީރަކަށް އުނދަގޫކުުރުމުގެ އަމަލުތަކެއް އެ މީހުން ހިންގާފައިވާ ކަމަށެވެ. އެކަމާއި ގުޅިގެން ސުލްހަވެރިކަމާ އެކު އެ ސަރަހައްދުން ދިއުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވާ ކަމަށް ބުންޏެވެ. އެ ދެ މީހުން ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.
ފުލުހުން ބުނީ މިފަދަ އަމަލުތަކާއި ގުޅިގެން ޝާދިޔާ އާއި ޝަޒްރާއަށް އެގޮތަށް އަމަލު ނުކުރުމަށް އެކި ފަހަރު މަތީން ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ. ފުލުހުން ވަނީ ޣައްޒާގެ ހާލަތު ސިފަކޮށްދޭ ގޮތަށް އިހުތިޖާޖުގައި އެ މީހުން ބޭނުން ކުރި ތަކެތީގެ ފޮޓޯވެސް އާންމުކޮށްފަ އެވެ.
އެ ގޮތުން ރަހުމެއް ނެތި ޝަހީދުކޮށްލެވިފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ފޮޓޯތަކާއި ކުޑަކުއްޖަކު ހިނަވާފައި އޮންނައިރު ސިފަވާނެ ހެން ހަދާފައިވާ އެއްޗެއް ހިމެނެ އެވެ. އެ ގޮތަށް ސައުދީ ސަފީރުގެ ގެކޮޅު ކައިރީ އިހުތިޖާޖު ކުރާތީ އެމްބަސީން ވަނީ ކަންބޮޑުވުން ފާޅުކޮށް އެކަން ހުއްޓުވަން ދިވެހި ސަރުކާރުގައި އެދިފައި ކަމަށް އެނގިފައިވެ އެވެ.