މިހާރު ރީޑިން ނަގާތާ 20 ދުވަސްފަހުން ބިލް މިދަނީ. އެ އުސޫލު އަންނަ މަހުން ފެށިގެން ބަދަލުވާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.
ސްޓެލްކޯއިން މިހާރު ބިލް ކުރާ ގޮތުގެ ސަބަބުން ގިނަ އޮޅުންތަކެއް އަރާ ކަމަށާ ނަމަވެސް ރިއަލްޓައިމް ބިލިން އާއި ސްމާޓް މީޓަރުގެ ހިދުމަތް ތައާރަފުވުމާއެކު ޝަކުވާ ކުޑަވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސްޓެލްކޯ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ މިހާރު ޖެހޭ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވަނީ ރީޑިން ނަގާތާ 20 ނޫނީ 25 ދުވަސްފަހުން ބިލް ކަސްޓަމަރާ ހަމައަށް ދިއުމުން ކުރިމަތިވާ މައްސަލަތަކެވެ. މި މައްސަލަ ހައްލު ކުރަން އަންނަ މަހުން ފެށިގެން ރިއަލްޓައިމް ބިލިން ތައާރަފު ކުރައްވާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.
"ކަސްޓަމަރަށް ފެންނަން ޖެހޭ މޮބައިލް އެޕުން. ދެ ހަފުތާ ވަންދަން ވާރޭ ވެހެނީ. ވާރޭ ވެހުން ހުއްޓާލާތާ ތިންވަނަ ހަފުތާގަ އަންނަނީ ބިލް. ދިމަލެއް ނުވޭ މޫސުމަކާ. ފަހުގެ ބިލެއް ލިބުނީމަ ކޮންޒަމްޝަން ޕެޓާން ހުންނަ ގޮތެއް ކަސްޓަމަރުން ހަދާނެ ވެސް ނުހުރޭ. އޭރުން ކަސްޓަމަރަށް ބަލައިލެވޭނެ އޭސީ ޖައްސާލީމަ ކޮންޒަމްޝަންއަށްވާ ގޮތްވެސް،" ފަހުމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްމާޓް މީޓަރު ސިސްޓަމަށްދާއިރު އަރައި ހަމަކުރަން ދެ ބިލްގެ ދެމެދުގައި ކެޕެއް ހުންނާނެ ކަމަށާ އެކަން ކުރާނީ ކަސްޓަމަރުންނަށް ފަސޭހަވާނެ ގޮތަކަށެވެ.
ސަރުކާރުގެ ކަރަންޓް ކުންފުނި ސްޓެލްކޯއިން މިއަދު ބުނީ އެ ކުންފުނިން ހިދުމަތްދޭ ހުރިހާ ރަށްރަށެއް ސްމާޓް ގްރިޑް ސިސްޓަމަރުން ގުޅާލައި އަންނަ އަހަރު ސްމާޓް މީޓަރުން ހިދުމަތް ފަށާނެ ކަމަށް ކަރަންޓުގެ ހިދުމަތްދޭން ބޭނުން ކުރާ މީޓަރުތައް ހަރުކޮށްދޭނީ ހިލޭ ކަމަށެވެ.
ގްރޭޓާ މާލެ ސަރަހައްދުގެ އިތުރުން 35 ރަށެއްގައި ކަރަންޓުގެ ހިދުމަތް ދޭ ކުންފުނީގެ އެމްޑީ ފަހުމީ ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ކަރަންޓު ނެޓްވޯކުގެ ބޮޑުބައެއް މިހާރުވެސް ވަނީ ސްމާޓް ގްރިޑް ނިޒާމެއް މެދުވެރިކޮށް ގުޅާލާފަ އެވެ.
"މި ވަގުތު މާލެ ވެސް އެސްކާޑާ ސިސްޓަމެއް މެދުވެރިކޮށް އޮފީހުގައި ތިބެގެން އޭގެ ސުވިޗް އޮންކޮށް އޮފްކޮށް ކުރެވޭ. ހަމައެއާއެކު އަޅުގަނޑުމެންގެ ހުރިހާ ރަށް ތަކެއް ވެސް މި ހުންނަނީ ސްމާޓް ގްރިޑެއް މެދުވެރިކޮށް އިންޖީނުތަކުގެ ޕްރެޝަނާއި އޮންކޮށް އޮފްކޮށް އޭގެ ހާލަތު ދެނެގަނެވޭނެ ގޮތަށް،" ފަހުމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ތިން އަހަރުތެރޭގައި ހުރިހާ ކަސްޓަމަރުންނަށް ސްމާޓް މީޓަރު ހަރުކޮށް ނިންމުން ކަމަށާ މި މި ހިދުމަތާއެކު ކާރު ޗާޖު ކުރުމުގެ ސިސްޓަމަކާއި ސައިކަލްތަކުގެ ބެޓެރި ޗާޖު ކުރުމުގެ ސިސްޓަމެއް ވެސް އަންނާނެ އެވެ.
"އަޅުގަނޑުމެން ނިންމާފައިވަނީ ރިއަލްޓައިމް ބިލިން އާއި ސްމާޓް މީޓަރަކަށް އެއްކޮށްދާން. ކަސްޓަމަރަށް ފެންނަން ޖެހޭ ބިލަށް އަރާ އެއްޗެއް ފޯނުގެ އެޕުން،" ފަހުމީ ވިދާޅުވި އެވެ.
ސްޓެލްލޯ އިން ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ދިޔަ ވަގުތު ސްކްރީނުގައި އެ ކުންފުނިން ކަރަންޓު ބޭނުން ކުރާ ހުރިހާ ރަށްރަށެއްގައި ކަރަންޓު އުފައްދާ މިންވަރު ފެންނަން ހުއްޓެވެ. އެ ކުންފުނީގެ ތިން ރަށް ނޫން ހުރިހާރަށެއް ވަނީ ސްމާޓް ގްރިޑް ނިޒާމުން ގުޅާލާފަ އެވެ.
އެ ކުންފުނީގެ ޖެނެރަލް އިބްރާހިމް ނާޝިދު ވިދާޅުވީ ސްމާޓް ގްރިޑުގެ ސަބަބުން ކަސްޓަމަރުންނަށް ލިބިގެންދާނެ އެންމެ ބޮޑު ފަސޭހައަކީ ކަރަންޓު ކެނޑުންމަށްފަހު ކަރަންޓު އަލުން ދޭން ހޭދަކުރާ ވަގުތު ކުޑަވެގެން ދިއުމެވެ. އަދި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރަށް މަޝްރޫއު ނިމޭއިރު ކަސްޓަމަރުންނަށް ލުއިތަކެއް ލިބިގެންދާނެ އެވެ،
އޭނާ ވިދާޅުވީ ހުޅުމާލޭގައި މިހާރުވެސް 7،000 ގެއަކަށް ސްމާޓް މީޓަރު ގުޅައިދީފައިވާނެ ކަމަށާ ސްމާޓް ގްރިޑުގެ މަސައްކަތް އެއްކޮށް ނިމުމުން މި މީޓަރުތަކުން ކަސްޓަމަރުނަށް ގިނަ މައުލޫމާތުތަކެއް ލިބެން ހުންނާނެ އެވެ.
ސްޓެލްކޯގެ އިންޖިނިއަރު އަހުމަދު އިގްބާލް ވިދާޅުވީ މި ނިޒާމުގެ ބޭނުމަކީ ސްމާޓް މީޓަރަށް ދިއުން ކަމަށާ، ނިޒާމާއެކު އިންޖީނުތަކުގެ ގިނަ މައުލޫމާތުތަކެއް ލިބެން ހުންނާނެ އެވެ. މީގެ ސަބަބުން ތެލަށް ކުރާ ހަރަދު ކުޑަކުރުން ފަދަ ގިނަ ފަސޭހަތަކެއް ލިބިގެންދާނެ އެވެ.