އަމީރަށް އަޒާނުގެ ވަރުގަދަ ރައްދު؛ ވިދާޅުވެދެއްވީ މިނިސްޓަރުކަމުގައި ވެލެއްވި އިހުމާލު

މިއަދު ކުރިމަތިވެފައިވާ މާލީ/ އިގުތިސާދީ ގޮންޖެހުންތަކަކީ ސީދާ އެމްޑީޕީ ސަރުކާރު ފެއިލުވުމުގެ ނަތީޖާ ކަމަށާއި އެ ހާލަތު ބަދަލުކުރެއްވުމަށް ރައީސް މުއިއްޒު ގެންދަވަނީ ގަދަ އަޒުމުގައި މަސައްކަތްކުރައްވަމުން ކަމަށް އަޒާން ވިދާޅުވި އެވެ.

ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު އަޒާން، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކުރިއިރު އޮތް ހާލަތަށްވުރެ މިހާރު ހާލަތު ގޯސްވެފައިވާކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު ވަރަށް ތަފުސީލުކޮށް އަމީރުގެ ވަޒީރުކަމުގައި މާލީ ކަންކަމުގައި ވެވަޑައިގެންފައިވާ އިހުމާލު ވިދާޅުވެދެއްވައި ރައްދު ދެއްވައިފި އެވެ. 

އަމީރު އެކްސްގައި ކުރެއްވި ޕޯސްޓު ހިއްސާކުރައްވައި އަޒާން ވިދާޅުވީ މާލީ އިސްލާހުތައް ގެންނެވުމުގައި އަމީރުގެ ސަރުކާރު ފެއިލުވެފައިވާ ކަމަށެވެ. ހަރަދު އިތުރުކޮށް، ދައުލަތުގެ ކުންފުނިތަކުން ހާހުން ވަޒީފާތައް އިތުރުުކުރައްވައި، މަޝްރޫއުތައް އަސްލު އަގަށްވުރެ އެތައް ތަނެއް ބޮޑު އަގުގައި ހިންގަވައި، ބަދަލު ދިނުމުގެ ނަމުގައި ދައުލަތުގެ ހަޒާނާ ލޫޓުވާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. އެކަންކަމުން ދައުލަތުގެ ދަރަނި އިތުރުވިކަމަށްވެސް އަޒާން ވިދާޅުވި އެވެ. 

އަައިއެމްއެފާއި ވޯލްޑު ބޭންކުން ތަކުރާރުކޮށް ދެމުންދިޔަ އިރުޝާދުތަަކަށް ބީރު ކަންފަތެއް ދެއްވައި، އިސްލާހުކުރަން ޖެހިފައި ހުރި ކަންކަން އިސްްލާހު ނުކުރައްވައި ހަރަދުތައް ހިފަހެއްޓުމެއް ނެތި ކުރެއްވުމުގެ ސަބަބުން މާލީ ގޮންޖެހުންތައް އިތުރަށް ބޮޑުވަމުން ދިޔަ ކަމުގައި އަޒާން ވިދާޅުވި އެވެ.

އަޒާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި އަމީރުގެ ވަޒީރުކަމުގައި ދައުލަތުގެ އާމުދަނީ އިތުރުކުރަން ކުރެވުނު ހަމައެކަނި ކަމަކީ ޓެކުސް އިތުރުކުރުން ކަމަށާއި، އިގުތިސާދު ސިންދަފާތުކުރުމަށް ތަފާތު ވައުދުތައް ވެވަޑައިގެންނެވި ނަމަވެސް އެކަން ނުކުރެވި އިގުތިސާދު ނާޒުކު ހާލަތެއްގައި މަދު ސިނާއަތްތަކެއްގެ މައްޗަށް ބަރޯސާވާ ގޮތެއްގައި ދޫކޮށްލެވިގެން ގޮސްފައިވެ އެވެ. 

އަދި އަމީރުގެ ޓުވީޓުގައި އިޝާރާތްކުރެއްވި އިންޑިޔާގެ ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ވިއްކި ބޮންޑަކީ ޒަރޫރަތެއް ނެތި ކުރި ހަރަދުތަކަށް ފައިސާ ހޯދަން ވިއްކި ބޮންޑެއް ކަމަށާއި، އެއީ އަމީރުގެ ވަޒީރުކަމުގައި ބެއްލެވުމެއް ނެތި މާލީ ކަންކަން ހިންގެވި ގޮތުގެ ނަމޫނާއެއް ކަމަށާއި، އެކަމުގެ ސަބަބުން މިހާރުގެ އިގުތިސާދީ ތަދުކަމަަށް އިތުރު އުނދަގޫތަކެއް އެކުވެގެން ދިޔަކަމަށް އަޒާން ވިދާޅުވި އެވެ. 

އަމީރުގެ ވަޒީރުކަމުގައި ނަންގަވާފައިވާ އުފެއްދުންތެރިކަމެއް ނެތް ދަރަނި އަދާކުރަން މިއަދު ޖެހިފައިވަނީ ކޮންގުރެސް ޕާޓީގެ ސަރުކާރަށް ކަމަށާއި، އެމްޑީޕީން ގޯސްކޮށް ހިންގާފައި އޮތް އިގުތިސާދު ރަނގަޅަށް ހިންގައި، ފަސްކޮށް އިހުމާލުކޮށްލި މާލީ އިސްލާހުތައް ތަންފީޒުކުރުމަށް ގަދައަޅައި ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް މެންބަރު ވިދާޅުވި އެވެ. 

މިއަދު ކުރިމަތިވެފައިވާ މާލީ/ އިގުތިސާދީ ގޮންޖެހުންތަކަކީ ސީދާ އެމްޑީޕީ ސަރުކާރު ފެއިލުވުމުގެ ނަތީޖާ ކަމަށާއި، އެ މައްސަލަތައް ހައްލުކުރެއްވުމަށާއި، ދެމެހެއްޓެނެވި އިގުތިސާދީ ކުރިއެރުމާއި ހަމަޖެހުމާއި ތަނަވަސްކަމުގެ މިސްރާބަށް ގައުމުގެ އަމާޒު އަނބުރައިލެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހުންނެވީ ގަދަ އަޒުމުގައި ކަމަށް އަޒާނު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.