ރިހެބިލިޓޭޝަނުގައި ހޭދަކުރާ ދުވަސްތައް ގައިދީންގެ ހުކުމުން އުނިކުރަނީ

މިނިސްޓަރު ވިދާޅުވީ ރައީސްގެ މި ނިންމެވުން ތަންފީޒު ކުރުމަށް ގާނޫނުތަކާއި ގަވާއިދުތައް ހަރުދަނާކޮށް އަދި ކަރެކްޝަން ސާވިސް އިން އަމަލުކުރަމުންދާ ގަވާއިދުތައް އެކަމަށް މަގުފަހިވާނެހެން ބަދަލު ކުރައްވާނެ ކަމަށެވެ.

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން --

ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން ރިހެބިލިޓޭޝަނުގައި ހޭދަ ކުރާ ދުވަސްތައް ހުކުމުގެ މުއްދަތުން އުނިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިކަން އިއުލާނު ކުރައްވާފައި ވަނީ މާފުށި ޖަލުގައި މިއަދު "ދިވެހި ސަގާފީ ގޯތި" ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ. މިނިސްޓަރު ވިދާޅުވީ ގައިދީން ރިހެބިލިޓޭޓް ކުރާއިރު، މިހާރަށްވުރެ ބޮޑަށް އޭގެ ތެރޭގައި ގައުމިއްޔަތާއި ސަގާފަތް ގިމަނައިގެން މަސައްކަތް ކުރެވޭނެ ގޮތްތައް ސަރުކާރުން ބަލަމުންދާ ކަމަށެވެ.

ރައީސްގެ އިރުޝާދާއެކު އެކަން ކުރިއަށް ގެންދާއިރު، ރިހެބިލިޓޭޝަން ހަރުދަނާކޮށް، ގައިދީން މުޖުތަމައުއަށް އަވަހަށް ނެރެވޭނެ ގޮތްތަކެއް ވެސް ހޯއްދަވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރައީސުލްޖޫރިއްޔާ ކަނޑައަޅުއްވާފައިވާ އާ ސިޔާސަތެއް އަޅުގަނޑު މިއަދު އިއުލާނު ކޮށްލާނަން. ގައިދީންގެ ތެރެއިން ރިހެބިލިޓޭޝަންގެ މަސައްކަތުގައި ބައިވެރިވާ ކޮންމެ ގައިދީއަކު، އެއީ އެ މީހާ އިލެކްޓްރިކަލް އިންޖީނިއަރިންގެ ދާއިރާއިން ވިޔަސް، ރޭނުމުގެ ދާއިރާއިން ވިޔަސް، ސަގާފީ މަސައްކަތުގެ ދާއިރާއިން ވިޔަސް، މަސައްކަތް އުނގެނުމަށް ނުވަތަ މަސައްކަތް ކުރުމަށް، ޖަލުގަ މަސައްކަތް ކުރާ ކޮންމެ ދުވަހަކީ އޭނަގެ ޖަލު ހުކުމުން އެއް ދުވަސް އިތުރަށް ކެނޑިގެންދާނެ ކަމެއްގެ ގޮތުގަ،" މިނިސްޓަރު އިއުލާނު ކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައީސްގެ މި ނިންމެވުން ތަންފީޒު ކުރުމަށް އެކަމަށް ބޭނުންވާ އެންމެހާ ގާނޫނުތަކާއި ގަވާއިދުތައް ހަރުދަނާކޮށް އަދި ކަރެކްޝަން ސާވިސް އިން އަމަލުކުރަމުންދާ ގަވާއިދުތައް އެކަމަށް މަގުފަހިވާނެހެން ބަދަލު ކުރައްވާނެ ކަމަށެވެ. 

"ރައީސުލްޖުމްހޫރިއްޔާ ދެއްވާފަވާ ގައިޑެންސާ އެއްގޮތަށް މިތަނުގަ މިކުރެވޭ މަސައްކަތަކީ ގައިދީންނަށް ދަސްކޮށްދެވިގެން، ދެމެހެއްޓެނިވި ގޮތެއްގަ ގައިދީން ކުރާ މަސައްކަތަކަށް ވާނެ ކަމަކަށް، އަދި އެ މަސައްކަތުގެ ތެރެއިން އާމްދަނީ ލިބި، އާމްދަނީގެ ބައެއް ގައިދީންނަށް ސީދާ ލިބޭނެ ގޮތްތަކެއް ވުން،" އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވީ ގައިދީން ގިނަ ދުވަހު ބަންދުކޮށްފައި ބޭތިއްބުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށެވެ. ސަރުކާރުގެ ވިސްނުމަކީ އެމީހުން ޖަލުގައި ފަންނުވެރި މަސައްކަތެއް ދަސްކޮށް އާމްދަނީ ހޯދައި އަދި އަވަހަށް މުޖުތަމައުއަށް ނެރުން ކަމަށެވެ. މުޖުތަމައުއަށް އެމީހާ ނުކުންނައިރު އެއީ މުޖުތަމައުއަށް ފައިދާވާނެ މީހަކަށް ހެދުމަކީ ވެސް ސަރުކާރުގެ އަމާޒެއް ކަމަށް ވެސް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.