ވާހަކަ

ނޭނގި ޔާރު ވަކިވީ – އެޕިސޯޑް 56

- އެޕިސޯޑް 56 –

މަގުމަތީގައި ކާރެއް ލިބޭތޯ ދެކޮޅަށް ބަލަމުން ސުހާ ދިޔަ އިރު ވެސް އޭނާގެ ދެ ލޮލުން ކަރުނަ ހުސް ނުވެއެވެ. ދޭތެރެ ދޭތެރެއިން އަތުގައި އޮތް ޓިޝޫ އިން ސުހާ ގެންދިޔައީ ކަރުނަތައް ފުހެމުންނެވެ. ވަގުތު ކޮޅަކު ކާރެއް ނުލިބިފައި ސުހާއަށް އެތަނުގައި ހުންނަން ޖެހުނެވެ. އެންމެ ފަހުން ކާރެއް ލިބުމުން ނިކަން އަވަހަށް ސުހާ ގޮސް ކާރަށް އެރިއެވެ.

ކާރުގެ ފަހަތު ސީޓުގައި އިން ސުހާއަށް އަޑުން އަޑު ނަގާ ރޯން ނުފެށި އިނދެ ވެނީ ކިރިޔަ ކިރިޔާއެވެ. ދެންމެ ދެންމެ ހީވަނީ ބަޑި ފަޅައިގެން ގޮސްދާނެހެންނެވެ. ނަމަވެސް ކެތް ކޮށްލައިގެން އިނދެވޭތޯ ސުހާ ދިޔައީ ވަރަށް މަސައްކަތް ކުރަމުންނެވެ. ސުހާ އޭނާގެ ފޯނު ނަގައި ފުރޮންޓު ކެމެރާއިން އޭނާގެ މޫނު ބަލައިލިއެވެ.

އެ މޫނުމަތިން އެއްވެސް ތާޒާ ކަމެއް ފެންނާކަށް ނެތެވެ. މޫނުގައި ކާއްތާފައިވާ މޭކަޕްތައް ހުރީ މުޅިން ފުހެވިގެން ގޮސްފައެވެ. ދެލޯ ކައިރި ވަނީ ކަޅުވެފައެވެ. ސުހާ އޭނާގެ އަތް ދަބަސް ހުޅުވާލަމުން ކުޑަ ގޮތަކަށް މޫނުމަތި ރީތިކޮށް ލެވޭތޯ ބަލަން ފެށިއެވެ. އެގޮތުން މޫނުގައި ކޮންމެވެސް ވަރަކަށް ފައުޑޭޝަން ކޮޅެއް އުނގުޅާލުމަށްފަހު، ފުށްކޮޅެއް މޫނުގައި ކާއްތާލިއެވެ. އަދި ތުންފަތުގައި ކުޑަކޮށް ލިޕްސްޓިކް ކޮޅެއް އުނގުޅާލަމުން ދެ ތުންފަތް ޖައްސާލިއެވެ.

ސުހާ އަށް އޭނާގެ ހިތުގެ ހިނގުމުގެ އަވަސްކަން އިޙްސާސް ކުރެވުމުން ދިޔައެވެ. ކުއްލިއަކަށް ސުހާގެ ވައިބާރ އިން ކޯލެއް އަންނަ އަޑު އިވެން ފެށުމާ އެކުގައި ސުހާ ބަލައިލީ ވައިބާރ އަށެވެ. ގުޅަމުން ދިޔައީ ސުހާގެ މަންމަ ނަޒީރާއެވެ. ނަޒީރާ އޭނާގެ ފިރިމީހާއާ އެކުގައި ލަންކާގައި އުޅޭތާ މިހާރު ދުވަސް ތަކެއް ވެއްޖެއެވެ.

ނަޒީރާގެ ކޯލެއް އައުމުން ސުހާ ވަނީ އަމަށަކު ފޫސެއް ނޫނެވެ. ސުހާ އާއި ވާރިޝްގެ ދެމެދަށް ވަތް މީހަކީ ނަޒީރާކަން އެނގުން ހިސާބުން، ސުހާ އެކަމާ އިންތިހާއަށް ނަޒީރާ ދެކެ ރުޅި އާދެއެވެ. ސުހާއަށް އެ ޙާލު ޖެއްސި މީހަކީ މަންމަ ކަމުގައި ސުހާ ޤަބޫލު ކުރެއެވެ. ނަޒީރާގެ ކޯލަށް ސުހާ ޖަވާބު ނުދޭތީ އެކަމުގެ ޝަކުވާ އެތައް ފަހަރެއްގެ މަތިން ނަޒީރާ ވަނީ ސުހާއަށް އަދި ސުހާގެ ބައްޕަ އަށް ވެސް ކޮށްފައެވެ. ޙާލަކުން ފަހަރަކު ނޫނީ ނަޒީރާގެ ކޯލަށް ސުހާގެ ފަރާތުން ޖަވާބެއް ނުލިބެއެވެ. އެއީ ސުހާ އެއްވެސް ވަރަކަށް ނަޒީރާއާ ވާހަކަދައްކަން ބޭނުން ނުވާތީއެވެ.

ކޮންމެވެސް ދުވަހަކުން ނަޒީރާގެ ފަރާތުން ސުހާގެ މުޅި ދިރިއުޅުން ހަލާކު ވެގެން ދިޔަކަން ސުހާ ހުރީ ނަޒީރާއަށް އަންގަން ވަރަށް ބޭނުން ވެފައެވެ. އެކަން އަބަދު ހިތުގައި އަޅައިގެން އުޅުން އެއީ ސުހާއަށް ވަކި ފަސޭހަ ކަމެއް ނޫނެވެ. ރިންގު ނިމެން ދެން ސުހާ އިނީ ފޯނަށް ބަލާށެވެ. މަންމަގެ ކޯލަށް ސުހާ މިފަހަރު ވެސް ޖަވާބެއް ނުދެއެވެ.

ގެއަށް ދެވުމާ އެކުގައި ސުހާ އޭނާގެ ކޮޓަރިއަށް ވަނދެ، ކޮޓަރި ތަޅުލުމަށްފަހު އެނދު މައްޗަށް ވެއްޓި ގަތެވެ. އަދި މޫނުމަތީގައި ބާލިސް އަޅާ ރޯން ފެށިއެވެ. ހަދާނެ ނުހަދާނެ ގޮތެއް ސުހާއަކަށް ނޭނގުނެވެ. ސިކުނޑި ތެރޭގައި ޚިޔާލު ތަކާއި ފިކުރު ތަކުން ފުނި ޖެހެމުން ދިޔަ އިރު ސުހާއަށް މި ކަމުން ދެން އިތުރަށް ކުރިއަށް ދެވޭނެ އެންމެ ރަނގަޅު މަގު ވިސްނޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން ސުހާ ނިންމީ ވާރިޝްއަށް ހުރިހާ ވާހަކަ އެއް ކިޔާ ދޭށެވެ. ހޮސްޕިޓަލްގައި އިން އިރު ވެސް ވާރިޝް ދިޔައީ ދޭތެރެ ދޭތެރެއިން ސުހާއަށް މެސެޖުކޮށް އޭނާގެ ޙާލު ބަލަމުންނެވެ.

***

"މާޝާﷲ.."

ލީޒާގެ ދެލޯ ވަނީ ފެންކަޅި ވެފައެވެ. އެނދުގައި އޮތް ކުޑަކުޑަ ފުރާނައަށް ލީޒާ ބަލަން ހުރީ މާތްﷲއަށް ޝުކުރު ވެރިވާ ޙާލުގައެވެ. ލީޒާ އެކޭ އެއްފަދައިން ދާއިންގެ ޙާލަކީ ވެސް އެއީ އެވެ. އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. އެޑްމިޓް ކޮށްފައިވާ ޝަރާ ބަލައިލީ ލީޒާ އާއި ދާއިންގެ މޫނަށެވެ.

"ހަމަ އަޔާ ދޯ؟"

ޝަރާ ލުއިކޮށް ހިނިތުންވެލަމުން އަހައިލިއެވެ.

"އާނ! އަޔާގެ ދެލޯ.. އަޔާގެ ނޭފަތް.. ހަމަ އަޔާ މީ.. ކުޑަ ކުޑަ އަޔާޒް."

ޖަވާބުގައި ލީޒާ ހީނލަމުން ބުނެލިއެވެ.

"ދާއިން.."

ޝަރާ ބަލައިލީ ދާއިންގެ މޫނަށެވެ. ދާާއިން މަޑުމަޑުން ހިނގާފައި އައިސް ޝަރާގެ ދާދި ގާތުގައި މަޑުކޮށްލިއެވެ. ޝަރާ ހިފަައިލީ ދާއިންގެ އަތުގައެވެ. ދާއިން އޭނާގެ ކަޅި ހިންގާލީ ދާއިންގެ އަތުގައި ހިފައިގެން ހުރި ޝަރާގެ އަތަށެވެ.

"ވަރަށް ބޮޑަށް ޝުކުރިއްޔާ! ނޭނގެ ޝުކުރު އަދާ ކުރާނެ ގޮތެއް ވެސް.. އަހަރެން ދުވަހަކު ވެސް.. ދުވަހަކު ވެސް.. ދާއިންގެ ތި ހެޔޮކަން ހަނދާން ނައްތައެއް ނުލާނަން.."

 ޝަރާގެ ހަތަރު ކަޅި އަމާޒް ވެފައި ވަނީ ދާއިންގެ މޫނަށެވެ. ދާއިން ހިނިތުންވެލިއެވެ.

"ޝަރާ! ޝަރާގެ އުފަލަށް އަހަރެން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ.. ޝަރާ ދުނިޔޭގަ އުފަލުގަ ހޭދަ ކުރާ ކޮންމެ ސިކުންތަކީ އަހަރެންގެ ހުރިހާ ވެސް އުފާ.. އެހެން ވީމާ އަހަރެންގެ އުފަލަށް ކުރާ ކަމަކަށް ކޮން ތޭންކްސް އެއް.. ހެއްހެއްހޭ.." ދާއިން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. ޝަރާގެ ތުންފަތުން ވިދާލި ހިނިތުންވުމުން ދާއިންގެ ހިތް ފުރި ބަނޑުން ވެގެން ދިޔަ ކަހަލައެވެ.

***

ދަންވަރުގެ ހިމޭން ވަގުތެވެ. ކޮޓަރި ތެރޭގައި ސުހާ އިންތިޒާރު ކުރަމުން ގެންދިޔައީ ވާރިޝް އަށެވެ. މެސެޖުކޮށްފައި މި ވަންނަނީއޭ ބުނިތާ ވެސް މިހާރު 5 ވަރަކަށް މިނެޓު ވެއްޖެއެވެ.

ކޮޓަރީގެ މެދެއްހާ ހިސާބުގައި ސުހާ ހުއްޓިގެން ހުއްޓާ، ކޮޓަރީގެ ތަޅުގައި މީހަކު ހިފާލުމާ އެކު ސުހާ ވަރަށް އަވަހަށް ގޮސް ދޮރު ހުޅުވާލިއެވެ. ކޮޓަރި ދޮރު ހުޅުވުމާ އެކުގައި، ކޮޓަރި ތެރެއަށް ވާރިޝް ވަރަށް މަޑުމަޑުން ވަނެވެ.

"ވަރަށް މިސްވޭ! އަބަދުވެސް ބޭނުން ވަނީ މިހެން ބައްދާލައިގެން ތިބެން.." 

ސުހާގެ ފަހަތުން ވާރިޝް ވަރަށް ބާރަށް ބައްދާލިއެވެ. އެހެން ރޭ ތަކާ ޚިލާފަށް ސުހާގެ ފަރާތުން ފެންނަ މަސްތީ ޖޯޝެއް ވާރިޝް އަކަށް ސުހާގެ ފަރާތުން މިރެއަކު ނުފެނުނެވެ.

"ސުހާ!" 

ސުހާގެ މޫނު ވާރިޝްއާ ވާނެހެން އަނބުރާލަމުން ވާރިޝް ބަލައިލީ ސުހާގެ މޫނަށެވެ.

"ކިހިނެއްވީ؟ ރޮނީތަ؟" 

ސުހާގެ ދެ ލޮލުން ފައިބަން ފެށި ކަރުނައިން ވާރިޝްއަށް ލިބިގެން ދިޔައީ ހައިރާން ކަމެވެ.

"ބަލި ރަނގަޅު ނުވަނީތަ؟ ސޮރީ.." 

ވާރިޝް އޭނާގެ ދެ އަތުން ސުހާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެން ފެށިއެވެ.

"އަހަރެން ބައްޔެއް ނޫން.. އަހަރެން މި ހުރީ ބަލި ވެފަ އެއް ނޫނޭ ވާރިޝް.." 

ސުހާގެ އަޑުގައި އެއްވެސް ހަމަޖެހުމެއް ނެތެވެ.

"ދެން؟" 

ވާރިޝް ހުރީ ވާނުވާގައެވެ. ސުހާ ގޮސް އޭނާގެ އަތް ދަބަސް ހުޅުވާލަމުން އަތް ދަބަހުގައި އޮތް ރިޕޯޓު ދިއްކޮށްލީ ވާރިޝްގެ އަތަށެވެ.

ހައިރާންކަމާ އެކުގައި ވާރިޝް ރިޕޯޓަށް ބަލާލިއެވެ. ވާރިޝްގެ ދެލޯ ބޮޑު ވެގެން ދިޔައެވެ. ވާރިޝް ދެލޯ ބޮޑުކޮށްގެން ހުރެ ބަލައިލީ ސުހާގެ މޫނަށެވެ. ސުހާ ބަނޑު ބޮޑެވެ. ބަނޑަށް އެއް މަހެވެ. އަޔާޒް ރާއްޖެއިން ބޭރަށް ފުރިތާ މަސް ތަކެއް ފާއިތު ވެގެން ގޮސްފައިވާ އިރު، އެ ދަރި އަކީ ވާރިޝްގެ ދަރިއެއް ނޫން އިތުރު އެހެން މީހެއްގެ ދަރި އަކަށް ނުވާނެއެވެ. އެ ޙަޤީޤަތް އެނގުމާ އެކުގައި ވާރިޝްގެ ދުލުގައި ގޮށެއް ޖެހުން ފަދައެވެ. ބުނާނެ އެއްވެސް އެއްޗެއް ވާރިޝް އަށް ހުރެވުނީ ގަނބު ވެފައެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.