ފައްޔާޒުގެ ސުވާލެއް | ބޭންކަށް ބަޣާވާތުގެ ތުހުމަތުކުރީ ބައިނަލްއަގުވާމީ މިންގަނޑަށް ގެންދަން ތޯ

ބޭންކަކީ ވެރިކަން ވައްޓައިލަން ހިންގި ބަޣާވާތެއްގެ ބައިވެރިއެއްގެ ގޮތުގައި ސިފަކުރުމަކީ ބައިނަަލްއަގުވާމީ މިންގަނޑަށް މާލީ ކަންކަން ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެއްތޯ ފައްޔާޒު ސުވާލު އުފެއްދެވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް

ބޭންކް އޮފް މޯލްޑިވްސްއަށް ބަޣާވާތުގެ ތުހުމަތުކުރުމަކީ ދިވެހިރާއްޖޭގެ މާލީ ކަންކަން ބައިނަލްއަގުވާމީ މާލީ މިންގަނޑުތަކާ އެއްވަރށް ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބައެއްތޯ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު ސުވާލު ކުރައްވައިފި އެވެ. 

ފައްޔާޒު މިފަދައިން ސުވާލުކުރެއްވީ އިއްޔެ ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިިނިސްޓަރު މުހައްމަދު ސައީދު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. އޭނާ ވިދާޅުވީ ކުރީ ސަރުކާރުން ކަންކަން ކުރަމުން އައި ގޮތުން ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްވާނެ ކަމުގައި އެއިރުވެސް ވިދާޅުވި ކަމަށެވެ. 

ސައީދު އިތުރަށް ވިދާޅުވީ މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި ވެރިކަންކުރާ ކޮންގުރެސް ޕާޓީއާއި ސަރުކާރުން ކުރަމުންދާަ މަސައްކަތަކީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ދެމުން އައި ލަފައާ އެއްގޮތަށް ބައިނަލްއަގުވާމީ މާލީ މިންގަނޑުތަކަށް ދައުލަތުގެ މާލީ ކަަންކަން އިއާދަކުރުމުގެ މަސައްކަތް ކަމަށެވެ. 

ސައީދުގެ ވާހަކަފުޅުގެ ވީޑިއޯއެއް ހިމަނުއްވައިގެން ފައްޔާޒު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ސައީދުގެ ވާހަކަފުޅަކީ ކްރެޑިޓް ރޭތިން އަނެއްކާވެސް ދަށްވެދާނެކަމުގެ ފެހި ސިގްނަލް ލިބިވަޑައިގެން ދައްކަވާ ވާހަކަފުޅެއް ކަމުގައި ވަރަށް ބޮޑަށް ހީފުޅުވާ ކަމަށެވެ. އަދި ކަމުން ރެކިވަޑައިގަތުމުގެ ބަދަލުގައި ގާބިލު ބަޔަކާ އަވަހަށް ކަންކަން ހަވާލުކުރެއްވުމަށް ފައްޔާޒު ގޮވައިލެއްވި އެވެ. 

"އަމިއްލަ ނުކުޅެދުންތެރިކަން ކުރީ ސަރުކާރުގެ ބޮލަށް ޖަހައިގެން އެ ލަވާގައި ރައްޔިތުން ޖައްސަވައިގެން ތިއްބެވޭނީ ކިހާ ދުވަހެއް ވަންދެންތޯ؟،" ކުރީ ސަރުކާރަށް ކޮންގުރެސް ޕާޓީގެ ވެރިން ކުރައްވާ ތުހުމަތުތަކާ ގުޅިގެން ފައްޔާޒު ސުވާލުކުރެއްވި އެވެ. 

އިތުރަށް އޭނާ އުފެއްދެވި ސުވާލަކީ ގައުމީ ބޭންކަކީ ސަރުކާރު ވައްޓައިލުމަށް ހިންގި ބަޣާވާތެއްގަައި ބައިވެރިވެފައިވާ ބޭންކެއްކަމަށް ސަރުކާރުގެ ވެރިން ސިފަކުރެއްވުމަކީ ދުނިޔެ ގަބޫލުކުރާ މާލީ މިންގަނޑުތަކަށް ކަންކަން ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބައެއްތޯ އެވެ. 

"އެކަމަކީ ވެސް ރޭޓިންގ ދަށްވުމަށް މެދުވެރިވާނެ އިތުރުސަބަބެއްކަމަށް ވުން ވަރަށް އެކަށީގެންވޭ،" ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުބާރު ގެއްލިއްޖެނަމަ ކްރެޑިޓް ރޭޓިންއަށް އަސަރުކުރާނެކަން ދޭހަވާ މޭރުމަކުން ފައްޔާޒު ވިދާޅުވި އެވެ. 

ބަޣާވާތެއްގައި ބޭންކު ބައިވެރިވިކަމަށް ސަރުކާރުގެ ބައެއް ވެރިން ތުހުމަތުކުރެއްވީ ބޭންކުން ދޫކޮށްފައިވާ ދިވެހި ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ސަރުކާރުން ނިންމުމާ ގުޅިގެންނެވެ. ސަރުކާރާއި އެމްއެމްއޭއިން ބޭންކާއެކު ކުރި މަޝްވަރާތަކަށްފަހު ބޭންކުން އެ ނިންމުން ބަދަލުކުރި އެވެ. 

މާލީ އިސްލާހުތައް ފަސްކުރީ އެމްޑީޕީން

2022 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި 2023 ވަނަ އަހަރުގެ ބަޖެޓުގައި ދައުލަތުގެ ހަރަދު ކުޑަކުރުމަށް އާސަންދަ އިސްލާހުކޮށް، ޓާގެޓް ސަބްސިޑީ ތައާރަފުކުރުން ފަދަ ފިޔަވަޅުތައް އެޅުމަށް ހިމެނި ނަމަވެސް އެ އަހަރު ނިމުނުއިރު އެއިން އެއްވެސް އިސްލާހެއް ތަންފީޒުކޮށްފައިނުވެ އެވެ، ނަތީޖާއެއްގެ ގޮތުން އެ އަހަރުވެސް ދައުލަތުގެ ބަޖެޓު ދަރަނި 13 ބިލިއަން ރުފިޔާއަށް އެރި އެވެ. 

އެމްޑީޕީ ސަރުކާރުން ޖީއެސްޓީއާއި ޓީޖީއެސްޓީ ރޭޓުތައް ބޮޑުކުރުމުން އައިއެމްއެފް އަދި ވޯލްޑް ބޭންކާއި ކްރެޑިޓް ރޭޓިން އެޖެންސީތަކުން ފާހަގަކުރި އެއްކަމަކީ އާމްދަނީ އިތުރުވާނެ ފިޔަވަޅުތައް އެޅިޔަސް، ދައުލަތުގެ ހަރަދުތައް ދެމެހެއްޓެނެވި މިންގަނޑަކަށް ތިރިކުރަން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައިފިނަމަ މާލީ ގޮތުން ބޮޑެތި ހިރާސްތަކެއް ކުރިމަތިވާނެ ކަމެވެ. އެ އިންޒާރަށް އެއިރު އެމްޑީޕީގެ ސަރުކާރުން ސަމާލުކަމެއް ނުދެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.