ފިޗުން ކްރެޑިޓު ރޭޓިން ދަށްކުރި ސަބަބުތައް އިހުނަށްވުރެ މިހާރު ގޯސްވެއްޖެ: އަމީރު

ކްރެޑިޓް ރޭޓިން ޖޫން މަހު ދަށްކުރި ސަބަބުތައްކަމަށް ފިޗްއިން ފާހަގަކުރި ހުރިހާ ކަމެއް އެއިރާ އަޅާބަަލާއިރު މިހާރު މާބޮޑަށް ގޯސްވެފައިވާކަމަށް އަމީރު ވިދާޅުވި އެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ރާއްޖޭގެ ކްރެޑިޓް ރޭޓިން ހަދާ ދެ އެޖެންސީގެ ތެރެއިން ފިޗުން ރާއްޖޭގެ ކްރެޑިޓު ރޭޓިން ދށްކުރި ސަބަބުތައް އެންމެ ފަހުން ކްރެޑިޓް ރޭޓިން އިއުލާނުކުރި އިރަށްވުރެ ގޯސްވެފައިވާކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ. 

ކްރެޑިޓު ރޭޓިން ދަަށްވީ ކުރީ ސަރުކާރުގެ ސަބަބުންކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވުމާ ގުޅިގެން ރާއްޖޭގެ ކްރެޑިޓް ރޭޓިން ބަދަލުވި ގޮތް ފެންނަ ޗާޓެއް ޝާއިއުކުރެއްވުމާއެކު، އެކްސްއަށް އަމީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގޮންޖެހުންތަކާއެކުވެސް ކްރެޑިޓް ރޭޓިން އެއް މިންގަނޑެއްގައި ކުރީ ސަރުކާރުން ހިފަހައްޓައި އެ ރޭޓިން މަތިކުރި ކަމަށެވެ. 

އަމީރު ހިއްސާކުރެއްވި ޗާޓުން ފެންނަ ގޮތުގައި ފިޗްގެ ކްރެޑިޓް ރޭޓިން 2021 ގައި ސީސީސީ މައިނަސްއަށް ވެއްޓުނު ނަމަވެސް 2022 ގައި އެ ރޭޓިން ބީމައިނަސް ސްޓޭބަލްއަށް މަތިކުރި އެވެ. އަދި 2023 ގައި އެ ރޭޓިން ބީމައިނަސް ނެގެޓިވްއަށް ދަށްވުމަށްފަހު ސީސީސީ ޕްލަސްއަށް ވެއްޓުނީ 2024 ވަނަ އަހަރު އެވެ. 

ކްރެޑިޓު ރޭޓިން ފިޗުން މުރާޖައާކުރީ މި އަހަރުގެ ޖޫން މަހުގައިކަން ފާހަގަކުރައްވަމުން އަމީރު ވިދާޅުވީ ރޭޓިން ދަށްކުރި ސަބަބުތަކަކީ ބޭރުގެ ދަރަނި ހޯދުމަށާއި އަދާކުރުމަށް ހުރި ދަތިތަކާއި، ބޭރު ފައިސާގެ ރިޒާވް ހީނަރުވުމާއި، މާލީ އިސްލާހުތައް ތަންފީޒުކުރުން ލަސްވުމެވެ. އޭނާ ވިދާޅުވީ މިކަންކަން ޖޫން މަހުގައި ހުރި ހާލަތަށްވުރެ މިހާރުވަނީ ގޯސްވެފައި ކަމަށެވެ. 

ސަރުކާރުން ކަންކަން ކުރި ގޮތުން އިންޑިޔާއާއެކު އުފެދުނު ނުތަނަވަސްކަމުގެ ނޭދެވޭ އަސަރު ފަތުރުވެރިކަމަށާއި އިގުތިސާދަށް ފޯރާފައިވާކަމަށް އަމީރު ވިދާޅުވި އެވެ. އިތުރަށް އޭނާ ވިދާޅުވީ ޑޮލަރުގެ އާމްދަނީ 15 އިންސައްތައިން އިތުރުވި ނަމަވެސް ބޭރު ފައިސާގެ ރަސްމީ ރިޒާވް ދަށްވަމުންދާ ކަމަށެވެ. 

އަމީރު ސިފަކުރެއްވި ގޮތުގައި އަސްކަރީ ޑްރޯނު ގަތުމަށް ހޭދަކުރި 37 މިލިއަން ޑޮލަރާއި އިންޑިއާއިން ގަނެފައިވާ ޓީބިލެއް ދައްކަންނުޖެހެނީސް ދެއްކުމަށް 50 މިލިއަން ޑޮލަރު ހަރަދުކުރުންފަދަ ކޮންމެހެން ކުރަންނުޖެހޭ ހަރަދުތައް ކުރުމުގެ ސަބަަބުން ސަރުކާރަށް ދަރަނި ނެގުމުގައި ގޮންޖެހުންތައް ކުރިމަތިވެފައިވެ އެވެ. 

އަދި މާލީ އިސްލާހުތައް ލަސްވުމަކީ ހިރާސްތައް ބޮޑުވާނެ ކަމުގެ އަލާމަތެއްގެ ގޮތުގައި ސިފަކުރައްވަމުން އޭނާ ސަރުކާރަށް އިލްތިމާސްކުރެއްވީ އިސްރާފަށްވާ ހުރިހާ ހަރަދުތަކެއް ހުއްޓައިލާ، ކުރިން އިއުލާނުކޮށްފައިވާ މާލީ އިސްލާހުތައް ތަންފީޒުކުރުން އަވަސްކުރުމާއެކު، ބޭރުން ފައިސާގެ އެހީ ހޯދުން ލަސްނުކުރުމަށެވެ. 

މާލީ އިސްލާހުތައް ލަސްކުރީ އެމްޑީޕީން

2022 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި 2023 ވަނަ އަހަރުގެ ބަޖެޓުގައި ދައުލަތުގެ ހަރަދު ކުޑަކުރުމަށް އާސަންދަ އިސްލާހުކޮށް، ޓާގެޓް ސަބްސިޑީ ތައާރަފުކުރުން ފަދަ ފިޔަވަޅުތައް އެޅުމަށް ހިމެނި ނަމަވެސް އެ އަހަރު ނިމުނުއިރު އެއިން އެއްވެސް އިސްލާހެއް ތަންފީޒުކޮށްފައިނުވެ އެވެ، ނަތީޖާއެއްގެ ގޮތުން އެ އަހަރުވެސް ދައުލަތުގެ ބަޖެޓު ދަރަނި 13 ބިލިއަން ރުފިޔާއަށް އެރި އެވެ.

އެމްޑީޕީ ސަރުކާރުން ޖީއެސްޓީއާއި ޓީޖީއެސްޓީ ރޭޓުތައް ބޮޑުކުރުމުން އައިއެމްއެފް އަދި ވޯލްޑް ބޭންކާއި ކްރެޑިޓް ރޭޓިން އެޖެންސީތަކުން ފާހަގަކުރި އެއްކަމަކީ އާމްދަނީ އިތުރުވާނެ ފިޔަވަޅުތައް އެޅިޔަސް، ދައުލަތުގެ ހަރަދުތައް ދެމެހެއްޓެނެވި މިންގަނޑަކަށް ތިރިކުރަން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައިފިނަމަ މާލީ ގޮތުން ބޮޑެތި ހިރާސްތަކެއް ކުރިމަތިވާނެ ކަމެވެ. އެ އިންޒާރަށް އެއިރު އެމްޑީޕީގެ ސަރުކާރުން ސަމާލުކަމެއް ނުދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.