ސައުދީ ސަފީރުގެ ނަން ފާހަގަ ނުކޮށް އެ ބަޔާނުގައި ބުނެފައި ވަނީ ވަކި ސަފީރަކަށް އުނދަގޫކުުރުމުގެ އަމަލުތަކެއް އެ މީހުން ހިންގާފައިވާ ކަމަށެވެ.
މ. ބަޑިކުޅިމާގެ އާއިޝަތު ޝާދިޔާ (48) އަދި ގދ. ރަތަފަންދޫ ލިލީގެ، ޑރ. ޝަޒްރާ އިބްރާހިމް (36) ހައްޔަރު ކުރި ސަބަބުތައް ސާފުކޮށްދީ ދިވެހި ފުލުހުންގެ ހިދުމަތުން ބަޔާނެއް ނެރެފި އެވެ.
ޝާދިޔާ އާއި ޝަޒްރާ އަކީ ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލު އާންމާ ދެކޮޅަށް މާލެއާ ހުޅުމާލޭ ގައި އިހުތިޖާޖު ކުރާ ދެ މީހުންނެވެ. އެ މީހުން ވަނީ މާލެއާ ހުޅުމާލޭ ގައި އިޒްރޭލްގެ އުފެއްދުންތައް ވިއްކާ ތަންތަން ކައިރީއާ ފަލަސްތީނު މައްސަލާ ގައި އެކަށީގެންވާ އެއްވެސް ހަރުދަނާ ފިޔަވަޅެއް އަޅަމުން ނުދާ ސައުދީއަރަބިއްޔާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ ގެކޮޅު ކައިރީ އިހުތިޖާޖު ކޮށްފަ އެވެ.
ޝާދިޔާ އަކީ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފްގެ އަނބިކަނބަލުންނެވެ.
ޝާދިޔާއާ ޝަޒްރާ ހައްޔަރުކުރި ސަބަބު ސާފުކޮށްދީ ފުލުުހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލެވުމާއި ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް އަދި ޑިޕްްލޮމެޓިކް މިޝަންތަކުގެ މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް އެ ދެ މީހުން އަމަލުކޮށްފައިވާ ކަމަށް ބުނެފަ އެވެ.
އަދި ސައުދީ ސަފީރުގެ ނަން ފާހަގަ ނުކޮށް އެ ބަޔާނުގައި ބުނެފައި ވަނީ ވަކި ސަފީރަކަށް އުނދަގޫކުުރުމުގެ އަމަލުތަކެއް އެ މީހުން ހިންގާފައިވާ ކަމަށެވެ. އެކަމާއި ގުޅިގެން ސުލްހަވެރިކަމާ އެކު އެ ސަރަހައްދުން ދިއުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވާ ކަމަށް ބުންޏެވެ. އެ ދެ މީހުން ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.
ފުލުހުން ބުނީ މިފަދަ އަމަލުތަކާއި ގުޅިގެން ޝާދިޔާ އާއި ޝަޒްރާއަށް އެގޮތަށް އަމަލު ނުކުރުމަށް އެކި ފަހަރު މަތީން ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ. ފުލުހުން ވަނީ ޣައްޒާގެ ހާލަތު ސިފަކޮށްދޭ ގޮތަށް އިހުތިޖާޖުގައި އެ މީހުން ބޭނުން ކުރި ތަކެތީގެ ފޮޓޯވެސް އާންމުކޮށްފަ އެވެ.
އެ ގޮތުން ރަހުމެއް ނެތި ޝަހީދުކޮށްލެވިފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ފޮޓޯތަކާއި ކުޑަކުއްޖަކު ހިނަވާފައި އޮންނައިރު ސިފަވާނެ ހެން ހަދާފައިވާ އެއްޗެއް ހިމެނެ އެވެ. އެ ގޮތަށް ސައުދީ ސަފީރުގެ ގެކޮޅު ކައިރީ އިހުތިޖާޖު ކުރާތީ އެމްބަސީން ވަނީ ކަންބޮޑުވުން ފާޅުކޮށް އެކަން ހުއްޓުވަން ދިވެހި ސަރުކާރުގައި އެދިފައި ކަމަށް އެނގިފައިވެ އެވެ.