ގައުމު މިހާލަތަށް ވައްޓައިލި ކުރީގެ ވެރިންގެ މައްސަލަ ބަލާނެކަމުގެ ޔަގީންކަން ދެއްވައިފި

"ދައުލަތަށް ހިޔާނާތްތެރިވެފައި އޮތިއްޔާ އެބޭފުޅެއްގެ މައްސަލަ މި ސަރުކާރުން ބަލާނެ. އަދި މި ސަރުކާރުގައި އެ ހިތްވަރު ހުންނާނެ.،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ވިހި ވަނަ ރައީސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ރާއްޖެ މިއަދު މިއޮތް ހާލަތަށް ގައުމު ވައްޓަވައިލެއްވި ކުރީ ސަރުކާރުގެ ވެރިންގެ މައްސަލަތައް މިވެރިކަމުގައި ބަލާނެ ކަމުގެ ޔަގީންކަން ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ދެއްވައިފި އެވެ. 

މިއަދު ޕީއެންސީ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމަކީ ކުރީ ސަރުކާރުގައި ތިއްބެވި ވެރިންގެ ހިޔާނާތުގެ ސަބަބުން އުފެދުނު ހާލަތެއް ކަމަށެވެ. އަދި މިހާތަލަށް ގައުމު ވެއްޓޭނެ ވާހަކަ އިދިކޮޅުގައި ތިއްބެވިއިރު ޕީއެންސީގެ ވެރިންނާއި މަޖިލިސް މެންބަރުން ތަކުރާރުކޮށް ދެއްކެވި ކަމުގައިވެސް އޭނާ ވިދާޅުވި އެވެ. 

"މިއަދުގެ މިހާލަތަށް [ގައުމުއައި] ސަބަބު އެއީ ކުރީ ސަރުކާރުގެ ވެރިންގެ ހިޔާނާތް. މިއީ ނޭނގި ތިއްބައި އައި ހާލަތެއް ނޫން. މި ހާލަތު އަންނާނެ ވާހަކަ ކުރިންވެސް ދެއްކިން،" އަބްދުއްރަހީމް ވިދާޅުވި އެވެ. 

މިއަދު ކުރިމަތިވެފައިވާ ހާލަތަކީ އެއިރު ސަރުކާރުން ގެންގުޅުނު ސިޔާސަތުތަކާއި އެ ސަރުކާރުގެ ވެރިންގެ ހިޔާނާތުގެ ސަބަބުން ކުރިމަތިވި ހާލަތެއްކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ކެބިނެޓާއި އަދި މަޖިލީހުގެ ތެރެއިން ކުރައްވަމުންދާ މަސައްކަތްޕުޅަކީ އެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކަމަށެވެ. 

ސިޔާސީ ގޮތުން ބަދަލު ހިއްޕެވުމުގެ ރޫހުގައި އެއްވެސް މަސައްކަތްޕުޅެއް ނުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވާކަން ތަކުރާރުކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ހިޔާނާތުގެ މައްސަލަތައް ބެލުމުގެ މަސައްކަތް ކުރިއަށްދާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. 

އަދި ބޮޑެތި ހިޔާނާތުގެ ތުހުމަތުވެފައިވާ ބައެއް ބޭފުޅުން އާލާސްކަންފުޅާކަމަށް ވިދާޅުވެ ރާއްޖެއިން ބޭރަށް ވަޑައިގެންފައިވާކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ އެ ބޭފުޅުން އަނބުރާ ރާއްޖެއަށް ގެނެވޭ މިންވަރަށް އެ މަސައްކަތްތައް ފުޅާވެގެންނުދަނީކަމަށްވުން އެކަށީގެންވާ ކަމަށެވެ. 

ނަމަވެސް އެ ހިޔާނާތްތަކަކީ ހަނދާން ނައްތައިލެވޭ ވަރަށްވުރެ ބޮޑެތި ހިޔާނާތްތަކެއް ކަމުގައި ވިދާޅުވުމާއެކު، އެމަނިކުފާނު ދެއްވި ޔަގީންކަމަކީ ގާނޫނީ އިމުގެ ތެރެއިން، ޖިނާއީ ކުށްތައް ތަހުގީގުކުރުމަށް އުފެދިފައި އޮތް ގާނޫނީ ނިޒާމުގެ ތެރެއިން އެ ހުރިހާ މައްސަލައެއްވެސް ބެލިގެންދާނެ ކަމުގެ ޔަގީން ކަމެވެ. 

"އެއްގޮތަކަށްވެސް ކަންބޮޑުވެވަޑައިނުގަންނަވާ. ދައުލަތަށް ހިޔާނާތްތެރިވެފައި އޮތިއްޔާ އެބޭފުޅެއްގެ މައްސަލަ މި ސަރުކާރުން ބަލާނެ. އަދި މި ސަރުކާރުގައި އެ ހިތްވަރު ހުންނާނެ. ރައީސް މުއިއްޒު ވަޑައިގަތީ ގާނޫނީ ވެރިކަމެއް ކުރެއްވުމަށް. އެކަމަށް ރައީސް މުއިއްޒު އިންތިހާބުކުރީ އެކަމަށް ރައްޔިތުން ޖާގަދިނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.