އެމްޑީޕީގެ ލަފައެއް ހޯދާކަށް ބޭނުމެއް ނޫން: ޕީއެންސީ

އަބްދުއްރަހީމް ވިދާޅުވީ، ގައުމު ބަނގުރޫޓުކޮށްލާފައި ދިޔަ ބައެއްގެ ލަފަޔާއި މަޝްވަރާ ހޯދުމުން ކަންކަންވާނީ ގޯސް ކަމަށާއި، ރައީސް ޑރ.މުއިއްޒުގެ ޓީމަކީ ގާބިލު ޓީމެއްކަން ފާހަގަކުރައްވައި އެ ޓީމަށް އެމްޑީޕީގެ ލަފައެއް ބޭނުންނުވާނެ ކަމުގައެވެ.

ޕީޕީއެމް / ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން

ގައުމުގެ މާލީ ހާލަތާ ގުޅޭ ގޮތުން އިދިކޮޅު އެމްޑީޕީގެ ލަފައެއް ހޯދަން ބޭނުންނުވާކަމަށް ވެރިކަންކުރާ ޕީއެންސީން ބުނެފި އެވެ. 

ޕީއެންސީގެ އިސްވެރިން މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލީ ހާލަތު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އިދިކޮޅު އެމްޑީޕީއާ މަޝްވަރާކޮށް ލަފާ ހޯދާނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެމްޑީޕީއަކީ ގައުމެއް ބަނގުރޫޓުކޮށްލާފައި ވެރިކަމުން ފައިބައިގެން ދިޔަަ ޕާޓީއެއް ކަމަަށެވެ. 

މިހާރު ޕީއެންސީ ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ގައުމު އަލުން އާރާސްތުކުރުމުގެ މަސައްކަތްކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ގައުމު ބަނގުރޫޓުކޮށްލާފައި ދިޔަ ބައެއްގެ ލަފަޔާއި މަޝްވަރާ ހޯދުމުން ކަންކަންވާނީ ގޯސް ކަމަށެވެ.  އަދި ރައީސް ޑރ.މުއިއްޒުގެ ޓީމަކީ ގާބިލު ޓީމެއްކަން ފާހަގަކުރައްވައި އެ ޓީމަށް އެމްޑީޕީގެ ލަފައެއް ބޭނުންނުވާނެ ކަމުގައި އޭނާ ވިދާޅުވި އެވެ. 

"ގައުމެއް ބަނގުރޫޓުކޮށްފައި ދިޔަ ބައެއް. ކީއްކުރަންތޯ އެމީހުންގެ ލަފައެއް ހޯދަނީ؟ އަލުން ބިނާކުރަން އުޅޭއިރު އެމީހުންގެ ލަފައެއް ހޯދުމުން ނުލަފައެއް ނޫންތޯ އަލުންވާނީ؟،" އަބްދުއްރަހީމް ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ ޓީމަކީ، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ޓީމަކީ އެބޭފުޅުން ބަނގުރޫޓޫކޮށްލި ގައުމު އަލުން އާރާސްތުކުރެވޭ ވަރުގެ ގާބިލު ޓީމެއް. އެ ޓީމަކަށް އެބޭފުޅުންގެ ލަފައެއް ބޭނުންނުވޭ،" 

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމުވެސް އެ ސުވާލަށް ޖަވާބުދެއްވި އެވެ. އޭނާ ފާހަގަކުރެއްވީ އެމްޑީޕީއަކީ އަދި އެ ޕާޓީގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަމީރަކީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބަޖެޓު ޑެފިސިޓު ދެ އަދަދަށް އެރުވި މީހުން ކަމަށެވެ. 

އަދި އެ ބޭފުޅުންގެ ލަފައެއް ހޯދައިގެން އަނެއްކާވެސް ރައްޔިތުން ވެއްޓޭނީ ފުން އަނދަވަޅަކަށް ކަމަށާއި އެކަން ކުރައްވަން ބޭނުންފުޅުނުވާކަމަށް ޝިޔާމު ވިދާޅުވި އެވެ. 

ޕީއެންސީން މިފަދައިން ބުނެފައިވާއިރު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު އެމްޑީޕީގެ ލީޑާޝިޕުންވަނީ މާލީ ކަންކަން އިންތިޒާމުކޮށް ހިންގުމުގައި ރައީސް ޑރ.މުއިއްޒުގެ ނާގާބިލުކަން ފެންނަމުންދާ ކަމަށް ބުނެ އެ ޕާޓީން ސަރުކާރަށް ލަފާދޭން ހުށަހަޅުއްވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.