ތިން އަހަރު ތެރޭ ހުރިހާ ރަށެއްގައި ސްމާޓު މީޓަރު ހަރުކުރަނީ

ސްމާޓު މީޓަރުތަކުން ކަރަންޓު އެންމެ ބޮޑަށް ބޭނުންކުރެވޭ ވަގުތުތައް ދެނެގަނެވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރުމުގައި އިތުރަށް ސަމާލުވެވި ހުރިހާ ސަރަހައްދެއްގައިހެން ކަރަންޓުގެ ހަރަދުތައް ކުޑަކުރެވޭނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

ތިމާވެއްޓާއި ހަކަތައާ ބެހޭ މިނިސްޓަރު ތޯރިގު އިބްރާހީމް، ފޮޓޯ: ޕީއެސްއެމް

ކަރަންޓު ބޭނުންކުރެވޭ މިންވަރު ދެނެގަތުމަށް ބޭނުންކުރާ ޑިޖިޓަލް ސްމާޓު މީޓަރުތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް އޮތް ތިން އަހަރު ތެރޭ ބޭނުންކުރަން ފެށޭނެ ކަމުގައި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތާރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ. 

ފެނަކައިން ކަރަންޓުގެ ހިދުމަތްދޭ ދ.ކުޑަހުވަދޫގެ ހުރިހާ ގެއެއްގައި ސްމާޓު މީޓަރުތައް ހަރުކުރުމަށް ކުރީ ސަރުކާރުން ފެށި މަޝްރޫއު ނިންމުމަށް ރޭ ބޭއްވި ރަސްމިޔާތުގައި ތާރިގުވަނީ ސްމާޓު މީޓަރު ބެހެއްޓުމުން ލިބޭނެ ފައިދާއަށް އަލިއަޅުވައިލައްވާފަ އެވެ. 

މިނިސްޓަރު ވިދާޅުވީ އެގޮތުން ސްމާޓު މީޓަރުތައް ބެހެއްޓުމުން ކަރަންޓު އެންމެ ގިނައިން ބޭނުންކުރެވޭ މިންވަރާއި، އެންމެ ގިނައިން ކަރަންޓު ބޭނުންކުރެވޭ ވަގުތުތައް ދެނެގަނެވޭނެ ކަމަށެވެ. އަދި ރަށުގެ ކޮންމެ ސަރަހައްދެއްގައި ނުވަތަ ވަކި ގެއެއްގައި ކަރަންޓު މައްސަލައެއް ދިމާވިޔަސް ދެނެގަނެވޭނެ ކަމަށެވެ.

އަދި ކަރަންޓު ލީކުވާ ހާލަތުގައި ކަރަންޓު ލީކުވާން މެދުވެރިވި ސަބަބުވެސް ސްމާޓު މީޓަރުގެ ޒަރީއާއިން ދެނެގަނެވޭނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ސްމާޓު މީޓަރުން މިހުރިހާ މައުލޫމާތެއް ލިބުމަކީ ކަރަންޓު އިގުތިސާދުކޮށް ހަރަދު ކުޑަކުރުމަށް އެހީތެރިވާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ. 

ސްމާޓު މީޓަރުތަކުން ކަރަންޓު އެންމެ ބޮޑަށް ބޭނުންކުރެވޭ ވަގުތުތައް ދެނެގަނެވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރުމުގައި އިތުރަށް ސަމާލުވެވި ހުރިހާ ސަރަހައްދެއްގައިހެން ކަރަންޓުގެ ހަރަދުތައް ކުޑަކުރެވޭނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. 

އަދި ކުރިއަށް އޮތް އަހަރެއްހައި ދުވަހުގެ ތެރޭގައި ފެނަކައިން ކަރަންޓުގެ ހިދުމަތްދޭ ހުރިހާ ރަށަކަށް ސްމާޓު މީޓަރު ތައާރަފުކުރެވި މިހާރު ކަރަންޓުގެ އަގު ކަނޑައެޅުމުގައި އަމަލުކުރާ އުސޫލު ކަރަންޓު ބޭނުންކުރާ ވަގުތަށް ރިއާޔަތްކޮށްގެން އަގުކުރުމުގެ އުސޫލަށް ބަދަލުކުރެވޭނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.