ބުރިޖުން ލޭނެއް މަދު ވާހަކައަކީ ދޮގެއްކަން މިނިސްޓަރު ސާބިތުކޮށްދެއްވައިފި

ބުރިޖުގެ ޑިޒައިން އާންމުކުރި ވީޑިއޯ ހިއްސާކުރައްވަމުން ޑރ.މުއްތަލިބު ވިދާޅުވެފައިވަނީ ބުރިޖުގައި ހަަ ލޭނު ބޭއްވުމަށް އެއްވެސް އިރެއްގައި ރާވާފައި ނެތްކަމަށެވެ.

ސިނަމާލެ ބްރިޖު

ސިނަމާލެ ބުރިޖުގެ ލޭނެއް މަދުކަމަށް ދެކެވޭ ވާހައަކީ އެއްވެސް ހަގީގަތެއް ނެތް ބުހުތާނު ވާހަކައެއްކަން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ހެއްކާއެކު ސާބިތުކޮށްދެއްވައިފި އެވެ. 

ސިނަމާލެ ބުރިޖު އިފުތިތާހުކުރި ދުވަހުން ފެށިގެން ބުރިޖުގައި ބައިސިކަލު ދުއްވަން ހާއްސްކޮށް ހެދުމަށް ނިންމާފައި އޮތް ލޭނެއް ނެތްކަމަށް އެމްޑީޕީން އައީ ބުނަމުންނެވެ. އަދި އެކަމާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އެއިރުގެ ހައުސިން މިނިސްޓަރުކަމުގައި ހުންނެވި އަދި ބުރިޖުގެ މަސައްކަތް ވިލަރެސްކުރެއްވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް އަމާޒުވެފައިވެ އެވެ. 

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ވެބްސައިޓުގައި ބުރިޖު މަޝްރޫއު އިފުތިތާހުކުރިއިރު އާންމުކޮށްފައިވާ ބުރިޖުގެ ޑިޒައިނުގެ ވީޑިއޯއިން ސާފުވާ ގޮތުގައި ބުރިޖު ފުރަތަމަވެސް ފަރުމާކޮށްފައި އޮތީ ކޮންމެ ފަޅިއެއްގައި ދެ ލޭނު އޮންނަ ގޮތަށް ޖުމްލަ ހަތަރު ލޭނު ހިމެނޭހެންނެވެ. 

ބުރިޖުގެ ޑިޒައިން އާންމުކުރި ވީޑިއޯ ހިއްސާކުރައްވަމުން ޑރ.މުއްތަލިބު ވިދާޅުވެފައިވަނީ ބުރިޖުގައި ހަަ ލޭނު ބޭއްވުމަށް އެއްވެސް އިރެއްގައި ރާވާފައި ނެތްކަމަށެވެ. އަދި ބުރިޖުގެ ޑިޒައިނު ފުރަތަމަ ދައްކައިލިއިރު އޮތީ ކިތައް ލޭނުކަމާއި ބުރިޖުގެ ނިމުނުއިރު ޑިޒައިނަށް އެއްވެސް ބަދަލެއް ގެނެސްފައިވާކަން ދެނެގަތުމަށް ފުރަތަމަ އާންމުކުރި ކުރެހުންތައް ބަލައިލުމަށް މިނިސްޓަރު އެދިވަޑައިގަތެވެ. 

ބުރިޖުގެ ލޭނުގެ ވާހަކަތައް އަލުން ފެންމަތިވެގެން އުޅެނީ ރޭ ސަންގު ޓީވީން ދެއްކި ބަސްދީގަތުމެއްގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. ބުރިޖުން ލޭނެއް މަދުވެގެން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެއިރު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި ރައީސް ޑރ.މުއިއްޒަށް އެއްޗެހި ވިދާޅުވި ވިދާޅުވީނުން އެމަނިކުފާނަށް ކީރިތިކުރެއްވުނުކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

"ކެބިނެޓުގެ ވަޒީރުންނާއި އަދި ޕާޓީގެ އިސް މީހުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވެސް ޔާމީން، އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒަށް ބަވާލި މަންޒަރާއި އެ އަޑު އަހާނެ އޭރު ކެބިނެޓުގައި ތިއްބެވި ވަޒީރުން ވެސް އަދި އަޅުގަނޑުމެން ވެސް. ރައީސް މުއިއްޒު ކީރިތި ކުރައްވަންދެން ބަވާލި،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އެއާއެކު ގިނަ ބަޔަކު އަންނަނީ ކުރިއްސުރެ ބުރިޖުން ލޭނެއް މަދުކަމަށް އެމްޑީޕީން ދައްކަމުން އައި ވާހަކައަކީ ހަގީގަތެއްކަން މިހާރު ސާބިތުވެފައިވާކަމަށް ބުނަމުންނެވެ. އަދި އެމްޑީޕީގެ އެކްޓިވިސްޓުން އަންނަނީ އެ ވާހަކަ ފަތުރައި ރައީސް މުއިއްޒު ބުރިޖުން ވައްކަންކުރެއްވިކަމަށް ބުނަމުންނެވެ. 

ބުރިޖުގެ ފުރަތަމަ ޑިޒައިން ދެއްކީ އެ ޑިޒައިން ފައިނަލްކުރުމަށްފަހު އެވެ. ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަކީ ފައިނަލް ޑިޒައިން އާންމުކޮށް އެއާ އެއްގޮތަށް މަސައްކަތް ފެށުމަށްފަހު ޑިޒައިނަށް ބަދަލުގެނެވޭ މަޝްރޫއުތަކެއް ނޫނެވެ. 

ބުރިޖުގެ ލޭނެއް މަދުކަމަށް ބުރިޖު ހުޅުވިއިރު އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތައް އެއިރުގެ ސަރުކާރާއި އެއިރު ވެރިކަންކުރި ޕީޕީއެމުންވަނީ ދޮގުކޮށްފަ އެވެ. އެ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއްކަން ބުރިޖުގެ ކުރެހުންތައް ފުރަތަމަ ދައްކައިލި ވީޑިއޯއިން ސާފުވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.