މީޑިއާ ކައުންސިލަށް ހުށަހެޅި 79 މައްސަލައިގެ ތެރެއިން 95 އިންސައްތަ މައްސަލަ ހުށަހެޅީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަމަށާއި، އެހެން ފަރާތްތަކުން ހުށަހަޅާފައިވަނީ ފަސް އިންސައްތަ މައްސަލަ ކަމަށް މީޑިއާ ކައުންސިލުން ބުނެފައިވެ އެވެ.
މި އަހަރުގެ މިހާތަނަށް މީޑިޔާތަކާ ގުޅިގެން މީޑިޔާ ކައުންސިލަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން 94 އިންސއްތަ ޝަކުވާއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުށަހަޅާފައިވާ ޝަކުވާތައް ކަމަށް މީޑިއާ ކައުންސިލުން ބުނެފި އެވެ.
އެ ކައުންސިލަށް ހުށަހަޅާފައިވާ މައްސަލަތަކާއި ބަލާފައިވާ އެކި މައްސަލަތަކުގެ ތަފުސީލުތައް ހާމަކޮށްފައިވާއިރު އެންމެ ގިނައިން މީޑިޔާ ކައުންސިލަށް ހުށަހަޅާފައިވަނީ ރަޖިސްޓަރީނުކޮށް ހިންގާ ވެބްސައިޓުތަކުގެ މައްސަލަ އެވެ.
އެގޮތުން ރަޖިސްޓްރީނުކޮށް ހިންގާ ވެބްސައިޓުތައް ކަމުގައިވާ ކުރުސީ.ކޮމްއާއި ދިޔަވަރުއާއި ދޮންއަމާ އަދި ދުންމާރިއާ ގުޅޭ މައްސަލަތައް އެ ކައުންސިލަށް ހުށަހަޅާފައިވެ އެވެ. ޖުމްލަ 79 ޝަކުވާއެއް ކައުންސިލަށް ލިބިފައިވާއިރު އެއިން ގިނަ މައްސަލަތަކަކީ މި ވެބްސައިޓުތަކާ ގުޅޭ މައްސަލަ އެވެ.
މީޑިއާ ކައުންސިލަށް ހުށަހެޅި 79 މައްސަލައިގެ ތެރެއިން 95 އިންސައްތަ މައްސަލަ ހުށަހެޅީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަމަށާއި، އެހެން ފަރާތްތަކުން ހުށަހަޅާފައިވަނީ ފަސް އިންސައްތަ މައްސަލަ ކަމަށް މީޑިއާ ކައުންސިލުން ބުނެފައިވެ އެވެ.
ރަޖިސްޓަރީކޮށްގެން ހިންގާ މީޑިޔާގެ ތެރެއިން އެންމެ ގިނަ ޝަކުވާ ރައްދުވެފައިވަނީ ސަރުކާރާ ދެކޮޅަށް އެންމެ ގިނައިން ހަބަރުތައް ގެންނަ ޓީވީ ޗެނަލްކަމަށްވާ ޗެނަލް-13އާ ގުޅޭ ޝަކުވާތަކެވެ. އެ ޗެނަލާ ގުޅޭ ގޮތުން ތިން ޝަކުވާއެއް ހުށަހެޅިފައިވެ އެވެ.
ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ކައުންސިލުން ބަލައި ގޮތެއް ނިންމާފައިވަނީ 30 މައްސަލައެއްގަ އެވެ. އެ 30 މައްސަލައިގެ ތެރެއިން 20 މައްސަލައެއް ނިމުނީ ހުށަހެޅި ފަރާތާ އެއްކޮޅަަށެވެ. ނުވަ މައްސަލައެއް ނިމިފައިވަނީ ޝަކުވާ ރައްދުވާ ނޫހާ އެއްކޮޅަށެވެ.
އެންމެ ގިނަ ޝަކުވާ ރައްދުވެފައިވާ ދިޔަވަރު ވެބްސައިޓާއި ކުރުސީ.ކޮމް ސަރުކާރުން ބަންދުކުރި އެވެ. ނަމަވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ މީޑިޔާތަކުން ކަންބޮވުން ފާޅުކުރުމުން ފަހުން ސަރުކާރުންވަނީ އެ ވެބްސައިޓުތައް ބްލޮކުކުރަން ނިންމި ނިންމުން މުރާޖައާކޮށްފަ އެވެ.