ކެނަބިސް އެތެރެކުރި މީހެއް | ލައްކައަކުން ޖޫރިމަނާކޮށް އުމުރަށް ޖަލަށް

ހުކުމުގައި ބުނެފައިވަނީ މިތަކެތި ތަހުލީލު ކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނެބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށާާއި މިތަކެތީގެ ބަރުދަނުގައި 23.9378 ގްރާމް ހުރި ކަމަށެވެ.

ކްރިމިނަލް ކޯޓްގެ ނަންބޯޑް

އކެނެބިސް ޓްރެފިކް ކުރިކަމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށް ލުމާއެކު އެއް ލައްކަ ރުފިޔާއިން ޖޫރިިމަނާކުރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކެނެބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ ހުކުމް ކޮށްފައިވަނީ، ޅ. ނައިފަރު، ވެލިދޫގެ، މުހައްމަދު ޝަބިމްގެ މައްޗަށެވެ.

ކުރިމިނަލް ކޯޓުން ކޮށްފައިވާ މި ހުކުމުގައި ބުނެފައިވަނީ، މިއަހަރުގެ މާޗު މަހުގެ 11 ވަނަ ދުވަހުގެ 3:15 ގައި ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް ވިލިމާލޭ ޝެއިޙް އަބްދުއް ރަހުމާނު ޕްރީ ސްކޫލް ކައިރިން ޝަބިމް ފެނުނުއިރު، އޭނާގެ އަމަލު ހުރި ގޮތުން މަސްތުވާ އެއްޗެއް އޭނާގެ އަތުގައި ހުރިކަމަށް ފުލުހުންނަށް ތުހުމަތު ކުރެވިގެން އޭނާ ހުއްޓުވައި ބަލައި ފާސް ކުރި ކަމަށެވެ. އަދި އޭނާ ބަލައިފާސްކުރަމުންދަނިކޮށް އޭނާ ލައިގެންހުރި ޖިންސުގެ ކަނާތްފަރާތު ކުރިމަތީ ޖީބުން ފެނުނު ފިލްމު ހުސްކުރި ދަޅެއް ފެނުނު ކަމަށާއި މި ދަޅުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ކަމަށެވެ.

ހުކުމުގައިވާގޮތުން މިތަކެތި ތަހުލީލު ކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނެބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށާާއި މިތަކެތީގެ ބަރުދަނުގައި 23.9378 ގްރާމް ހުރި ކަމަށެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނު ބުނާގޮތުން، މަސްތުވާތަކެއްޗަށް ދެވި ހިފާފައި ހުރި މީހެއްގެ އަތުން 14 ގުރާމަށްވުރެ އިތުރަށް މަސްތުވާތަކެތި ފެނިއްޖެ ނަމަ އެއީ ޓެރިފިކް ކުރުމަށް ބެލެވޭނެއެވެ. އެހެންކަމުން ޝަބިމްގެ މައްޗަށްވެސް މަސްތުވާތަކެތި ޓްރެފިކް ކުރިކަމަށް ކަނޑައެޅެނެ ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

ހުކުމުގައިވާގޮތުން ޝަބިމްގެ ޖިންސް ޖީބުން މަސްތުވާތަކެތި ފެންނަންވީ ސަބަބެއް އޭނާ އަށް ނޭނގޭ ކަމަށް ކޯޓުގައި އޭނާ ވަނީ ބުނެފައެވެ. އެހެން ނަމަވެސް މިކަން ސާބިތުކުރުމަށް އޭނާގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާ ކަމަށްވެސް ހުކުމުގައިވެއެވެ.

އޭގެ އިތުރުން ޝަބިމްގެ ކުޑަކަމުދާ ތަކެތި ކެނަބިސްއަށް ޕޮޒިޓިވްވެފައިވާތީ އާއި އޭނާ ކެނބިސް ބޭނުންކުރާ ކަމަށް ފުލުހުންގެ ތަހުގީގުގައި އޭނާ ވަނީ އިއުތިރާފްވެފައިވާ ކަމަށްވެސް ހުކުމުގައިވެއެވެ. ނަމަވެސް ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ އެ ދަޅަކީ އޭނާ އާ އެއްވެސް ގުޅުމެއް ނެތް އެއްޗެއް ކަމަށް ބުނެފައެވެ.

ދައުލަތުން ވަނީ ސީނުގައި ހަރަކާތްތެރިވި ފުލުހުންނާއި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓް އަދި ކުޑަކަމުދާ ތަކެތީގެ ރިޕޯޓް ހުށަހަޅާފައެވެ.

ކެނެބިސް ޓްރެފިކް ކުރުމަށް މަސްތުވާ ތަކެއްޗާއި ބެހޭ ގާނޫނުގެ 108 ވަނަ މާއްދާގެ (ނ) ގައި ކަނޑައަޅާފައިވާ އަދަބަކީ އުމުރަށް ޖަލަށް ލުމާއެކު 100،000 (އެއްލައްކަ) ރުފިޔާއިން ފެށިގެން 10،000،000 (ދިހަ މިލިޔަން) ރުފިޔާ ދެމެދުގެ އަދަދަކަށް ޖޫރިމަނާކުރުމުވެ.

އެހެންކަމުން ޝަބިމްގެ މައްޗަށް މި ކުށް ސާބިތުވުމުން ކުރިމިނަލް ކޯޓުން ވަނީ އޭނާ 25 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައެވެ. މިފަދަ މައްސަލަތަކުގައި ޖަލު އަދަބު ކުޑަކުރުމުގެ ބާރު ގާޒީއަކަށް ނޯވެއެވެ. އެހެން ނަމަވެސް ޖޫރިމަނާ އަދަދު ކުޑަކުރުމުގެ ބާރު ގާޒީ އަށް ދީފައިވެއެވެ. އެހެންވެ ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ވަނީ މި ދައުވާއާއި ގުޅިގެން ޖޫރިމަނާ ކުރެވޭނެ އެންމެ ކުޑަ އަދަދަކީ 100،000 ރުފިޔާ ކަމަށް ކަނޑަ އަޅާއި ހުކުމް ކޮށްފައެވެ. އަދި މި ފައިސާ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.