އަގުސާ ހުރި ތަނުގައި ޔަހޫދީންގެ ކަނީސާއެއް އަޅަން ބުނުން ކުށްވެރި ކޮށްފި

އަގުސާާ މިސްކިތަކީ އިސްލާމްދީނުގައި ތިންވަނައަށް އެންމެ މުގައްދަސް މިސްކިތެވެ.

މުސްލިމުންގެ ފުރަަަތަމަ ގިބްލަ އަލް މަސްޖިދު އަގްސާ

އިރުމަތީ ގުދުސްގައި ހުންނަ އަގުސާ މިސްކިތް ހުރި ތަނުގައި ޔަހޫދީންގެ ކަނީސާއެއް އަޅާނެ ކަމަށް އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ވަޒީރަކު ބުނުން ދިވެހި ހާރިޖިއްޔާ އިން ކުށްވެރި ކޮށްފި އެވެ.

އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު ބެން ގްވިރްއަކީ އަގްސާ މިސްކިތް ހުންނަ ސަރަހައްދުގައި އަޅުކަން ނުކުރުމަށް ޔަހޫދީންނަށް އިސްރާއީލު ސަރުކާރުން އަންގާފައި އޮންނަ އެންގުމާ ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ހިލާފުވެފައިވާ މީހެކެވެ.

އޭނާ ހޯމަދުވަހު އާމީ ރޭޑިޔޯއަށް ބުނީ އޭނާއަށް ވެގެންވާނަމަ އިސްލާމްދީނުގައި ހުރުމަތްތެރިވެގެންވާ މުގައްދަސް މިސްކިތް ހުރި ތަނުގައި ޔަހޫދީން އަޅުކަންކުރާނެ ތަނެއް ބިނާކުރާނެ ކަމަށެވެ.

އެ ވާހަކަތައް ކުށްވެރިކޮށް ދިވެހި ހާރިޖިއްޔާ އިން އިނގިރޭސި ބަހުން ނެރުނު ބަޔާނެެއް ގައި އަލްއަގްސާ މިސްކިތަކީ ދުނިޔޭގެ 1.8 ބިލިއަނަށްވުރެ ގިނަ މުސްލިމުންނަށް ރޫހާނީ އަދި ތާރީހީ ގޮތުން އިންތިހާއަށް މުހިންމު މިސްކިތެެއް ކަމަށެވެ. އެއީ ހަމައެކަނި ދީނީ އަޅުކަންކުރާ ތަނެއް ނޫން ކަމަށާ އެއީ އިސްލާމީ މުހިންމު ތަރިކައެއްގެ ރަމްޒެއް ކަމަށެވެ.

ބައިނަލްއަގްވާމީ ގާނޫނާއި އދ.ގެ ކަމާބެހޭ ގަރާރުތަކާ އެއްގޮތަށް އަގްސާ މިސްކިތުގެ ތާރީހީ އަދި ގާނޫނީ ހާލަތަށް އިހްތިރާމް ކުރުމަށް ވެދް އިސްރާއީލު ސަރުކާރަށް ރާއްޖޭން ވަނީ ގޮވާލާފަ އެވެ.

ގުދުސްއާއި އެތަނާއި ގުޅިފައިވާ އެހެން މާތް ތަންތަނުގެ ގާނޫނީ ދަރަޖަ ބަދަލުވެދާނެ އެއްވެސް ފިޔަވަޅެއް އެޅުން ހުއްޓުވުމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައުން އަވަސް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

އަގުސާާ މިސްކިތަކީ އިސްލާމްދީނުގައި ތިންވަނައަށް އެންމެ މުގައްދަސް މިސްކިތެވެ. ޔަހޫދީން ދެކޭ ގޮތުގަައި އަގުސާ މިސްކިތް ހުރި ތަނަކީ އެމީހުންގެ ދީނުގައި މުގައްދަސް ފައްޅިއެއް ކުރިން ހުރި ތަނެވެ.

އިސްރާއީލުން ދަމަހައްޓަމުން އައިސްފައިވާ އުސޫލުތަކުގެ ދަށުން ޣައިރު މުސްލިމުންނާއި ޔަހޫދީންނަށް އަގުސާ މިސްކިތް ހުރި ސަރަހައްދަށް ވަކި ވަގުތުތަކެއްގައި ޒިޔާރަތްކުރުމުގެ ހުއްދަ އޮވެ އެވެ. ނަމަވެސް އެތަނުގައި ނަމާދުކޮށް އެމީހުންގެ ދީންތަކުގެ ޝިއާރުތައް ފާޅުކުރުން އޮންނަނީ މަނާކޮށްފަ އެވެ.

ބަން ގްވިރް އަގުސާ މިސްކިތަށް ވަދެ އެތަނުގައި އަޅުކަމުގެ އަމަލުތައް ހިންގާފައިވާތީ ޔަހޫދީ ދީނުގެ ބައެއް ރަބައިންވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އެމީހުން ދެކޭ ގޮތުގައި އަގުސާ މިސްކިތަކީ ޔަހޫދީން އެތަނަށް ވަންނަ ވަރަށްވުރެ މުގައްދަސް ތަނެކެވެ.

އިސްރާއީލު ތެރޭގައި އެކަހެރި ހަރަކާތެއްގެ ގޮތުގައި އޮތް، އަގުސާ މިސްކިތް ހުރި ތަނުގައި "ތިންވަނަ ފައްޅިއެއް" އެޅުމަށް ގޮވައިލާ ހިންގާ ހަރަކާތަށް ތާއީދު އިތުރުވެ، ގިނަ ބަޔަކު އެ ހަރަކާތުގައި ބައިވެރިވާންވަނީ ފަށާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.