ޔާމީނަކީ ކަންނެތް މީހެއް، އެންމެނަށް ދިނީ ލަނޑު: އަބްދުއްރަހީމް

ވިދާޅުވީ އަބްދުއްރަހީމާއި ފައިސަލަށް ޕާޓީ އެއް ނުހެދޭނެ ކަމަށް ވިދާޅުވާއިރު މިއަދު ވެރިކަމުގައި އޮތީ "ފައިސަލް ބައްޕަގެ ޕާޓީ" ކަމަށެވެ.

ރައީސް ޔާމީންގެ އަރިހުގައި އަބްދުއްރަހީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ "ކަންނެތް" ބޭފުޅެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމަކީ ޔާމީންގެ ވަރަށް އަރިސް ސިޔާސީ އެކުވެރި އެކެވެ. އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ވެސް އަބްދުއްރަހީމް ހުންނެވި އެވެ. ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމުން ޔާމީން ލީޑު ކުރެއްވި ދެ ޕާޓީ -- ޕީޕީއެމާއި ޕީއެންސީ ހިންގެވުން ހަވާލު ކުރެއްވީ އަބްދުއްރަހީމާ އެވެ. ހުރިހާ ގޮތަކުން އަބްދުއްރަހީމަށް ވަރަށް ބޮޑަށް އިތުބާރު ކުރެއްވި އެވެ. 

ޔާމީންގެ ދިފާއުގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވާ އެމަނިކުފާނަށް އެންމެ ފުރިހަމަ ބަސްތަކުން ތައުރީފު ކުރެއްވީ ވެސް އަބްދުއްރަހީމެވެ. ނަމަވެސް ރައީސް މުއިއްޒުގެ ވެރިކަން ފެށުމާއެކު ދެ ރައީސުންގެ ގުޅުން ކެނޑި އަބްދުއްރަހީމާއި ޔާމީނަކީ ވަރަށް ބޮޑު ދުޝްމަނުންނަށް ވަނީ ބަދަލުވެފަ އެވެ.

މި ފަހުން ލިބިވަޑައިގަންނަވާ ކޮންމެ ފުރުސަތެއްގައި ޔާމީންގެ ފާޑުވިދާޅުވުން އެންމެ ބޮޑަށް އަމާޒުވަނީ އަބްދުއްރަހީމަށެވެ. ވަރަށް ގިނަ ތުހުމަތުތައް ވެސް ކުރައްވަ އެވެ. އަބްދުއްރަހީމް ވެސް ޔާމީނަށް ވަރަށް ބޮޑަށް ރައްދު ދެއްވަ އެވެ. ފާޑު ވިދާޅުވެ ގިނަ ތުހުމަތުތަކެއް ކުރައްވަ އެވެ.

މިރޭ ސަންގު ޓީވީގެ ޕްރަގްރާމެއް ގައި ބައިވެރިވެވަޑައިގެން ވެސް އަބްދުއްރަހީމް ވަނީ ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާ ފާޑުވިދާޅުވެފަ އެވެ. ވިދާޅުވީ ޔާމީނަކީ ސިޔާސީ ގޮތުން ގާބިލުކަން ކުޑަ ކަންނެތް ބޭފުޅެއް ކަމަށެވެ. ސިޔާސީ ޕްލެފޯމެއް ހޯދުމަށް ޕީއޭ ނަމުގައި ޔާމީން ޕާޓީއެއް އުފެއްދެވި ނަަމަވެސް އެމަނިކުފާނު ކުރެއްވި އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

އެ ޕްލެޓްފޯމް ހައްދަވައިދެއްވާ ފުރުސަތު ފަހިކޮށް ދެއްވަން މަސައްކަތް ކުރެއްވީ މަޖިލީހުގެ މިހާރުގެ ނާއިބު ރައީސް އަހްމަދު ނާޒިމާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ވިޔަފާރިވެރިޔާ ޖައުސާ ޖައުފަރު ފަދަ ބޭފުޅުން ކަމަށް ވިދާޅުވި އެވެ.

"ކަންނެތް މީހެއް [ރައީސް ޔާމީން] އެއީ. މަސައްކަތެއް ކުރި މީހެއް ނޫން [ޔާމީން] އެއީއެއް،"

އަބްދުއްރަހީމް ވިދާޅުވީ ޔާމީނަކީ ރައްޔިތުންގެ ތާއީދެއް އޮތް ބޭފުޅެއް ނޫން ކަމަށާ ޕީއޭ ހައްދަވައިގެން ވެސް އަބަދުވެސް އެ ބޭފުޅުން އުޅުއްވަން ޖެހިވަޑައިގަތީ ތިންހާސް މެންބަރުން ހަމަނުކުރެވިގެން ކަމަށެވެ. މެންބަރުން ހޯދުމަށް އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅެއްގެ ވާހަކަ އަބްދުއްރަހީމް ހިއްސާ ކުރެއްވި އެވެ.

އޭނާ ވިދާޅުވީ އެ ރަށުގެ ރައްޔިތުން ޔާމީނުގެ ކުރިމަތީގައި އެއީ ދަންނަ ބޭފުޅެއް ނޫން ކަމަށާ ޔާމީންގެ ޕާޓީއަށް ސޮއި ނުކުރާނެ ކަމަށް ފާޅުގައި ބުނި ކަމަށެވެ. ތިން ދުވަހުގެ މަސައްކަތުން ޔާމީން ބައިވެރިވެވަޑައިގެން ޖަލްސާއަކަށް އެ ރަށުން ގެނެވުނީ ހަތްދިހަ ވަރަކަށް މީހުން ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ 2013 ވަނަ އަހަރު ޕީޕީއެމްގެ ޕްރައިމަރީ ޔާމީނަށް ކާމިޔާބު ކުރެވުނީ ވެސް މައުމޫންގެ މައުމޫންގެ ހަތަރު ބޭފުޅުން ކުރި މަސައްކަތްޕުޅުން ކަމަށެވެ.

"އެންމެންނަށް ލަނޑު ދިނީ ނޫންތޯ،" ޔާމީނަށް އިޝާރާތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ މިއަދު ނެޝަނަލް ފްރަންޓް ނަމުގައި ޕާޓީއެއް އުފައްދަވައިގެން ވެސް އެ އުޅުއްވަނީ ހަމަ އެ ހާލުގައި ކަމަށެވެ. އަދި ވިދާޅުވީ އަބްދުއްރަހީމާއި ފައިސަލަށް ޕާޓީ އެއް ނުހެދޭނެ ކަމަށް ވިދާޅުވާއިރު މިއަދު ވެރިކަމުގައި އޮތީ "ފައިސަލް ބައްޕަގެ ޕާޓީ" ކަމަށެވެ.

ކޮމެންޓް

1
450
ޞްރީ
2 weeks ago

އަ --- ނުކިޔަ ބަލަ. ތިޔައީ ކާކު ޔާމީނާ ނުލައި... އަދި ކަލޭގެ ދަރި އަކީ ޔާމީނާ ބަލާފަ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.