ސަރުކާރުގެ މަގާމުތަކުގައި ތިބި އާއިލީ މީހުންނަކީ އިލްމީ ގާބިލު މީހުން: އަބްދުއްރަހީމް

"ފަހުރުވެރިކަމާ އެކު އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުގެ އާއިލީ މީހުން ތިބޭނޭ ސަރުކާރުގައި. އެކަމަކު ތިބޭނީ އިލްމީ ގާބިލް މީހުންނޭ،" އަބްދުއްރަހީމް މިރޭ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި އަބްދުއްރަހީމްގެ ދަރިކަލުން މިނިސްޓަރު އިބްރާހީމް ފައިސަލް

މި ސަރުކާރުގެ އިސް މަގާމުތަކުގައި އާއިލީ މީހުން އެބަ ތިބި ކަމަށާ ނަމަވެސް މަގާމުތަކުގައި ތިއްބެވީ އިލްމީ ގާބިލު ބޭފުޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

އަމިއްލަ ޓީވީ ޗެނަލެއް ކަމަށްވާ ސަންގުގައި މިރޭ ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވަނީ އެމަނިކުފާނުގެ އާއިލީ ގިނަ ބޭފުޅުންތަކެއް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވުމުން އަމާޒު ވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވާފަ އެވެ. ހާއްސަކޮށް ދޮށީ ދަރިކަލުން އިބްރާހިމް ފައިސަލް، ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަނު ކުރެއްވުމުން އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވި އެވެ.

އިނގިރޭސި ބަހުން ފުރިހަމައަށް ވާހަކަފުޅު ދައްކަވަން އެނގިވަޑައިނުގެންނެވުމާއި މަގާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާ ނުކުރެއްވޭ ކަމަށް ބުނެ ބައެއް މީހުން ފައިސަލަށް ވަރަށް ބޮޑަށް ފާޑުކިޔަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ ދަރިކަލުން ފައިސަލަކީ ގާބިލް މީހެއް ނަމަ ޓޫރިޒަމް މިނިސްޓަރަކަށް ފައިސަލް ހަމަޖައްސަވަން ރައީސްގެ އަރިހުގައި އެދިވަޑައިގަތުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެގޮތަށް އެދިވަޑައިގެންނެވި ނަމަވެސް މަގާމު ދެއްވާނީ ރައީސަށް އިތުބާރު އޮވެގެން ކަމަށް ވިދާޅުވި އެވެ.

އޭގެ ފަހަށް އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރުގައި އާއިލީ ބޭފުޅުން އެބަތިއްބެވި ކަމަށާ ނަމަވެސް އެއީ އިލްމީ ގާބިލް ބޭފުޅުން ކަމަށެވެ.

"ފަހުރުވެރިކަމާ އެކު އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުގެ އާއިލީ މީހުން ތިބޭނޭ ސަރުކާރުގައި. އެކަމަކު ތިބޭނީ އިލްމީ ގާބިލް މީހުންނޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޖީގެ މަގާމަށް އާއިލީ ބޭފުޅަކު ގެންނަން ލޮބީއެއް ނުކުރަން

ހުސްވެފައިވާ ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމަށް ވެސް އަބްދުއްރަހީމް އަބްދުﷲގެ އާއިލީ ބޭފުޅަކު ގެނައުމަށް ވަރަށް ބޮޑަށް ލޮބީ ކުރައްވަމުން ގެންދަވާ ކަމަށް އަޑުތައް ފެތުރިފައިވެ އެވެ. އަބްދުއްރަހީމް އެކަން ކުރައްވަނީ އޭނާއާ ގުޅުން ހުރި މައްސަލަތަކެއް ބަލާފާނެ ކަމުގެ ބިރަކަށް ކަމަށް ވެސް ބުނެ އެވެ.

ނަމަވެސް އެ ވާހަކަތައް އަބްދުއްރަހީމް ވަނީ ދޮގު ކުރައްވާފަ އެވެ. އަބްދުއްރަހީމް ވަރަށް ސާފު އިބާރާތުން ވިދާޅުވީ ޕީޖީގެ މަގާމަށް އާއިލީ ބޭފުޅަކު ގެނައުމަށް މަސައްކަތް ނުކުރައްވާ ކަމަށެވެ.

ޕީޖީގެ މަގާމަށް ވަޑައިގެންނެވިދާނެ ފަދަ ގާބިލު ބޭފުޅުން އޭނާގެ އާއިލާގައި ތިއްބެވިކަން ވާދަވެރީން ވެސް ގަބޫލު ކުރައްވާކަން އެފަދަ ވާހަކަތަކުން އެނގިގެންދާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އެފަދަ ވާހަކަތައް ފަތުރަނީ ރައީސް ޔާމީނާ ގުޅުން ހުރި މައްސަލަތަކުގެ ސްޕީޑް ބާރުކޮށްފާނެތީ އެކަމާ ބިރުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ އޭނާއާ ނުގުޅުވޭނެ ކަމަށާ ހިޔާނާތުގެ އެއްވެސް ފައިސާއެއްގައި ޖެހިވަޑައިގެންފައި ނުވާނެ ކަމަށެވެ. އަދި އެ މައްސަލަ ބަލާފާނެތީ އެއްވެސް ކަންބޮޑުވުމެއް ނެތް ކަަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ހެޔޮ ޔާމީން ޕީޖީގެ މަގާމަށް ގެނަޔަސް. މަލީހު ނޫނީ ޖަމީލު ގެނައި ނަމަވެސް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.