އޮޑިޓް އޮފީހުން އެންގި ކަންކަން އިސްލާހީ ކުރީން، ހަގީގަތް އޮޅުވާނުލާ: މާފުށީ ކައުންސިލް

ރާއްޖޭގައި އެންމެ ފުޅާކޮށް ގެސްޓްހައުސް ވިޔަފާރި ކުރާ ކ. މާފުށި

މާފުށީ ކައުންސިލަށް ލިބުނު ގިނަ ފައިސާ ރަނގަޅަށް ބަލަހައްޓާއި ނުވުމުގެ ސަބަބުން އެ ކައުންސިލްގެ އާމްދަނީ އާއި ހަރަދުތަކުގައި އެތައް މިލިއަން ރުފިޔާއެއްގެ ބޮޑު ފަރަގެއް ހުރިކަން އޮޑިޓު އޮފީހުގެ ރިޕޯޓުން ހާމަވި ކަމަށް ބުނާ ވާހަކައިގެ ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ފަތުރާފާތީ އެކަން އެގޮތަށް ނުކުރުމަށް އެ ކައުންސިލުން ގޮވާލައިފި އެވެ. 

މާފުށީ ކައުންސިލުގެ އިދާރާގެ 2021 އަދި 2020 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ އެކައުންސިލަށް ލިބުނު އާމްދަނީގެ ބައެއް ހިސާބު ކިތާބު އެނގޭނެ އެއްވެސް ގޮތެއް ލިޔެކިޔުމަކުން ފެންނަން ނެތް ކަމަށެވެ. އެގޮތުން އެ ކައުންސިލުން ހަދާފައިވާ ހިސާބާއި އޮޑިޓުން ފާހަގަކޮށްފައިވާ ހިސާބުތަލުގައި 13 މިލިއަން ރުފިޔާގެ ފަރަގެއް ވަނީ ފާހަގަވެފައެވެ.

އޭގެ އިތުރުން އައިޑީކާޑު ފައިސާ ބަލައިގަތުމާ ގުޅޭ މައުލޫމާތު ހޯދުމަށް އޮޑިޓް އޮފީހުން މަސައްކަތް ކުރުމުން އައިޑީ ކާޑާ ގުޅޭ އެއްވެސް ފައިސާއެއް އެ ކައުންސިލުން ބަލައިގަނެފައި ނުވާނެ ކަމަށް ބުނެފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ. އެކަމަކު އޮޑިޓުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު، މާފުށީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި އައިޑީ ކާޑު ދޫކުރުމަށް ބޭނުންކުރާ ޑީއެންއާރުގެ ލިޔެކިޔުންތަކާއި 12 އައިޑީ ކާޑާއި އެއާ ގުޅުންހުރި 69،700 ރުފިޔާ ވަނީ ފެނިފައެވެ. 

އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ މި ފައިސާ އާއި ކާޑުތަކާއި އެއާ ގުޅޭ ލިޔެކިޔުންތައް ފެނިފައިވަނީ އެ ކައުންސިލް މުވައްޒަފަކު ބޭނުނުްކުރަމުންދާ ވަތްގަނޑަކުންނާއި އެ ކައުންސިލުން ބޭނުންކުރަމުންދާ އެހެން އިމާރާތުންކަމަށެވެ. މާފުށީ ކައުންސިލުން ފެނުނު ޑީއެންއާރުގެ ޝީޓުތަކާއި ކައުންސިލުން ފެނުނު ފައިސާގެ އަދަދު އަޅާކިޔުމުން ކައުންސިލުގައި ހުންނަންޖެހޭ ފައިސާގެ ތެރެއިން 13،250 ރުފިޔާމަދުކަން ވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޮޑިޓުގައި ފާހަގަކޮށްފައިވާ ބޮޑެތި މައްސަލަތައް:

  •  ކައުންސިލަށް ފައިސާ ލިބުނު ގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާންތަކުގެ ރެކޯޑުތައް ނުވަތަ މާލީ ހިސާބުތައް ރަނގަޅަށް ބަލަހައްޓާފައި ނެތުން
  •  ބަލަހައްޓާފައި ހުރި ހިސާބުތައް ބަލަހައްޓާފައިވަނީ މާޅިއްޔަތު ގަވާއިދާއި ގާނޫނާ ހިލާފަށް
  •  ކައުންސިލަށް ލިބުނު ފައިސާގެ ގޮތުގައި މާލީ ބަޔާނުގައި ހިމަނާފައިވާ އަދަދާއި ކައުންސިލްގެ ރެކޯޑުތަކުން ދައްކާ އަދަދުތައް ދިމާނުވުން
  •  2021 ވަނަ އަހަރު މާފުށި ކައުންސިލަށް ލިބުނު ކަމަށް މާލީ ބަޔާނުގައި ހިމަނާފައިވަނީ 14.2 މިލިއަން ރުފިޔާ
  •  2021 ވަނަ އަހަރު މާފުށީ ކައުންސިލަށް ލިބުނު ކަމަށް އެކްސެލްގައި ތައްޔާރުކޯށްފައިވާ ފޮތުގައި ރެކޯޑުކޮށްފައިވަަނީ 1.1 މިލިއަން ރުފިޔާ
  •  މާފުށީ ކައުންސިލަށް ލިބުނު ފައިސާއިން 13 މިލިއަން ރުފިޔާޣެ ހިސާބެއް ރަނގަޅަށް ބެލެހެއްޓިފައި ނެތް

މިނޫންވެސް ފައިސާ އާ ގުޅޭ ގިނަ ކަންކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ލިޔެކިޔުމަކާ ނުލައި ދައުލަތުގެ މުދާ ދޫކުރުމާއި ބިމު ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ ހިސާބުތައް ރަނގަޅަށް ނުބެލެހެއްޓުންފަދަ ކަންކަން ވަނީ ފާހަގަކޮށްފައެވެ.

މިކަމާ ގުޅިގެން މާފުށި ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަަނީ އޮޑިޓް އޮފީހުން ފާހަގަކުރި ގިނަ ކަންތައްތަކާމެދު އޮޑިޓާ ޖެނެރަލްގެ ލަފަޔާއެކު އިސްލާހީ ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި އާންމުކޮށްފައިވާ މި ރިޕޯޓު ތައްޔާރުކުރުމަށް އެ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ދީފައިވާނެ ކަމަށެވެ.

ކައުންސިލްގެ ބަޔާނުގައި ބުނެފައިވަނީ އޮޑިޓް އޮފީހުގެ ލަފަޔާއެކު މިހާރު އެކައުންސިލުގައި ވިޔަ މޮޑިއުލް މެދުވެރިކޮށް ފުރިހަމައަށް ހިސާބިތައް ބަލަހައްޓައި، މިފަދަ މައްސަލައެއް ތަކުރާރު ނުވާނެ ގޮތަކަށް މަސައްކަތްތަށް ތަރުތީބުކޮށްފައިވާ ކަމަށެވެ. ވިޔަ މޮޑިއުލްއަކީ ކައުންސިލްތަކުގެ މާލީ މުއާމަލާތްތަކާއި އާމްދަނީ އާޢި ހަރަދު އިލެކްޓްރިކް ނިޒާމަކުން ބެލެހެއްޓުމަށްޓަކައި އެލްޖީއޭއިން ތައާރަފްކޮށްފައިވާ މޮޑިއުލްއެކެވެ. އަދި މި ނިޒާމުގެ ތެރެއިން ކައުންސިލްތަކުގެ މާލީ މުއާމަލާތްތަށް އެލްޖީއޭ އަށް މޮނިޓާ ކުރެވޭނެއެވެ.

މާފުށީ ކައުންސިލުން ބުނީ 2021 ވަނަ އަހަރުން ފެށިގެން މި ނިޒާމު އެކައުންސިލް ގައި ބޭނުންކުރަމުންދާ ކަމަށެވެ. އަދި އެގޮތުން އެތައް ރައްޔިތުންނެއްގެ އިތުބާރު ލިބި، ދައުލަތުގެ މުދާ ރައްކާތެރިކުރެވިފައިވާ ކަމުގެ ހިތްހަމަޖެހުން އެ ކައުންސިލަށް ލިބިފައިވާ ކަމަށެވެ.

އެހެން ކަމުން ކަމުގެ ހަގީގަތް އޮޅޭ ގޮތަށް އަދި އެ ކައުންސިލާމެދު، ރައްޔިތުންގެ ހިތްތަކުގައި ނޭދެވޭ ތަސައްވުރެއް އުފެދޭ ގޮތަށް، ކައުންސިިލްގެ ބަހެއްނެތި ބައެއް މީޑިއާތަކުން ހަބަރު ފަތުރާފައިވާތީ، އެއީ ޒިންމާދާރު ނޫސްވެރިިކަމެއްގެ ގޮތުގައި އެ ކައުންސިލުން ގަބޫލު ނުކުރާ ކަމަށެވެ. އަދި އެކަން މާފުށި ކައުންސިލުން ވަަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.