ބަޣާވާތެއް ކަމަށް ސިފަކުރުން ލަދުވެތި، މައްސަލަ އަކީ ވެރިމީހާގެ ނާގާބިލު ކަން: ފައްޔާޒު

"ދިވެހިރާއްޖޭގެ ވެރިއަކު ދިވެހި ސަރުކާރުން ނުކުމެ މާލީ ބަގާވާތެއް ގެންނަން އުޅެނީއޭ ކިޔައިގެން ދެއްކި ވާހަކަ އަކީ އަޅުގަނޑުމެން މިތާ ތިބެގެން ދައްކަން ވެސް ލަދުވެތި ވާހަކަ އެއް،"

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް -- ފޮޓޯ: އެމްޑީޕީ

ބީއެމްއެލް ކާޑުން ރާއްޖޭން ބޭރުގައި މުއާމަލާތް ކުރެވޭ ލިމިޓަށް ކުއްލި ބަދަލެއް ގެނެސް ހިންގަން އުޅުނީ ބަޣާވާތެއް ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ ވެރީން ދެއްކެވީ ލަދުވެތިވާން ޖެހޭ ފަދަ ވާހަކަތަކެއް ކަމަށާ ސަރުކާރުން އިސްވެ ނިންމި ނިންމުމަކީ ދިވެހި މާލީ ނިޒާމު ފުނޑޭނެވަރުގެ ކަމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ބީއެމްއެލް ކާޑުން ރާއްޖޭން ބޭރުގައި މުއާމަލާތް ކުރެވޭ ލިމިޓް އިއްޔެގެ ކުރީ ދުވަހު ވަނީ ކުއްލި ގޮތަކަށް ބަދަލުކޮށްފަ އެވެ. އެ ގޮތުން ޑެބިޓް ކާޑުގެ ލިމިޓަކީ ދިވެހި ރުފިޔާ އެކައުންޓެއް ނަމަ މުއާމަލާތް ކުރަން އެއްވެސް އަދަދެއް ނުލިބޭނެ ގޮތަށް ހެދި އެވެ. މާނައަކީ ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކުރުން ބަންދުވުމެވެ. މި ބަދަލާއެކު ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓަކީ ދިވެހި ރުފިޔާ އެކައުންޓެއްނަމަ ބޭރު ފައިސާގެ މުއާމަލާތް ކުރަން އެއްވެސް އަދަދެއް ނުލިބޭނެ އެވެ.

މި ބަދަލުގެ އިތުރުން މިހާރު ދޫކުރާ ސްޓޭންޑަޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތައް މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށް ކުރަން ވެސް ނިންމި އެވެ. ކުރިން ބޭރުގައި 750 ޑޮލަރު ބޭނުން ކުރެވެ އެވެ.

އެކަމާ ގުޅިގެން ރައްޔިތުން ރުޅިވެރިކަމާ އެކު ނިކުމެ ސަރުކާރާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑުކިޔެވެ. ޕްރެޝަރު ވަރަށް ބޮޑުވެ ސަރުކާރުން ކުރި މަސައްކަތުން އެ ދުވަހުގެ ހަވީރު ވަނީ ބެންކުގެ އެ ނިންމުން ބަދަލުކޮށްފަ އެވެ.

ރޭ ޕީއެންސީ ހަރުގޭގައި އޮތް ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަރަށް ސާފުކޮށް ވިދާޅުވީ ހިންގަން އުޅުނީ ސީދާ ބަޣާވާތެއް ކަމަށެވެ. އެކަން ފުލުހުން ބަލަން ފަށާފައިވާ ކަމަށާ އެކަމުގެ ހަގީގަތް އެނގޭނީ ބެލީމަ ކަމަށެވެ. އަދި އެކަމުގައި ބަޔަކު ބައިވެރިވާ ކަމަށް ސިފަކުރައްވާ އެ މީހުން ކުށްވެރިވުމުން ހުކުމް ތަންފީޒު ކުރުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސްގެ ކުރީން ވާހަކަ ދެއްކެވި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމާއި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ އެ ބަޣާވާތުގެ އަޑީގައި އޮތީ އެމްޑީޕީ ކަމަށް ސިފަކޮށް ވާހަކަ ދައްކަވާފަ އެވެ.

އެކަމަށް އިޝާރާތް ކުރައްވާ ފައްޔާޒު ވިދާޅުވީ ބެންކުގެ ވެރީންނަށް ބޮޑު ތުހުމަތެއް ކުރައްވާ ސަރުކާރުގެ ވެރީން ދެއްކެވީ ލަދުވެތި ވާހަކަތަކެއް ކަމަށެވެ. ރާއްޖެ މިހާލަތަށް ދިޔައީ ވެރިމީހާގެ ނާގާބިލު ކަމުން ކަމަށާ އެއްވެސް ކަމެއް މެނޭޖު ނުކުރެވި އިގްތިސާދީ ގޮތުން ބޮޑު އަނދަވަޅަކަށް ގައުމު ވައްޓާލީ މި ސަރުކާރުގެ ނާގާބިލު ކަމުން ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ވެރިއަކު ދިވެހި ސަރުކާރުން ނުކުމެ މާލީ ބަގާވާތެއް ގެންނަން އުޅެނީއޭ ކިޔައިގެން ދެއްކި ވާހަކަ އަކީ އަޅުގަނޑުމެން މިތާ ތިބެގެން ދައްކަން ވެސް ލަދުވެތި ވާހަކަ އެއް،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި ބެންކުގެ ނިންމުމުގެ ފަހަތުގައި އޮތީ ސަރުކާރެވެ. އަދި އެއީ މި ސަރުކާރުން ކުރި ދިވެހި މާލީ ނިޒާމު ފުނޑޭނެވަރުގެ ކަމެއް ކަމަށް ވިދާޅުވި އެވެ. 

ބީއެމްއެލް ކާޑުން ރާއްޖޭން ބޭރުގައި މުއާމަލާތް ކުރެވޭ ލިމިޓަށް ކުއްލި ބަދަލެއް ގެނެސް ހިންގަން އުޅުނީ ބަޣާވާތެއް ކަމަށް ތުހުމަތުކޮށް ފުލުހުން ވެސް ވަނީ އެކަން ތަހުގީގު ކުރަން ފަށާފަ އެވެ. ފުލުހުންގެ އެެ ނިންމުމަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. އަދި އެއީ އެ މުއައްސަސާއަށް ސަރުކާރުން ނުފޫޒު ފޯރުވައިގެން ކުރާ ތަހުގީގެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.