ސްޓެލްކޯ ރިއަލް ޓައިމް ބިލަށް | މާފަސޭހަވާނެ، މާމޮޅު ގޮތެއް

ސްޓެލްކޯއިން މިހާރު ބިލް ކުރާ ގޮތުން ގިނަ މައްސަލަތަކެއް ކުރިމަތިވެ އެވެ. ރީޑިން ނަގާތާ 20 ދުވަސްފަހުން ބިލް އައުމުން ގިނަ އޮޅުންތަކެއް އަރަ އެވެ.

ސްޓެލްކޯ މުވައްޒަފެއް ރީޑިން ނަގަނީ : ވަގުތުން ބިލް ކުރެވޭ ނިޒާމަކަށް

ސަރުކާރުގެ ކަރަންޓު ކުންފުނި ސްޓެލްކޯ ވުޖޫދުވެގެން އައިސް ރަސްމީކޮށް 1997 ގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އުފެދުނު ޒަމާނުން ފެށިގެން މިއަދާ ހަމަށްވެސް ބިލް ކުރަމުން ދިޔައީ އެއްގޮތަށެވެ. ބިލް ކުރުމުގައި މައިގަނޑު މަހުފޫމްއަކީ ސްޓެލްކޯގެ ކަރަންޓު ބިލް ގޭގެ އަށް ދާންވާނީ މުސާރަ ލިބުނީމަ އެވެ.މުސާރަ ލިބޭއިރު ބިލް އޮންނަން ވާނީ ގޭބިސީގެ މޭޒުމަތީގަ އެވެ. ސްޓެލްކޯގެ ދިގު ތާރީހުގައި މިހާތަނާ ޖެހެންދެން ވެސް ބިލް ދާނީ މަހުގެ ކުރީކޮޅު އެވެ. އެކަމަކު ދުނިޔޭގެ އެހެން ގައުމުތަކަށް ބަަލާއިރު އަސާސީ ހިދުމަތްތަކުގެ ބިލްތަކަކީ އެ ބިލެއްގެ ރީޑިން ނަގާ ދުވަހު ބިލް ދައްކަން ޖެހޭ މީހާގެ އަތަށް އަރާ އެއްޗެކެވެ. މިހެން އެ ގައުމުތަކުގައި ހަދާ ސަބަބަކީ ކަރަންޓު ފަދަ އަސާސީ ހިދުމަތްތަކީ އާއްމު ރައްޔިތުންނާ ގުޅުން ބޮޑު ކަމަށްވެފައި ރީޑިން ނަގާ ދުވަސްނޫން އެހެން ދުވަހަކު ބިލް ދިއުމުގެ ސަބަބުން އަރާ އޮޅުންތައް ކުޑަ ކުރުމެވެ. ނަމަވެސް މިހާތަނަށް ސްޓެލްކޯ އިން އެފަދަ ހިޔާލެއް ނުގެންގުޅެ އެވެ. މިހާރު ރީޑިން ނަގަނީ މަހުގެ ކުރީކޮޅެވެ. އެކަމަކު ކަރަންޓު ބިލްއަތަށް އަރަނީ މަހުގެ ފަހުކޮޅެވެ. މިއީ ބަދަލުވާން ޖެހޭ ކަމެކެވެ.މިކަން ބަދަލުކުރަން ޖެހެ އެވެ.

ސުވާލަކީ ސްޓެލްއިން ރިއަލްޓައިމް ބިލިންގެ ނިޒާމަކަށް ބަދަލުކޮށްފިނަމަ ލިބޭނެ ފައިދާއަކީ ކޮބައި ހެއްޔެވެ ؟ މި ވަގުތު ރިއަލް ޓައިމް ބިލަށް ސްޓެލްކޯ އިން ހިޖުރަ ކުރަން ޖެހޭ ސަބަބު ތަކަކީ ކޮބައި ހެއްޔެވެ ؟

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވި ގޮތުގައި މިހާރު އޮންނަ ގޮތުން ބިލްގެ ރީޑިން ނަގާ ދުވަހުން ފެށިގެން ގެއަށް ބިލް ދާން ގާތްގަނޑަކަށް 25 ދުވަހާއި 30 ދުވަހުގެ ފަރަގެއް ދައްކަ އެވެ. އެހެންވެ އެ ކުންފުނިން މިހާރު ތައްޔާރު ވަމުންދަނީ ރިއަލްޓައިމް ބިލިން ނިޒާމަކަށް ހިޖުރަކުރާށެވެ.

"މާނައަކީ ރީޑިން ނަގާ ދުވަހު ވަގުތުން ވަގުތަށް ބިލް ޑެލިވާ ކުރެވޭ މެކޭނިޒްމްއެއް ތައާރަފު ކުރަން މި މަސައްކަތް ކުރަނީ،" ފަހުމީ ވިދާޅުވި އެވެ.

ސްޓެލޯއިން ބިލް ކުރުމާއި ބިލް ހެދުމަށް ހާއްސަ ޓީމްތަކެއް އަބަދު ވެސް ހާއްސަކޮށްފައި ތިބެ އެވެ. މި ޓީމުތަކުން މާލޭގެ 40،000 އަށްވުރެ ގިނަ ގޭބިސީއާއި ގިނަ އަދަދެއްގެ ވިޔަފާރިތަކުން ރީޑިން ނަގަން ކޮންމެ މަހެއްގެ ކުރީކޮޅު އެ ތަންތަންތަނަށް ޒިޔާރަތް ކުރެ އެވެ. ސްޓެލްކޯއިން ރިއަލްޓައިމް ބިލިންގެ ނިޒާމަކަށް ހިޖުރަ ކުރުމާއެކު އެ ކުންފުނީގެ މިޓީމަށް ކުރަން ޖެހޭ މަސައްކަތް ޑަބަލްވާނެ އެވެ. އެކަމަކު އެ ކުންފުނިން މިހާރު ދަނީ އެކަން ކުރަން ތައްޔާރުވަމުންނެވެ. 

އެހެން ކުންފުނިތަކުން ބިލް ކުރަނީ ރިއަލްޓައިމްކޮށް

ރާއްޖޭގެ އަސާސީ ހިދުމަތް ދޭ އެހެން ކުންފުނި ތަކުން މިހާރު ވެސް ބިލް ކުރަނީ ރިއަލްޓައިމް ބިލިން ނިޒާމަށެވެ. އެހެންވެ ރިއަލްޓައިމް ބިލިން ނިޒާމަކަށް ސްޓެލްކޯ ވެސް ބަދަލުވާން ޖެހެ އެވެ. އަވަށްޓެރި ގައުމުތަކާއި އެންމެ ފުރިހަމަ ނިޒާމުތައް އޮންނަ ގައުމުތަކުގައިވެސް އަސާސީ ހިދުމަތުގެ ބިލްތަކަކީ ވަގުތުން އޭގެ ހިސާބު ބެލި ބިލް ހެދި ގޭބިސީތަކަށްދާ ބިލް ތަކެކެވެ. އެހެންވީއިރު ރާއްޖޭގައި އެކަން ނުކުރަންވީ ސަބަބެއް ނެތެވެ. 

މި ނިޒާމަށް ސްޓެލްކޯ ހިޖުރަ ކުރަން ޖެހޭ އެއް ސަބަބަކީ ރީޑިން ނަގާތާ އެތައް ދުވަހެއް ފަހުން ބިލް ކުރުމުގެ އަންނަ ޝަކުވާތަކަށް ނިމުން ގެނައުމެވެ. ނުވަތަ އެ ޝަކުވާތައް މަދު ކުރުމެވެ. މިހާރު ބިލް ކުރަމުންދާ ގޮތުން އޮޅުން އަރަ އެވެ. ބިލަށް ރީޑިން ނަގާތާ 20 ދުވަސް ފަހުން އެ ބިލް ގެއަށް އައުމަކީ އޮޅުން އަރާނެ ކަމެކެވެ.

ލަސް ބިލުން އާއްމުންނަށް އޮޅުން އަރާ

ސޯޝަލް މީޑިއާ އަށް ބަލައިލާއިރު ވެސް ކޮންމެ އަހަރަކު މި ޝަކުވާ ފުނި ޖެހެ އެވެ. ކޮންމެ މަހަކު ގިނަ ބަޔަކު މި ހާސަރު ދަމަ އެވެ. ސްޓެލްކޯގެ ބޮލުގައި އެތައް ތުހުމަތެއް އަޅުވަ އެވެ. ބިލުގެ ރީޑިން ނަގާ ދުވަހު ކިތަންމެ ހޫނު ގަދަ ދުވަހަކަށްވި ނަމަވެސް ބިލް ގެއަށް އަންނަ ދުވަސްވަރަކީ ވިއްސާރަ ފިނި ދުވަސް ވަރަކަށް ވުމުން އާއްމުންގެ ޝަކުވާ ފުނި ޖެހެ އެވެ. ބައެއް ފަހަރު މިކަމުގައި އޮޅުން ވެސް އަރަަ އެވެ. ބައެއް ގޭގައި އުޅޭ މީހުން ބިލް ކުރާ ދުވަހު ގޭގައި ނެތުމުން ކުރިމަތިވާ ޝަކުވާތައް ވެސް މަދެއް ނޫނެވެ. 

ސޯޝަލް މީޑިއާގައި އާއްމު ޝަކުވާއެއް އޮވެ އެވެ. މި ގޭގެ ހުރިހާ މީހުން މިމަހުގެ ބޮޑުބައިގައި އުޅުނީ ރާއްޖޭން ބޭރުގަ އެވެ. ނޫނީ މާލޭން ބޭރުގަ އެވެ. އެހެންވީއިރު ކަރަންޓު ބިލް ބޮޑުވާންވީ ސަބަބަކީ ކޮބައި ހެއްޔެވެ؟ 

މި މައްސަލަ ދިމާވާ ސަބަބަކީ ބިލުގެ ރީޑިން ނަގާ ދުވަސްވަރު ވިއްސާރަ ދުވަސްވަރަކަށް ވިނަމަވެސް ފިނި ދުވަސްވަރުގެ ކުޑަބިލް ލިބޭނީ ޖެހިގެން އަންނަ މަހުގެ ތެރޭގަ އެވެ. އަނެއް ކަމަކީ ސްޓެލްކޯ އަށް ކުރާ ތުހުމަތުތަކުގެ ދޮރު ބަންދު ކުރުމެވެ. ސްޓެލްކޯ އިން ބިލް ކުރާނީ އަބަދު ވެސް ބޭނުން ކުރާ ކަރަންޓަކަށެވެ. ބޭނުން ނުކުރާ ކަރަންޓަކަށް ސްޓެލްކޯ އަށް ބިލެއް ނުކުރެވޭނެ އެވެ. ރިއަލްޓައިމް ބިލިން ނިޒާމެއް ތައާރަފު ކުރުމުން ލިބޭނެ އަނެއް ފައިދާއަކީ ގޭގެ ވެރި ފަރާތަށް ރީޑިން ނަގާ ދުވަހު ސްޓެލްކޯ އިން ރީޑިން އަށް އަރާވަރު ވަގުތުން ވެރި ފަރާތައް މީޓަރު ޗެކްކޮށްލައިގެން ބަލައިލުމުގެ ފުރުސަތު އޮންނާނެ އެވެ. މިއީ ކަސްޓަމަރުންނަށް ލިބިގެންދާނެ ބޮޑު ފަސޭހަ އެކެވެ. ބިލުގެ ރީޑިން ނެގި މުއްދަތު ބަލައިލުމުގެ ފުރުސަތު އޮންނާނެ އެވެ.

ސްޓެލްކޯ އިން މިހާރު މަސައްކަތް ކުރަމުން ދަނީ ރިއަލްޓައިމް ބިލިން އަށް ހިޖުރަކުރުމުގެ އިތުރުން ބިލް ދައްކަން ލިބޭ މުއްދަތު ވެސް އިތުރު ކުރަން ދަނީ މަސައްކަތް ކުރަމުންނެވެ. މި ނިޒާމު ތައާރަފުކޮށްފިނަމަ ކަސްޓަމަރުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ. އަދި މިހާރު ކަސްޓަމަރުން އުފުލަން ޖެހޭ ދަތިތަކަށް ނިމުމެއް އަންނާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.