މަރުހަބާ! ދަރާ ރަޝީދަށް ޝަރަފުވެރި އެވޯޑެއް

ފިލްމީ ދާއިރާގައި 44 އަހަރު މަސައްކަތް ކޮށްފައިވާ ދަރާއަށް ލިބުނު މި އެވޯޑަކީ ދިވެހި ފަންނާނަކަށް ލިބުނު އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.

މުހައްމަދު ރަޝީދު (ދަރާ) އޭނާއަށް ލިބުނު އެވޯޑާ އެކު

ދިވެހި ފިލްމީ ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ އެކްޓަރުންގެ ތެރޭގައި ހިމެނޭ މުހައްމަދު ރަޝީދު (ދަރާ) އަށް ޝަރަފުވެރި އެވޯޑެއް ލިބިއްޖެ އެވެ.

ދަރާއަށް ލިބިފައި ވަނީ އިންޑިއަން އައިކަން ދާދާ ސާހިބު ޕަލްކޭ އެޗީވާސް އެވޯޑެވެ. މިއީ އެކި ދާއިރާތަކުގައި ދިގު މުއްދަތަކަށް ފާހަގަ ކުރެވޭ ފަދަ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތްތަކަށް ދެމުންދާ އެވޯޑެވެ.

ފިލްމީ ދާއިރާގައި 44 އަހަރު މަސައްކަތް ކޮށްފައިވާ ދަރާއަށް ލިބުނު މި އެވޯޑަކީ ދިވެހި ފަންނާނަކަށް ލިބުނު އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. އިންޑިއާގައި ފިލްމީ ދާއިރާގެ ފަންނާނުންނަށް ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑަކީ ވެސް ދާދާ ސާހިބު ޕަލްކޭ އެވޯޑެވެ.

ދާދާ ސާހިބު ޕަލްކޭ އަކީ އިންޑިއާގެ ފިލްމީ އިންޑަސްޓްރީގެ ބާނީ އެވެ. އޭނާ އަކީ އެ ގައުމުގައި ފިލްމެއް އުފެއްދި ފުރަތަމަ މީހާ އެވެ.

މުހައްމަދު ރަޝީދު (ދަރާ) އޭނާއަށް ލިބުނު އެވޯޑާ އެކު

އުމުރުން އެންމެ 18 އަހަރުގައި ފިލްމީ ދާއިރާއަށް ނިކުތް މުހައްމަދު ރަޝީދު (ދަރާ) ފިލްމީ މަސައްކަތުގައި ހަރަކާތްތެރިވާތާ 44 އަހަރުވެފައިވާއިރު އެންމެ ފަހުންް އޮތް ފިލްމު އެވޯޑްސްގެ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް އަރުވާފައި ވަނީ ވެސް އެކްޓަރު އަދި ޑައިރެކްޓަރު ދަރާ ރަޝީދަށެވެ.

މިދިޔަ އަހަރު ބެންކުގައި އޮތް "ބެންކު އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް" ގައި ވެސް ދަރާއަށް ވަނީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ހިދުމަތް ކުރުމުގެ ރޮނގުން ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް އަރުވާފަ އެވެ.

އޭނާ އަކީ ދިވެހި ފިލްމީ އިންޑަސްޓްރީ ގައި އުފެދުނު އެންމެ ކުޅަދާނަ އެއް އެކްޓަރެވެ. ހުރިހާ ރޯލަކަށް ވެސް ފިޓް ވަރަށް ހުނަރުވެރި އެކްޓަރެކެވެ. ގިނަ ޑައިރެކްޓަރުންގެ އެއް ނަންބަރު އެކްޓަރެވެ.  

ދަރާ ރަޝީދުގެ ކާމިޔާބުތައް؛

  •  ބެސްޓް ކެމެރާމަން އެވޯޑް - 1996
  •  ގައުމީ އިނާމް - 2005
  •  ހިދުމަތުގެ އަގުވަޒަންކޮށް ފިލްމު އެސޯސިއޭޝަންގެ އެވޯޑް - 2015
  •  ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް 2019
  •  ބެންކު އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް - 2023
  •  އިންޑިއަން އައިކަން ދާދާ ސާހިބު ޕަލްކޭ އެޗީވާސް އެވޯޑް - 2024

ޓީވީގެ ކެމެރާމަނެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައިވާ ދަރާއަކީ ކުޅަދާނަ ކެމެރާމަނެކެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވީ "އޯކިޑް އޭނާގެ މާ" މި ނަމުގައި އުފެއްދި ފިލްމުންނެވެ.

މިހާތަނަށް ދަރާ ވަނީ 35 ވަރަކަށް ފީޗާ ފިލްމާ، ގިނަ ވީޑިއޯ ލަވަތަކެއްގައި ވެސް މަސައްކަތް ކޮށްފަ އެވެ. ދަރާގެ އެންމެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ސަޒާ އާއި ކަނޑުރޯދި، އޯކިޑް އޭނާގެ މާ، އިހްތިޔާރު، ޔޫސުފް އެންޑް ޒައިނަބާއި ފިދާ، އިތުބާރު، ޗުއްޓީ، ލޭކަރުނަ ފަދަ ފިލްމުތައް ހިމެނެ އެވެ.

މިހާރު އޮލިމްޕަހުގައި އޮތް "ކަމަނާ" ގައި ވެސް ދަރާ މުހިންމު ރޯލަކުން ފެނެ އެވެ. މި ފަހުން އުފައްދާ ގިނަ ފިލްމުތަކާއި ސީރީޒްތަކާއި އާންމުން ހޭލުންތެރި ކުރުވުމުގެ ވީޑިއޯތަކުގައި ވެސް ދަރާގެ ބައިވެރިވުން ބޮޑެވެ.

އެމްއެސްޕީއޭ އަށްވެސް އެވޯޑެއް

މީގެ އިތުރުން މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް -- އެމްއެސްޕީއޭ އަށް ވެސް ވަނީ އެވޯޑެއް ލިބިފަ އެވެ. މިއީ އެންޖީއޯތަކަށް ދޭ އެވޯޑެކެވެ.

ދުބާއީގެ ޖެނެސިސް އަލްޓިމާ ދުބާއީ ކޮމްޕެނީއަކާއި އިންޑިއާގެ މަހޭޒް ފައުންޑޭޝަން ކޮމްޕެނީއެއް ގުޅިގެން ދޭ "ޔުނިވާސަލް އައިކަން އެޗީވާސް އެވޯޑް" އެމްއެސްޕީއޭއަށް ލިބުނީ މިދިޔަ ކުރު މުއްދަތުގެ ތެރޭގައި އެ ޖަމިއްޔާ އިން ކޮށްފައިވާ މަސައްކަތްތަކުގެ އަގުވަޒަން ކޮށެވެ.

އެމްއެސްޕީއޭ އަކީ 2011 ވަނަ އަހަރު އުފެދުނު އެންޖީއޯ އެކެވެ. އެ އެންޖީއޯ އުފެދުމަށް ފަހު "އަރުތަ އެވޯޑް" ނަމުގައި ބޮޑު އެވޯޑް ހަފްލާއެއް ބޭއްވި އެވެ. އޭގެ ފަހުން ހިންގުން މަޑުޖެހުނެވެ. ނަމަވެސް އެންޖީއޯގެ ޗެއާމަންގެ މަގާމާ ދަރާ ރަޝީދު ހަވާލުވެ އަލުން ޖަމިއްޔާގެ ހިންގުން ހަރުދަނާ ކުރި އެވެ.

އެއީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން ފިލްމީ ދާއިރާއަށް ހާއްސަކޮށް ވަރަށް ގިނަ މަސައްކަތްތައް އެ ޖަމިއްޔާ އިން ކޮށްފައިވެ އެވެ. މި އަހަރު ވެސް ވަރަށް ގިނަ ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ ހިމަނާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.